ޚަބަރު

ސީޕްލޭން ޚިދުމަތް ފަށާ ދެވަަނަ ރަށަކަށް ތޮއްޑޫ، ސަރވޭ ފަށައިފި


  • އަދި ކުރިއަށްދަނީ ސަރވޭގެ މަސައްކަތްތައް

  • އަމާޒަކީ ވީހާވެސް އަވަހަކަށް މި ޚިދުމަތް ފެށުން

  • ބ. ފުޅަދުއަށް ސީޕްލޭންގެ ޚިދުމަތް ފެށީ މިދިޔަ ޑިސެމްބަރުގައި

އއ. ތޮއްޑުއަށް ވީހާވެސް އަވަހަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް އިޔާސް ވިދާޅުވެއްޖެއެވެ. ތޮއްޑޫ ވެގެންދަނީ މީހުން ދިރިއުޅޭ ރަށްތަކަށް ސީޕްލޭން ދަތުރު ފަށާ ދެވަނަ ރަށެވެ.

ތޮއްޑުއަށް ސީޕްލޭން ދަތުރުތައް ފެށުމަށް އެކަމަށް ބޭނުންވާ ސަރވޭގެ މަސައްކަތްތައް އައިލެންޑް އޭވިއޭޝަންއިން މިހާރު ވަނީ ފަށާފައެވެ. އެގޮތުން ކުންފުނީގެ ޓީމެއް ތޮއްޑުއަށް ދަތުރުކޮށް، ސަރވޭއަށް ބޭނުންވާ މަޢުލޫމާތު ނެގުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް އިޔާސް ވިދާޅުވީ، މި ސަރވޭގައި، ޚިދުމަތް ދިނުމުގައި ރައްކާތެރިކަން ކަށަވަރުކުރުމާއި ގުޅޭ ސަރވޭއާއި ސީޕްލޭން ކައިރިކުރާ ޕްލެޓްފޯމް ހެދުމުގެ މަސައްކަތް ގެންދާނެގޮތުގެ ސަރވޭ ކުރިއަށްގެންދިޔަކަމަށެވެ. އެގޮތުން ބޯޓު ކައިރިކުރާ ފަޅުގެ މޫސުމާއި ރައްކާތެރިކަން އޮތް މިންވަރާ ތިމާވެއްޓަށް އަސަރުކުރާ މިންވަރު އަދި ރިސްކް އެސެސްމަންޓްތައް ހަދާނެއެވެ.

އިޔާސް ވިދާޅުވީ، ޚިދުމަތް ޤާއިމުކުރުމަށް ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާތައްވެސް ފަށާފައިވާކަމަށެވެ. މި ޚިދުމަތް ތޮއްޑުއަށް ފެށުމުގެ އެންމެ ބޮޑު ބޭނުމަކަށް ވަނީ ރިސޯޓްތަކަށް އެކަނި ޚިދުމަތް ދިނުމުގެ ބަދަލުގައި، ގެސްޓް ހައުސް ވިޔަފާރިތަކާއި އާއްމު ރައްޔިތުންނަށްވެސް ޚިދުމަތުގެ މަންފަ ލިބޭނެ މަގު ފަހިކޮށްދިނުންކަމަށް ވިދާޅުވިއެވެ. އިޔާސް ވިދާޅުވީ މިއީ ސަރުކާރުން އިސްކަންދެއްވާ ޚިދުމަތެއްކަމަށެވެ.

"މިހާރު އަދި ވަރަށް ކުރީކޮޅުގައި ކުރާ ދިރާސަތައް މި ފެށީ. އެކަމަކު ކުންފުނީގެ މަޤުޞަދަކީ ވީހާވެސް އަވަހަށް ތޮއްޑޫގައި ޚިދުމަތް ފެށުން." އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް އިޔާސް ވިދާޅުވިއެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަޙްމަދު ކަރަމް ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، ވައިގެ ދަތުރުފަތުރުން ގުޅާލުމަކީ ރަށަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމެއްކަމަށެވެ. ޚާއްސަކޮށް ސީ ޕްލޭން ދަތުރުތައް ފަތުރުވެރިންގެ މެދުގައި މަޤުބޫލުވެފައި އޮންނަނީ އެކްސްކަރޝަންއެއްގެ ގޮތުގައިކަމުން، ތޮއްޑޫއަށް ފަތުރުވެރިންގެ ޝައުގުވެރިކަން މިހާރަށްވުރެ އިތުރުވާނެކަމަށެވެ.

ކަރަމް ވިދާޅުވީ، ސީޒަންގައި އެވަރެޖްކޮށް ތޮއްޑުއަށް ދުވާލަކު 150އެއްހާ ފަތުރުވެރިން ޒިޔާތްކުރާކަމަށެވެ. ތޮއްޑޫގައި މިހާރުވެސް 60 ގެސްޓްހައުސް ހިންގަމުންއާދެއެވެ.

"ކަނޑުމަގުން އެކަނި ދަތުރުތައް އޮންނާނީ އޭގަ ގޮންޖެހުންތައް ހުރޭ. ސީ ޕްލޭން ފެށުނީމަ އަނެއްކާވެސް ޝައުގުވެރި ޑެސްޓިނޭޝަނެއްގެ ގޮތުގައި ތޮއްޑޫވެގެންދާނީ. ފޮޓޯނަގާލާ، އެކްސްކަރޝަނެއްގެ ގޮތުގައި ބޮޑަށް ފަތުރުވެރިން ބޭނުންކުރާ ޚިދުމަތެއް މިއީ." ކަރަމް ވިދާޅުވިއެވެ.

މީހުން ދިރިއުޅޭ ރަށްތަކަށް މޯލްޑިވިއަންއިން ސީޕްލޭން ދަތުރުތައް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުއެވެ. އެގޮތުން ފުރަތަމަ ޚިދުމަތް ފަށާފައިވަނީ ބ. ފުޅަދޫއަށެވެ.