ޚަބަރު

ކައުންސިލްތަކުގެ ޙާލަތު ދެނެގަތުމަށް ވަޒީރު މާލެ އަތޮޅުގެ 4 ރަށަކަށް ޒިރާތްކޮށްފި


  • ވަޒީރު ވަޑައިގެންފައިވަނީ ތުލުސްދޫ، ދިއްފުށި، ހުރާ އަދި ހިންމަފުށްޓަށް

  • ކައުންސިލްތަކުގެ ހުރި ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފައި

  • ސަރުކާރުގެ ތެރެއިން އަދި ވުޒާރާގެ ތެރެއިން ހައްލުކޮށްދޭނެކަމަށް ވިދާޅުވި

ކައުންސިލްތަކުގެ ހާލަތު ދެނެގަތުމާއި ހުރި ދަތިތައް ހޯދުމަށް މާލެ އަތޮޅު 4 ރަށަކަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ އިތުރުން ތުލުސްދޫ ދާއިރާގެ އިންތިޚާބީ މެންބަރު އިބްރާހިމް ނަސީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ޒިޔާރަތްކޮށްފައިވަނީ މާލޭ އަތޮޅުގެ 4 ރަށަކަށެވެ. އެގޮތުން އެންމެ ފުރަތަމަ ވަޑައިގަސތީ ކ. ދިއްފުށްޓަށެވެ. އެއަށްފަހު ދެން ވަޑައިގަތީ ކ. ތުލުސްދޫއަށެވެ ތުލުސްދޫއަށްފަހު ވަޒީރާއި އެމަނިކުފާނުގެ ޓީމް ދެން ވަޑައިގަތީ ކ. ހުރާއެވެ. އަދި މި ދަތުރުފުޅުގެ އެންމެފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގަތީ މާލެ އަތޮޅު ހިންމަފުށްޓަށެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި މިއިން ކޮންމެ ރަށެއްގެވެސް ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ކ. އަތޮޅު ކައުންސިލާވެސް ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުންތަކުގައި ކޮންމެ ރަށަކުންވެސް އެރަށެއްގައި ހުރި ގޮންޖެހުންތަކާއި ހުރި ދަތިތައް ވަނީ ވަޒީރާއި ހިއްސާކުރައްވާފައެވެ. އަދި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރަށުގައި ކުރިއަށްދާ ތަރައްޤީގެ މަސައްކަތްތަކާއި އެހެނިހެން މަސައްކަތްތަކުގެ މަޢުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ.

މި ބައްދަލުވުންތަކުގައި ކައުންސިލުން ހުށައެޅި ޝަކުވާތައް ބަލައިގަނެ، ވަޒީރު ވަނީ އެ ވުޒާރާ ތެރެއިންނާއި މީގެ އިތުރުން ސަރުކާރުގެ ތެރެއިން މަސައްކަތްކޮށްގެން އެކަންކަމަށް ހައްލު ހޯދައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރަކީ ރައްޔިތުންނާއި ގުޅުން ހުރި މުހިންމު މަސައްކަތްތައް އޭގެ އެންމެ އެދެވޭ ގޮތެއްގައި ކުރުންކަމަށެވެ.

އެގޮތުން ރަށެއްގެ ތަރައްޤީ އެންމެ ބޮޑަށް ގުޅިފައިވަނީ އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނާއިކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރަށަށް ތަރައްޤީ ގެނެވޭނީ ފުރަތަމަ އެ ރަށެއްގެ ކައުންސިލްގެ ހާލަތު ރަނގަޅު ކުރެވިގެންކަމަށެއެވެ. އެހެންކަމުން ކައުންސިލްތަކަށް މިހާރަށް ވުރެއް ބޮޑަށް ބާރުވެރިކުރުވާއި ކައުންސިލްތަކަށް އާމްދަނީ ވަންވާނެ އިތުރު ދޮރުތަކެއް ހުޅުވިގެން ދިޔުމަކީ މުހިންމު ކަމެއްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން 4 ރަށުގެ ހުރި ކަންބޮޑުވުންތައް އަޑުއަހައިފިން. ވަރަށް މުހިންމު ކަންތައްތަކެއް ވަނީ ފާހަގަކޮށްފައި. ހާއްސަކޮށް ކައުންސިލް އިދާރާތައް މަރާމާތު ކުރުމާއި މީގެ އިތުރުން ރަށުގައި ފަށާފައި ހުއްޓިފައި ހުރި މަސައްކަތްތައް އަވަސް ކުރުމަށް މީގެ އިތުރުން ފެނާއި ނަރުދަމާގެ މަސައްކަތުގެ ވާހަކަ ވަނީ ހިއްސާކޮށްފައި. އެހެންވީމަ އަޅުގަނޑުމެން މިފަދަ މައްސަލަތައް ވީ އެންމެ އަވަހަށް ހައްލު ކުރުމަށް މަސައްކަތް ކުރާނަން." އާދަމް ޝަރީފް ވިދާޅުވިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތަށް ހިންގުމާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވަނީ ކައިންސިލްތަކުގެ އިތުރުން މި 4 ރަށުގެ ބައެއް އާންމު ރައްޔިތުންނާއި ބައްދަލުކުރައްވާ އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް ވަރަށް ގާތުން އަޑުއައްސަވާފައެވެ.