ކުޅިވަރު

އޭޝިއަން ގޭމްސް: ބަނގްލަދޭޝްގެ ބުރަކި އުކުންތެރިޔާ އަށް އަނިޔާވެއްޖެ


އޭޝިއަން ގޭމްސް އަށް ތައްޔާރުވާ ބަނގްލަދޭޝްގެ ގައުމީ ކްރިކެޓް ޓީމުގެ ބުރަކި އުކުންތެރިޔާ މުހައްމަދު ސައިފުއްދީނަށް އަނިޔާވެ ޓީމުން ބާކީ ކޮށްފި އެވެ.

އޭނާގެ ބަދަލުގައި ޓީމަށް ނަގާފައިވަނީ އަލިސް އަލް އިސްލާމެވެ. މި ކުޅުންތެރިޔާ އަކީ މީގެ ކުރިން ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެއް ނޫނެވެ. ބަނގްލަދޭޝް ކްރިކެޓް ބޯޑުން ބުނީ ޖަޕާނުގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި ވާދަކުރާ ޓީމުގައި ޒުވާން ކުޅުންތެރިން ހިމެނުނަކީ ކުރިއެރުމެއް ކަމަށެވެ.

އުމުރުން 29 އަހަރުގެ ސައިފުއްދީނަށް އެންމެ ފުރަތަމަ އަނިޔާވީ އެކުވެރިކަމުގެ މެޗުތަކެއް ކުޅެނިކޮށެވެ. އޭނާ ވަނީ ބަނގްލަދޭޝް އެންމެ ފަހުން ކުޅުނު ޓެސްޓް ސިލްސިލާގައި ވެސް ކުޅެފަ އެވެ. ނަމަވެސް ފަޔަށް ތަދުވާތީވެ އޭނާ އެންމެ ފުރަތަމަ އެކަން ފާހަގަ ކުރަން ފެށީ މި މަހުގެ 19 ވަނަ ދުވަހު ބޭއްވި ގައުމީ ޓީމުގެ ފަރިތަކުރުންތަކުގަ އެވެ.

މިހެންވެ ހެދި އެމްއާރުއައި ރިޕޯޓްތަކުން ދައްކަނީ އޭނާގެ ކުޑަކަޅުވާގެ މަސްތައް އިރައިގެން ގޮސްފައިވާ ކަމަށެވެ.
ބަނގްލަދޭޝް ކްރިކެޓް ބޯޑުން ބުނީ މި އަނިޔާ މުޅިން ރަނގަޅުވާން މަދުވެގެން ތިން ހަފުތާ ބޭނުންވާނެ ކަމަށެވެ.

އޭޝިއަން ގޭމްސް ބަނގްލަދޭޝް ފަށާނީ މުބާރާތުގެ ކުއާޓާ ފައިނަލުންނެވެ. އެ ގައުމާ ދެކޮޅަށް ކުޅޭނީ ހޮންކޮން އާއި އޮމާނާއި މެލޭޝިޔާ ހިމެނޭ ގްރޫޕުގެ އެއްވަނަ ޓީމެވެ.

އޭޝިއަން ގޭމްސްގެ ކުއާޓާ ފައިނަލަށް ހޮވާފައިވާ ގައުމުތަކަކީ އިންޑިއާ އާއި ސްރީލަންކާ އާއި ޕާކިސްތާނާއި ބަނގްލަދޭޝް އެވެ. މިއީ ދުނިޔޭގެ ކްރިކެޓްގެ ވެސް ގަދަ ބާރުތަކެވެ. މުބާރާތުގައި ދެނ ބައިވެރިވާ ހަ ގައުމު ބަހާލާފައިވަނީ ދެ ގްރޫޕަކަށެވެ. ކުއާޓާ ފައިނަލަށްދާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ގަދަ ދެ ޓީމެވެ. ގްރޫޕް އޭގައި ހިމެނެނީ އަފްޢާނިސްތާނާއި ޖަޕާނާއި ނޭޕާލެވެ.