ޚަބަރު

ސަރުކާރުން ޓީ-ބިލަށް ފައިސާ ދެއްކުމާއި ބޭންކާ އެއްވެސް ގުޅުމެއް ނެތް: ބީއެމްއެލް


  • ފައިސާ ނުވަތަ ޑޮލަރުގެ ލިކުއިޑިޓީ ފޯރުކޮށްދީފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ވަނީ ދޮގުކޮށްފައި

  • ބީއެމްއެލް އޮތީ މާލީގޮތުން ވަރުގަދަކޮށް

ސަރުކާރުން ޓީ-ބިލަށް ފައިސާ ދެއްކުމާއި ބޭންކާއި އެއްވެސް ގުޅުމެއް ނެތްކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން ވިދާޅުވެއްޖެއެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސްބީއައިއިން ސަރުކާރުން ނަގާފައިވާ 150 މިލިޔަން ޑޮލަރުގެ ޓްރެޜަރީ ބިލް ފެސިލިޓީގެ ތެރެއިން ބާކީ އޮތް 50 މިލިޔަން ޑޮލަރު ދައްކާ ޚަލާސްކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

މި ލޯނު އަނބުރާ ދެއްކުމަށް ބީއެމްއެލްއިން ފައިސާ ނުވަތަ ޑޮލަރުގެ ލިކުއިޑިޓީ ފޯރުކޮށްދީފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި، އެ ފައިސާ ދެއްކުމުގެ ސަބަބުން ބޭންކުގެ މާލީ ހާލަތަށް އަސަރުކޮށްފައިވާ ކަމަށް ބުނާ ވާހަކަތައް ބީއެމްއެލްއިން ވަނީ ދޮގުކޮށްފައެވެ.

މިކަމާގުޅިގެން ބީއެމްއެލްއިން ނެރުނު ބަޔާނުގައި މިއީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއްކަމަށް ވަނީ ވިދާޅުވެއެވެ. އަދި ސަރުކާރުން މި ދަރަނި އަދާކުރުމާއި ބީއެމްއެލްގެ މާލީ ހާލަތާ ނުވަތަ ބޭންކިންގް އޮޕަރޭޝަންތަކާ އެއްވެސް ގުޅުމެއް ނެތްކަމަށްވެސް އެ ބޭންކުން ވަނީ ހާމަކުރައްވާފައެވެ.

މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، 17 ސެޕްޓެމްބަރު 2026 ގައި އެސްބީއައިއަށް ދެއްކި ފަހު 50 މިލިޔަން ޑޮލަރަކީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު، އެސްޑީއެފްއިން ހަމަޖެއްސި ފައިސާއެވެ. މިއީ 2019 ވަނަ އަހަރު ސަރުކާރުން ނެގި 150 މިލިޔަން ޑޮލަރުގެ ޓީ-ބިލް ފެސިލިޓީގެ ތެރެއިން މީގެ ކުރިން ދެއްކި ދެ ފިޔަވައްސަށް ފަހު، އެ ދަރަނި އެއްކޮށް ޚަލާޞްކުރުމަށް ދެއްކި ފައިސާއެވެ.

މި ފައިސާ ދެއްކުމަށް ކަސްޓަމަރުންގެ ޑިޕޮސިޓްތަކެއް ނުވަތަ ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާކަމަށް ބީއެމްއެލްއިން ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލްއަކީ މާލީގޮތުން ވަރުގަދަ، ކަނޑައެޅިފައިވާ ރިސްކް އެޕެޓައިޓްތަކާއި، ރެގިއުލޭޓަރީ މިންގަނޑުތަކާއި، ހަރުދަނާ ގަވަރނަންސް އަދި ރިސްކް މެނޭޖްމަންޓް އޮނިގަނޑެއްގެ ތެރެއިން ހިންގަމުންދާ ބޭންކެއްކަން ބީއެމްއެލްއިން ފާހަގަކުރައްވައެވެ. ބޭންކުގެ ލިކުއިޑިޓީ، ކެޕިޓަލް އަދި މާލީ ހާލަތު ބޭންކުގެ މެނޭޖްމަންޓާއި ބޯޑުގެ ފަރާތުން ދަނީ މެދުނުކެނޑި މޮނިޓަރ ކުރަމުންނެވެ.

ސަރުކާރުން އެސްބީއައި އަށް ޓީ-ބިލްގެ ފައިސާ ދެއްކުމަކީ ބޭންކާ ވަކިން ހިނގާފައިވާ މުއާމަލާތެއްކަމަށާއި އެކަމުގެ ސަބަބުން ބޭންކުގެ މާލީ ވަސީލަތްތަކަށް އެއްވެސް އަސަރެއް ކޮށްފައިނުވާ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. އަދި ކަސްޓަމަރުންނަށް އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް އެއްވެސް ހުރަހެއް ނެތްކަމުގެ ޔަގީންކަން އެ ބޭންކުން ވަނީ އަރުވާފައެވެ.

ބީއެމްއެލްއިން ވިދާޅުވީ، ބޭންކެއްގެ މާލީ ހާލަތާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ ކަސްޓަމަރުންގެ އިތުބާރާއި، ހިއްސާދާރުންގެ މަސްލަހަތާއި، މުޅި މާލީ ނިޒާމުގެ ހަމަޖެހުމާ ގުޅިފައިވާ ކަމަކަށްވާތީ، އެފަދަ ވާހަކަތައް ބިނާވާންވާނީ ކަށަވަރު ކުރެވިފައިވާ ހަގީގަތްތަކުގެ މައްޗަށް ކަމަށެވެ. އަދި ހަގީގަތާ ޚިލާފު މައުލޫމާތު ތަކުރާރުކޮށް ފެތުރުމުގެ ސަބަބުން ކަސްޓަމަރުންނާއި، ވިޔަފާރިވެރިން އަދި އިންވެސްޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ބޭންކާއި މުޅި ބޭންކިންގް ދާއިރާ އަދި ރާއްޖޭގެ އިޤްތިޞާދަށް އޮންނަ އިތުބާރު ގެއްލިގެން ހިނގައިދާނެކަމަށް ބީއެމްއެލްގެ ބަޔާނުގައި ވިދާޅުވިއެވެ.

އެހެންކަމުން، ބޭންކުގެ މާލީ ހާލަތާއި ކަސްޓަމަރުންގެ ފައިސާއާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދެއްކުމުގެ ނުވަތަ ޝާއިއުކުރުމުގެ ކުރިން، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކުރުމަށް ހުރިހާ ފަރާތްތަކަށް، ހާއްސަކޮށް ސިޔާސީ ބޭފުޅުންނާއި މީޑިއާތަކަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކުރައްވާފައެވެ.