ޚަބަރު

ހިތާދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިމިއްޖެ


  • ބަނދަރު ތަރައްޤީރުމުގެ މަޝްރޫޢު 70 އިންސައްތަ މަސައްކަތް ވަނީ ނިމިފައި

  • މިއީ 17.7 މިލިޔަން ރުފިޔާގެ މަޝްރޫޢެއް

ބ. ހިތާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިފައިވާކަމަށް، އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

އެމް.ޓީ.ސީ.ސީން ވިދާޅުވީ ބ. ހިތާދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 70 އިންސައްތަ ނިމިފައިވާކަމަށްށެވެ. އަދި މިހާރު ކުރިއަށް ދަނީ ބްރޭކްވޯޓާގެ ޕްރޮފައިލިންގ މަސައްކަތާއި ކުއޭ ވޯލް ޑިޒައިންކޮށް އިމާރާތް ކުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

ބ.ހިތާދޫ ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން ކުރިން އޮތް ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތާއެކު ބަނދަރު ފުންކުރުމުގެ މަސައްކަތް މީގެ ކުރިން ވަނީ ނިންމާލައިފައެވެ.

ހިތާދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރޭގައި 22 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 495 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 350 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށި މަރާމާތު ކުރުން ހިމެނެއެވެ. އަދި ބްރިޖެއް ހެދުމާއި، 1750 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޕްލެޓްފޯރމެއް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. މި މަސައްކަތައް އެކުންފުންޏާއި ޙަވާލުކުރީ 17.7 މިލިޔަން ރުފިޔާއަށެވެ.

ހިތާދޫ ބަނދަރަކީ އެރަށުގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ މަސްވެރިކަމުގެ ބޮޑެތި އުޅަނދުތައް ބޭނުންކުރާ ބަނދަރެއެކެވެ. އެހެންކަމުން ބޭރު ތޮށި ހަދާ ނިމި، ބަނދަރު ފުޅާކުރުމުން ބަނދަރުގެ ޚިދުމަތް ހޯދާ އޮޑިދޯނިފަހަރުތަކާއި މަސްވެރި އުޅަނދުތަކަށްވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެރަށު ކައުންސިލުން ދެކެއެވެ.