ޚަބަރު

މޫޑީސްގެ ރޭޓިން: އިޤްތިސާދާއި، ތަރައްޤީ މަޑު ނުޖެހި ދުނިޔޭގެ މާލީ އިތުބާރާއި ޔަގީންކަން


  • މޫޑީސްއިން ރާއްޖެއަށް އެންމެ ފުރަތަމަ ދީފައިވަނީ ބީ 2 ރޭޓިން އެއް

  • ރޭޓިން ދަށް ކުރަމުންދިޔައީ ދަރަނި އަދާކުރުމުގެ ހިރާސް ބޮޑުވުމުން

  • ރޭޓިން މަތިކޮށްފައިވަނީ ދަރަނި އަދާކުރުމުގައި ސަރުކާރުން ހޯދި ކުރިއެރުންތަކުން

މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެން މޫޑީސްއަކީ ދިވެހިރާއްޖޭގެ މާލީ ހާލަތަށް ބަލައި ރާއްޖެއަށް ރޭޓިންއެއް ދެމުން އަންނަ އެއް ފަރާތެވެ. ނަމަވެސް މިވީ 10 އަހަރަށް ބަލާއިރު މޫޑީސްގެ ރޭޓިން މަތިކޮށްފައިވަނީ އެންމެ ފަހަރަކުއެވެ.

މޫޑީސް ރޭޓިންތަކުގެ ތާރީޚަށް ބަލާއިރު އެންމެ ފުރަތަމަ އެއިދާރައިން ދިވެހިރާއްޖެއަށް ރޭޓިންއެއް ދީފައިވަނީ 2016 ވަނަ އަހަރުއެވެ. އޭރު ދީފައިވަނީ ބީ 2 ރޭޓިންކެވެ. މިއީ ދަރަނި އަދާކުރުމުގެ ހާލަތައް ބަލައި މެދު މިނެއްގައި ހިފެހެއްޓުނުކަމަށް ދީފައިވާ ރޭޓިންއެކެވެ. އޭގެ ފަހުން 2018 ވަނަ އަހަރުވެސް މޫޑީސްއިން ބީ 2 ގައި ރޭޓިން ދެމެހެއްޓިއެވެ. ނަމަވެސް އެއައިދާރައިން އޭރު ވަނީ ރޭޓިން މިސްރާބު ނެގެޓިވް ގޮތުގައި ދީފައެވެ. މީގެ ސަބަބަކީ އޭރު ކުރިއަށް ގެންދެވުނު ޢޫމްރާނީ ތަރައްޤީގެ މަސައްކަތާއެކު އިތުރުވަމުން ދިޔަ ދަރަނިއެވެ.

މޫޑީސް ރޭޓިން 4 އަހަރު ފަހުން ދަށްކުރީ، ކޯވިޑާއެކު ރާއްޖެއަށް ލިބެމުން އައި އާމްދަނީ ހުއްޓުމަކަށް އައުމުންނެވެ. ކޯވިޑުގެ ތެރޭގައި އިތުރުވަމުން ދިޔަ ޚަރަދުތަކާއެކު ޤައުމަށް އާމްދަނީ ވަންނަމުން ދިޔަ މިންވަރު ދަށްވުމަކީ ދަރަނި އަދާކުރުމުގެ ހިރާސް އިތުރުވެގެން ދިޔަ ސަބަބެކެވެ. މިއާއެކު ބީ 2 އިން ބީ 3 އަށް ރޭޓިން ދަށް ކުރިއެވެ. އަދި 2021 ވަނަ އަހަރު އޯގަސްޓުގައި މި ރޭޓީން ސީއޭއޭ 1 ދަށް ކުރިއެވެ. ކޯވިޑުގެ ހާލަތުން އަރައިގަތުމަށް ކުރަމުން ދިޔަ މަސައްކަތުގައި ރޭޓީން ދަށް ކުރިނަމަވެސް ފަތުރުވެރިކަން އިޔާދަވާން ފެށުމުން ރޭޓިންގެ މިސްރާބު ސްޓޭބަލް ކަމަށް ފާހަގަކޮށްފައިވެއެވެ.

ކޯވިޑަށް ފަހު ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ނުކުރެވި، ފެނިގެން ދިޔަ ޚަރަދުތައް އިތުރުވެގެން ދިޔަ ތަނެވެ. އަދި ދަރަނި އަނބުރާ ދެއްކުމުގެ ހިރާސްތައް އިތުރުވެގެންދިޔައެވެ. އޭރުގެ ސަރުކާރުން ނަގާފައިވާ ލޯނުތަކާއެކު، އިންތިޚާބާއި ދިމާކޮށް ޚަރަދުތައް އިންތިހާއަށް ބޮޑުވުމާއެކު ރާއްޖޭގެ މާލީ ހާލަތު ދިޔައީ ދަށްވަމުންނެވެ. މިކަންކަމަށް ރިއާޔަތްކޮށް، އަދި ބޭރުފައިސާގެ ތާށިކަންވެސް ހުރުމާއެކު 2024 ވަނަ އަހަރު ސެޕްޓެންބަރުގައި ރޭޓީން ސީއޭއޭ 2 އަށް ދަށް ކުރިއެވެ.

ރާއްޖޭއަށް ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް، ސަރުކާރުން އޭރު އޮތީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރޭގައި ބޭރުފައިސާ ދައުރުވާ މިންވަރު އިތުރު ކުރުމަށާއި، ފަތުރުވެރިކަމުގެ އާމްދަނީގެ ތެރެއިން ލިބޭ ބޭރުފައިސާ ބޭންކަށް މާރުކުރާ ގޮތަށް ޤާނޫނު ފާސްކުރުމާއެކު މޫޑީސްގެ ރޭޓީން ޑިިސެމްބަރު މަހު ވަނީ ދަމައްހައްޓާފައެވެ.

މޫޑީސްގެ ރޭޓިން ސީއޭއޭ 2 ގައި މިދިޔަ އަހަރު ތެރޭގައި އެއްކޮށް ދަމަހައްޓާފައިވާއިރު، އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އޮތީ ދަރަނި ދެއްކުމުގެ ހިރާސްއެވެ. މިއަހަރު ދެއްކުމަށް އޮތް 500 މިލިޔަން ޑޮލަރުގެ ސުކޫކް ހިމެނޭހެން ޖުމްލަ 1 ބިލިޔަނެއްހާ ޑޮލަރު މިއަހަރު ދައްކަން އޮތުމަކީ މޫޑީސްގެ ރޭޓީން މިގޮތުގައި ދެމެހެއްޓި ސަބަބެކެވެ.

ނަމަވެސް 10 އަހަރަށް ފަހު ބުރާސްފަތި ދުވަހު މޫޑީސްއިން ވަނީ ފުރަތަމަ ފަހަރަށް ރޭޓިން މަތިކޮށް އަލުން ސީއޭއޭ 1 އަށް ބަދަލުކޮށްފައެވެ. މޫޑީސްއިން މިގޮތަށް ނިންމާފައިވަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ނަތީޖާ އެދެވޭ ގޮތެއްގައި ފެންނަމުންދާތީއާއި، ދަރަނި އަދާކުރުމުގައި ހޯދާފައިވާ ކުރިއެރުންތަކުގެ އިތުރުން، މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، ކުރިއަށް އޮތް ކުރު މުއްދަތުގެ ތެރޭގައި ދަރަނި ނުދެއްކިދާނެކަމަށް އޮތް ނުރައްކާ ބޮޑުތަނުން ކުޑަވެފައިވާތީއެވެ.

މޫޑީސްގެ ރޭޓިންގ މަތިވުމާއެކު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވުޒާރާގެ އިން 8 އޮކްޓޫބަރު 2026 ގައި ނެރުނު ބަޔާނެއްގައި ވާގޮތުން، މި ރޭޓިންގް މަތިވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، މިއަހަރުގެ އޭޕްރީލް މަހު 500 މިލިޔަން ޑޮލަރުގެ ސުކޫކް ދައްކައި ހަލާސްކުރުމާއި، 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ދައްކައި ނިންމުމުގެ އިތުރުން، މެއި އަދި ސެޕްޓެންބަރު މަހު ޖުމްލަ 100 މިލިޔަން ޑޮލަރުގެ ޓްރެޜަރީ ބިލްތައް ދައްކާފައިވުން ހިމެނެއެވެ. މީގެއިތުރުން، 100 މިލިޔަން ޑޮލަރުގެ ޔޫރޯބޮންޑެއް ދެއްކުމުގެ މުއްދަތު 2031 އަށް އިތުރުކުރުމަކީވެސް ކައިރި މުސްތަގުބަލުގައި ދަރަނި ދެއްކުމަށް އޮތް ތާށިކަން ކުޑަވެގެންދިޔަ ކަމެއްކަމަށް މާލީ ވުޒާރާއިން ހާމަކުރެއެވެ.

މޫޑީސްއިން ރޭޓިންއަށް ގެނައި ބަދަލުން، ޔަޤީންވަނީ ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއެކު އިޤްތިޞާދީ ކުރިއެރުން ލިބެމުންދާ ކަމެވެ. ދުނިޔޭގެ މާލީ އިދާރާތަކުން ރާއްޖެއަށް ކުރާ އިތުބާރު ބޮޑުވަމުންދާކަން ފެނެއެވެ. އިންވެސްޓަރުންގެ އިތުރުބާރު ލިބޭކަން ކަށަވަރުވެއެވެ. މީގެ އެއް ހެއްކަކީ، ރާއްޖެއަށް 20 ބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއް ލިބުމެއެވެ.