ޚަބަރު

ޗައިނާއިން ރާއްޖެއަށް މުނިސިޕަލް މަސައްކަތަށް 10 ޕިކަޕް ހަދިޔާކޮށްފި


  • މިއީ ޗައިނާގެ ޝަންގް ޑޮންގް ޕްރޮވިންސްއިން ހަދިޔާކުރި ވެހިކަލްތަކެއް

  • މި ވެހިކަލްތައް ބޭނުންކުރާނީ ޕަބްލިކް ވޯކްސްގެ މަސައްކަތްތަކަށް

ޗައިނާގެ ޝަންގް ޑޮންގް ޕްރޮވިންސްއިން ރާއްޖެއަށް މުނިސިޕަލް މަސައްކަތަށް 10 ޕިކަޕް ހަދިޔާކޮށްފިއެވެ.

މި ޕިކަޕްތަކާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެލެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުއެވެ. ޗައިނާގެ ފަރާތުން ޕިކަޕްތައް ހަދިޔާ ކުރުމުގެ ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގ ލިޒިންއެވެ.

ޗައިނާގެ ފަރާތުން މި ހަދިޔާ ކުރި ޕިކަޕްތަކާއި ގުޅޭގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ޕިކަޕްތައް ބޭނުން ކުރާނީ އެ ވުޒާރާގެ ދަށުން ރާއްޖޭގެ 7 ސަރަޙައްދުގައި މިވަގުތު ހިންގަމުންދާ ޕަބްލިކް ވޯކް ޔުނިޓްތަކުގައި ކަމަށެވެ. އަދި ޕިކަޕްތައް އެ ޔުނިޓްތަކާއި ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ހުރި ދުވަސްތަކުގެ ތެރޭގައި ކުރިއަށް ގެންދާނެކަން ވަނީ ހާމަކޮށްފައެވެ.

މިއީ ރައިސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ޒިޔާރަތުގެ ތެރެއިން ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ހަމަޖެހިގެން ދިޔަ އެހީއެއް ކަމަށް އެ ވުޒާރާއިން ހާމަކުރައްވައެވެ.

ރައީސުލްޖުމުހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން ޗައިނާގެ ފަރާތުން ހިލޭ އެހީގެ އިތުރުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގިނަ އެއްބަސްވުންތަކެއްގައި ދެ ޤައުމުގެ ދެމެދު ވަނީ ސޮއިކުރައްވާފައެވެ. މީގެ ތެރޭގައި 17 ރަށަކަށް ބޭނުންވާ ލެބޯޓަރީ ވަސީލަތާއި، 1500 ޓަނުގެ ބޯފެން ހިމެނެއެވެ.