މިހާރު ކުރިއަށްދާ އެފްއޭއެމް ލީގު ކަޕުގައި އެންމެ ބޮޑު އިސްކަމެއްދީފައިވާނީ ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދިނުމަށްކަމަށާއި ފުޓުބޯޅައިގައި މަހިބަދޫއަކީ މުސްތަޤުބަލު އޮތް ޓީމެއްކަމަށް މަހިބަދޫ ސްޕޯޓްސް ކުލަބުގެ ކޯޗު ހުސައިން އައްބާސް ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ އެފްއޭއެމް ލީގު ކަޕުގައި މަހިބަދޫ ސްޕޯޓްސް ކުލަބު ބަލިކޮށް، މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ޓީސީ ސްޕޯޓްސް ކުލަބު ހޯދި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށްދިން އިންޓަވިއުއެއްގައެވެ. ޤައުމީ ފުޓްބޯޅަ ދަނޑުގައި މިދިޔަ ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުން މަހިބަދޫ ސްޕޯޓްސް ކުލަބު ބަލިވީ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުންނެވެ.
މިމެޗުގައި މަހިބަދޫންވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެހެންނަމަވެސް މެޗުގެ ފަހުވަގުތުކޮޅުގައި ޓީސީގެ އަބްދުﷲ ރިޒާން މުހައްމަދު ޖެހިލަނޑާއެކު ޓީސީންވަނީ ލީޑުނަގާ ސެމީގެ ޖާގަކަށަވަރުކޮށްފައެވެ. އައްބާސް ބުނީ އެންމެ ފަހުވަގުތާއި ހަމައަށްވެސް ކާމިޔާބު ހޯދުމަށް ކުޅުންތެރިން ހިތްވަރުކުރިކަމަށެވެ. އެހެންނަމަވެސް މަހިބަދޫއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ، ޓީސީން އެންމެ ފަހުން މެޗު ކާމިޔާބުކުރީކަމަށް އޭނާ ބުންޏެވެ.
"ވަރަށް ނަސީބުދެރަކޮށް މި ދިމާވީ. ފަހުވަގުތު ހަމަ އަނެއްހެން މޮޅުވާން ވަރަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރި. އެކަމަކު ފަހުވަގުތު ހެދުނު މިސްޓޭކަކުން އަޅުގަނޑުމެންނަށް ލިބުނު ކޯނަރެއް ނިންމާނުލެވިގެން ގޮސް ބައިކޮޅަށް އެވަނީ." އައްބާސް ބުންޏެވެ.
އެމެޗުގެ ނަތީޖާގެ ސަބަބުން މަހިބަދޫއަށް ދެން މުބާރާތުގައި ފުރުޞަތުތަކެއް ނެތްކަން ފާހަގަކުރަމުން އޭނާ ބުނީ އެހެންނަމަވެސް ކުރިއަށް އޮތް ނިއުރޭޑިއަންޓު މެޗުގައި ރަނގަޅު ކުޅުމެއްދެއްކޭތޯ މަސައްކަތްކުރާނެކަމަށެވެ.
މުބާރާތުގައި މަހިބަދޫ ޓީމުން ދެއްކި ކުޅުމާއި ދޭތެރޭ ވަރަށް ހިތްހަމަޖެހޭކަމަށް އައްބާސް ފާހަގަކުރިއެވެ. މުބާރާތުގެ ސްކޮޑު ފައިނަލު ކުރުމުގައިވެސް އޭނާ ބަލާފައިވާނީ ޒުވާންކުޅުންތެރިންނަށް ފުރުޞަތު ދިނުމަށްކަމަށް މަހިބަދޫގެ ކޯޗު ބުނެފަވެއެވެ.
"ވަރަށް ހިތްހަމަޖެހޭ. މިހާރު އަރާކުދިންނަށް ބޮޑަށް ދެން ފުރުސަތުދީގެން ޒުވާން ކުޅުންތެރިންނަށް ބޮޑަށް ފުރުސަތުދޭން ވިސްނީ" ޓީމުގެ ކުޅުމާ ގުޅޭގޮތުން އައްބާސް ބުންޏެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން އައްބާސް ބުނެފައިވަނީ މި މުބާރާތާ އެޓީމުން ކުރިމަތިލީ މާބޮޑު ފަރިތަކުރުންތަކެއްނެތި ކަމަށެވެ. އެގޮތުން މުބާރާތުގެ ފުރަތަމަ މެޗަކީ އެއްވެސް ވަރެއްގެ ފަރިތަކުރުމެއްނެތި ފުރަތަމަވެސް ކުޅެން ދަނޑަށް އެރި މެޗެއްކަމަށް އޭނާ ހާމަކުރިއެވެ. މަހިބާދޫގެ ޒުވާނުންނަކީ ފުޓުބޯޅައަށް ލޯބިކުރާބައެއްކަން ފާހަގަކުރަމުން އޭނާ ބުނީ މަހިބަދޫއަކީ މުސްތަޤުބަލު އޮތް ޓީމެއްކަމަށް އޭނާ ޔަޤީންކުރާކަމަށެވެ.
އެފްއޭއެމް ލީގު ކަޕުގައި މަހިބަދޫން ދެން ނުކުންނާނީ ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެމެޗު ކުޅޭނީ މިރޭ 21:00 ގައި ރަސްމީ ބޯޅަ ދަނޑުގައެވެ.