ޚަބަރު

އައްޑޫ ރައްޔިތުންގެ އުންމީދާއި ގުޅިފައިވާ ހަންކެޑެ ޓޫރިޒަމް މަޝްރޫޢު ފަށައިފި


  • މިއީ 142.9 މިލިއަން ޑޮލަރުގެ މަޝްރޫޢެއް

  • ޢަމަލީ މަސައްކަތް 2 ހަފްތާ ތެރޭގައި ފެށޭނެ

  • މަޝްރޫޢާއެކު 3000 ވަޒީފާ އުފެދިގެންދާނެ

  • މިތަން ތަރައްޤީކުރަނީ ޗައިނާ ކުންފުންޏަކުން

އައްޑޫ ސިޓީގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރިއަށްގެންދާ ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ބިންގާއަޅާއިފިއެވެ.

މި މަޝްރޫޢަކީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މިހާތަނަށް ފެށި އެންމެ ބޮޑު އެއް މަޝްރޫޢެވެ.

އައްޑޫ ސިޓީގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އިންޤިލާބީ ބަދަލެއް ގެނުވައިދިނުމުގެ އިތުރުން، އައްޑޫސިޓީ ދެމެހެއްޓެނިވި ގޮތުގައި ތަރައްޤީ ކުރުމަށް މަގުފަހިކޮށްދިނުމެވެ. މިއީ 142.9 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫއެކެވެ.

މަޝްރޫޢު އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މިފަދަ އިންވެސްޓްމަންޓަކަށް އައްޑޫ ރައްޔިތުން އެދިއެދި ތިބިތާ އެތައް އަހަރެއް ވެފައިވާކަމަށެވެ. މިއީ އައްޑޫގެ ކުދި ބޮޑު އެތައް ރައްޔިތުންނެއް އިންތިޒާރުކުރި ދުވަހެއްކަމަށް ވަޒީރު ވިދާޅުވިއެވެ. 2008 ވަނަ އަހަރުން ފެށިގެން މި ޕްރޮޖެކްޓްގެ އަޑު އައްޑޫ ރައްޔިތުން އަޑުއަހަމުން އައިނަމަވެސް މިކަން ހަޤީގަތަކަށް ވެގެންމިދަނީ މި ވެރިކަމުގައިކަމަށް ވިދާޅުވިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްއޮތް 2 ހަފްތާގެ ތެރޭގައި ފެށިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި މަޝްރޫޢާއެކު ސިދާގޮތުންނާއި ނުސީދާގޮތުން އައްޑޫގައި 3000 ވަޒީފާ އުފެދިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"2082 އެނދު އެއީ މި ޕްރޮޖެކްޓުގެ ވަޢުދަކީ. މިއާއެކު އުފެދިގެން މި އަންނަނީ 1986 ސީދާ ވަޒީފާ. ނުސީދާގޮތެއްގައި 1635 ވަޒީފާ. މިއީ އައްޑޫ ސިޓީގައި މިވަގުތު ވަޒީފާތަކަށް ބޭނުންވެފައިތިބި ގިނަ ބޭފުޅުންގެ އެ އުއްމީދަށް ޙައްލެއް އަންނާނެ ޕްރޮޖެކްޓެއް." ވަޒީރު އިޙްސާން ވިދާޅުވިއެވެ.

މި މަޝްރޫޢުއަކީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯރޕަރޭޝަނުން ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެން.އީ.އީ.ސީ) އާއި ދެމެދު 23 މާރިޗު 2023 ގައި ވެފައިވާ އިންޖިނިއަރިންގ، ޕްރޮކިއުމަންޓް އަދި ކޮންސްޓަރްކްޝަން (އީ.ޕީ.ސީ) އެއްބަސްވުމުގެ ދަށުން ތަރައްޤީކުރެވިގެންދާ މަޝްރޫއެކެވެ.

މި މަޝްރޫޢު ނިމިގެން ދާއިރު އައްޑޫ ސިޓީގައި 2,082 އެނދު ހިމެނޭގޮތަށް 1,041 ކޮޓަރި ތަރައްޤީ ކުރެވޭނެއެވެ. މި މަޝްރޫޢުގެ ތެރެއިން ތަޢާރަފް ކުރެވޭ ތަފާތު ގިންތީގެ ހޮޓެލްތަކުގެ ތެރޭގައި 2 ގްރޭންޑް، 2 ޑިލަކްސް، އަދި 10 ބުޓީކް ހޮޓެލް ތަރައްޤީ ކުރެވޭނެއެވެ. އަދި 64 ސަރވިސްޑް އެޕާރޓްމަންޓް ތަކުގެ އިތުރުން، 7 ބީޗް ވިލާވެސް މިމަޝްރޫޢު ތެރޭގައި ހިމެނިގެން ދާނެކަމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ވިދާޅުވެއެވެ.

މި މަޝްރޫޢު ނިމިގެންދާއިރު ނޮލެޖް ސެންޓަރުތަކާއި، މިކްސް ސްޕޯޓް ބިލްޑިންއަކާއި، އައުޓްޑޯރ ބީޗް ސްޕޯރޓްސް އަދި ތިއޭޓަރ ފަދަ ގިނަގުނަ މުނިފޫހިފިލުވުމުގެ ޙިދުމަތް ތަޢާރަފްކުރެވިގެންދާނެއެވެ. އަދި ފުޑް ކޯޓާއި، ރެސްޓޯރެންޓްތައް ފަދަ ކުދި ވިޔަފާރިތަކުގައި އާންމު ފަރުދުންނަށް ޙަރަކާތްތެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި މި ކަންތައްތަކަށް ޙާއްސަ އިމާރާތްތައް ބިނާކުރެވިގެންދާނެއެވެ.

ޒަމާނީ ފެންވަރަށް ކުރިއަށް ގެންދާ މި މަޝްރޫޢު މެދުވެރިކޮށް އައްޑޫސިޓީގެ އެންމެހާ ރައްޔިތުންނަށާއި އަދި ޖުމްލަކޮށް މުޅިރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް އިންޤިލާބީ ބަދަލުތަކެއް ލިބިގެންދާނެއެވެ.