ޚަބަރު

ތަކަންދޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކައުންސިލުން ރައީސާއި ހިއްސާކުރައްވައިފި


  • ފެނާއި ނަރުދަމާ މަޝްރޫޢު އަވަހަށް ނިންމަވައިދެއްވުމަށް އެދިވަޑައިގަތް

  • ކޮމިއުނިޓީ ސެންޓަރެއްގެ މުހިންމުކަން ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރޭ ދިއްދޫ ސުކޫލުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ފެނާއި ނަރުދަމާގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ކޮމިއުނިޓީ ސެންޓަރެއްވެސް ތަކަންދޫއަށް ވަރަށް މުހިންމުކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު، ކުނި މެނޭޖުކުރުމަށް ސަރުކާރުގެ އެއްބާރުލުން ބޭނުންވާކަމުގައި ފާހަގަކުރައްވައި، ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ބަޖެޓުގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ހިއްސާ ކުރައްވާފައިވެއެވެ. އަދި ރަށުގެ އާމްދަނީ އިތުރުކުރުމަށް ތަކަންދޫގެ އިހުތިސާސުގެ ތެރެއަށް ރަށެއް ގެންނަން ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ކޮށްދެވެން ހުރި ގޮތްތައް ބައްލަވައި، ކަމާގުޅުންހުރި މިނިސްޓްރީތަކާ އެމަނިކުފާނު މަޝްވަރާ ކުރައްވާނެކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކާއި، އެރަށުގެ މަޝްރޫޢުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު، ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ހިއްސާކުރެއްވިއެވެ.