ޚަބަރު

ޖޫން މަހު ބަންކަރިންގެ ޚިދުމަތް ދިނުމަށް ތައްޔާރީތައް ފެށޭނެ: ސަޢީދު


  • މިކަމާއި ގުޅޭ ޓާމް ޝީޓު އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައި

  • ވިޓޯލް ބަންކާސްގެ މެޕްގައި މިހާރު ރާއްޖެ ވަނީ ހިމަނާފައި

  • މި ޚިދުމަތް ދެނީ 2 ފިޔަވައްސަކަށް ބަހާލައިގެން

މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމަށްޓަކައި ތައްޔާރީތައް ފެށޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ތުރުކީގެ ޓީއާރުޓީ ނިއުސްއަށް ދެއްވި އިންޓަވިއެއްގައެވެ.

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ދިނުމަށްޓަކައި ވިޓޯލް ބަންކާސްއާއެކު ޓާރމް ޝީޓުގައި މިހާރު ވަނީ ސޮއިކޮށްފައެވެ. ވިޓޯލް ބަންކާސްއަކީ ދުނިޔޭގެ މަޤުބޫލު މުދާ އުފުލާ އަދި ޝިޕިންގެ މަސައްކަތްތައް ކުރިއަށްދާ އެކި ސަރަޙައްދުތަކުގައި ބޯޓުފަހަރަށް ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ފަރާތެކެވެ. ވިޓޯލް ބަންކާސްގެ މެޕުގައި ދިވެހިރާއްޖެ މިހާރު ވަނީ ހިމަނާފައެވެ.

މިކަމާއި ގުޅޭގޮތުން ތުރުކީގެ ޓީއާރުޓީ ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ސައީދު ވިދާޅުވީ، ވިޓޯލް ބަންކާސްއިން ރާއްޖޭގައި މި ޚިދުމަތް އަންނަ ޖޫން މަހުގެ ތެރޭގައި ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.

ބަންކަރިންގެ ޚިދުމަތް ދޭނީ 2 ފިޔަވައްސަކަށް ބަހާލައިގެންކަމަށް ވަޒީރު ވިދާޅުވިއެވެ. ފުރަތަމަ ފިޔަވައްސަކީ އޮފް-ޕޯޓް ބަންކަރިންއެވެ. މި ޚިދުމަތް ދިނުމަށް ފިޒިކަލް އިންފްރާސްޓަރަކްޗަރ ބޭނުންނުވާކަމަށް ވަޒީރު ވިދާޅުވިއެވެ. ސަބަބަކީ ރާއްޖެއަކީ ޖަޒީރާ ވަށައިގެން ކަނޑު އޮތް ޤައުމަކަށް ވާތީއެވެ. ފުރަތަމަ ފިޔަވަހީގައި ބޯޓުތަކަށް ތެޔޮ އެޅުމުގެ ޚިދުމަތް ފޯރުކޮށްދޭނީ އަތޮޅުތަކަށް މަޑުކޮށްގެންނެވެ.

2 ވަނަ ފިޔަވަހީގައި ޕޯޓެއް ތަރައްޤީކުރުން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ. މި ޕޯޓު ތަރައްޤީކުރާނީ ބޭނުންވާނެ އެހެން ހުރިހާ ޚިދުމަތްތަކާއި އެކުގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖެއާއި އަވަށްޓެރި ބައެއް ޤައުމުތައް ކަމަށްވާ ސިންގަޕޫރާއި، ލަންކާގައިވެސް މި ޚިދުމަތް ދެމުންއަންނަކަމަށާއި ނަމަވެސް މި ޚިދުމަތް ދިނުމަށް އެންމެ ރަނގަޅު އެއް ސަރަޙައްދަކީ ރާއްޖެކަން ވަޒީރު ފާހަގަކުރެއްވިއެވެ. ސަބަބަކީ ރާއްޖެ އޮތް ސަރަޙައްދުގެ ގޮތުން މިއީ ގިނަ އަދަދަކަށް ބޯޓުފަހަރު ހުރަސްކުރާ ސަރަޙައްދަކަށް ވުމެވެ.

ވަޒީރު ވިދާޅުވީ، ރާއްޖެއަށް ބަންކަރިންގައި ރަނގަޅު މާކެޓެއް ހޯދިދާނެކަމަށް ޤަބޫލުކުރާކަމަށެވެ. އަދި ސަރުކާރުގެ އަމާޒު މިހާރު ހުރީ އެ ހިސާބަށް ދިއުމަށްކަން ވަނީ ފާހަގަކުރައްވާފައެވެ.