ޚަބަރު

ތެލެސީމިއާ ހޮސްޕިޓަލް ތަރައްޤީކުރާނީ ބޯންމެރޯ ހެދޭނެ އިންތިޒާމްތަކާއެކު: ޑރ. ޚަލީލް


  • މިހާރު ހުރި ބްލަޑް ބޭންކަށްވުރެ ރަނގަޅަށް ޚިދުމަތް ދެވޭނެ

  • ތެލެސީމިއާ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރުމަށް ދަނީ މަސައްކަތްކުރަމުން

ހުޅުމާލެގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ތެލެސީމިއާ ހޮސްޕިޓަލް ވާނީ މި ސަރަޙައްދުގައިވެސް ތަރައްޤީކުރާ އެންމެ ވަރުގަދަ އެއް ހޮސްޕިޓަލަށްކަމަށާއި އެތަން ތަރައްޤީކުރާނީ ބޯންމެރޯ ހެދޭނެ އިންތިޒާމްތަކާއެކުގައިކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ތެލެސީމިއާ ދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ސިއްޙަތާ ބެހޭ ވަޒީރު ވަނީ ތެލެސިމިއާ ކުދިންނަށް ރާއްޖޭގައި ތިބެގެން ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތައް ފަހަގަކުރައްވާފައެވެ. ބައިނަލްއަޤްވާމީ ތެލެސީމިއާ ދުވަސް ފާހަގަކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ފަރުވާދެމުންދާ އިމާރާތް ބަދަލުކުރުމަށް ސަރުކާރުން އިސްކަމެއް ދެއްވާކަމަށާއި ހުޅުމާލެ ފުރަތަމަ ފިޔަވަހިން އައު އިމާރާތެއް ލިބިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ އެ އިމާރާތް ތަރައްޤީކުރައްވާނީ ތެލެސީމިއާ ކުދިންގެ ޚިޔާލާ މަޝްވަރާއާއެކުގައި ކަމަށާއި މިހާރު އިމާރާތުގެ ޑިޒައިންގެ މަސައްކަތް ނިންމާފައިވާކަމަށެވެ. އަދި އިމާރާތް ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސެމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި ތެލަސީމިއާ ކުދިންނަށް ޚިދުމަތް ދޭނެ ފުލްފްލެޖް ހޮސްޕިޓަލެއް ހުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ތަޞައްވަރެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެތަން ވެގެންދާނީ މި ސަރަޙައްދުގައިވެސް ތަރައްޤީކުރާ އެންމެ ވަރުގަދަ އެއްތަނަށްކަމަށެވެ. އަދި އެ ހޮސްޕިޓަލް ތަރައްޤީކުރަނީ ރާއްޖޭގައިތިބެގެން ބޯން މެރޯ ހެދޭނެ އިންތިޒާމްތަކާއި އެހެނިހެން ޚިދުމަތްތަކާއެކުގައިކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ފުލްފުލެޖް ހޮސްޕިޓަލެއް ތަރައްޤިކުރާއިރު ޚިދުމަތްދޭ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން މީހުންނަށް ތަމްރީން ދިނުމަކީ މުހިންމު ކަމެއްކަމަށެވެ. އެގޮތުން މީހުން ތަމްރީން ކުރުމަށްޓަކައި އަވަށްޓެރި ބައެއް ޤައުމުތަކުގެ އެހީ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށާއި އެއްބަސްވުމަށް ވަރަށް ކައިރި މުސްތަޤުބަލެއްގައި ސޮއިކުރެވޭނެކަމަށެވެ.

"އެތަނުގައި ތިބެގެން ބޯންމެރީ ހެދުމާއި ފަހުގެ ސައިންސްގެ ޒަރިއްޔާއިން މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަން ބޭނުންވަ އާލާތްތައް ޤާއިމް ކުރުމާއި ފަހުގެ ލެބޯޓަރީތައް ޤާއިމްކުރުން ފަދަ ކަންކަން ޤާއިމްކުރެވޭނެ. ރާއްޖޭގައި މިހާރު ހުރި ބްލަޑް ބޭންކަށްވުރެ ރަނގަޅަށް ޚިދުމަތް ދެވޭނެ އިންތިޒާމް ޤާއިމްކުރާނެ." ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވިއެވެ.

ސަރުކާރުގެ ޚަރަދުގައި ރާއްޖެއިން ބޭރަށް ބޯން މެރޯ ހެދުމުގެ އިންތިޒާމްތަކާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ މިއަހަރުގެ ތެރޭ އިތުރު 10 ކުއްޖަކު ބޯންމެރޯ ހެދުމަށް ރައްޖެއިން ބޭރަށް ފޮނުވާނެކަމަށެވެ. އޭގެ ތެރެއިން 5 ކުދިން މިއަހަރުގެ މެދުތެރޭގައި ފަރުވާއަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާކަމަށާއި އަހަރުގެ ފަހުކޮޅު އިތުރު 5 ކުދިން ފޮނުވާނެކަމަށެވެ.

މީގެ ކުރިން ބޯން މެރޯ ޓެސްހެދުމަށް ކުރަންޖެހޭ މަސައްކަތަކީ އުނދަގޫކަމެއްކަން ފާހަގަކުރައްވާ ޚަލީލު ވިދާޅުވީ ރައީސްގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގައި ތިބިގެން ބޯންމެރޯ ޓެސްޓް ހެދޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށެވެ.

އެގޮތުން މާރޗްމަހުގެ 7 ވަނަ ދުވަހު އެކަމުގެ ފުރަތަމަ ބުރުގެ މަސައްކަތްތައް ނިންމާފައިވާކަމަށާއި ކައިރި މުސްތަޤުބަލެއްގައި ދެވަނަ ބުރުގެ މަސައްކަތްތައް ނިންމާލެވޭނެކަމަށެވެ. ފުރަތަމަ ބުރުގައި 13 މީހެއްގެ ޓެސްޓްހަދާފައިވާކަމަށާއި އެއކީ ލިބުނު ބޮޑުކާމިޔާބެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

"ބޯންމެރޯ ޓެސްޓް ހެދުމަށްޓަކައި 5 މީހަކު ރާއްޖެއިން ބޭރަށް ފޮނުވާފައިވޭ. އޭގެ ތެރެއިން 2 މީހުންގެ ބޯން މެރޯ އެޕަރެޝަންތައް ނިމި ސިއްޙަތު ރަނގަޅު މިހާރު ފަރުވާއަށްފަހު އޮބްޒަވޭޝަންގައި ތިބީ. އަނެއް 3 ކުދިންގެ އޮޕަރޭޝަން ކުރުމުގެ ކަންކަން ވަރަށް އަވަހަށް ހަމަޖެހިގެންދާނެކަމަށް." ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވިއެވެ.

ތެލެސީމިއާ ބަލީގެ މީހުންނަށް ދޭންޖެހޭ ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި ޓީޓޫ ސްޓަރ ޓެސްޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ހުޅުމާލޭ ހޮސްޕިޓަލްގައި ނިންމާފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކައިރި މުސްތަޤުބަލެއްގައި މި ޚިދުމަތްވެސް އެއްކޮށް ލިބޭނެ އިންތިޒާމް ހަމަޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އެހީތެރިކަމާއެކު ވާރުތަކުރާ މައްސަލައަށް އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަތުމަށްކަމަށެވެ. އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިތުރުން ބޭރުގެއެކި ފަރާތްތަކުގެ އެހީތެރިކަމާއެކު އެދިފައިވާނެކަމަށާއި ބައެއް ޤައުމުތަކުގެ ވަޒީރުންނާ ބައްދަލުވާނެކަމުގެ އުންމީދުއޮތްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.