ޚަބަރު

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯއަކަށް ޑރ. އިބްރާހިމް ޔާސިރު


  • އޭއީއެޗްގެ ސީއީއޯކަމަށް ޑރ. ޔާސިރު އައްޔަންކުރެއްވީ މާރިޗު 4ގައި

  • ޑރ. ޔާސިރަކީ އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް

  • ޞިއްޙީ ދާއިރާއަށް ޚިދުމަތް ކުރައްވާތާ 25 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ

އައްޑޫ ސިޓީ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯއަކަށް ޑރ. އިބްރާހިމް ޔާސިރު އައްޔަނުކުރައްވައިފިއެވެ. އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އެކްސް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މިކަން ހާމަކޮށްފައެވެ.

މި މަޤާމަށް ޑރ. ޔާސިރު އައްޔަންކުރެއްވީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

ޑރ. އިބްރާހިމް ޔާސިރަކީ އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެކެވެ. ޑރ. ޔާސިރު ވަނީ އެތެރެހަށީގެ ބަލިތަކާ ގުޅޭ ކޮންސަލްޓަންޓެއްގެ ގޮތުގައި ޤައުމީ ދިފާޢީ ބާރުގެ ސެނެހިޔާއާއި މެޑިކާ ހޮސްޕިޓަލްގައި މަސައްކަތްކުރައްވާފައެވެ.

އަދި ޞިއްޙީ ވުޒާރާގައި ހެލްތު ސަރވިސަސްގެ ޑިރެކްޓަރ ޖެނެރަލްކަމާއި އައިޖީއެމްއެޗްގެ މެޑިކަލް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރކަމުގެ މަޤާމުވެސް ޑރ. ޔާސިރު ވަނީ އަދާކުރައްވާފައެވެ. ޑރ. ޔާސިރު ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރައްވާތާ 25 އަހަރަށްވުރެ ގިނަ ދުވަސްވެފައިވެއެވެ.

މީގެ ކުރިން އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯކަން އަދާކުރައްވާފައިވަނީ ޑރ. މުޙައްމަދު ޞާލިހެވެ.