ޚަބަރު

އީީރާނުގެ ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް


އީރާނުން ދެމުންދާ ޙަމަލާތަކުގެ ސަބަބުން، މެދުއިރުމަތީގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް އިމާރާތެއް ވަނީ ބިމާ ހަމަވެފައެވެ.

އެމެރިކާއިން އިސްނަގައިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް 6 މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދިން ވަރުގަދަ ޙަމަލާތަކުގައި، ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ލިބިފައިވާކަން އެމެރިކާގެ އޭބީސީ ނިއުސްއަށް ލިބިފައިވާ ފޮޓޯއާއި ވީޑިއޯތަކުން ހާމަވެއްޖެއެވެ.

ކުވައިތުގައި ހުންނަ އެމެރިކާގެ ތިން އަސްކަރީ މަރުކަޒަކަށާއި، ސައުދީ ޢަރަބިއްޔާގައި އެމެރިކާ ސިފައިން ޙަރަކާތްތެރިވާ މަރުކަޒަކަށް ލިބިފައިވާ ގެއްލުންތައް މި ފޮޓޯތަކުން ފެންނަން ހުރިއިރު، ބައެއް ތަންތަނުން ވަނީ ސިފައިންނާއި ވަސީލަތްތައް އެއްކޮށް ދުރަށް ޖައްސާފައެވެ.

މީގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ "ޕްރިންސް ސުލްޠާން އެއާ ބޭސް" ގައި އޮތް، 270 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި "އީ-3 ސެންޓްރީ" މަރުކާގެ ޖާސޫސީ މަތިންދާބޯޓަކަށް ވޭތުވެދިޔަ މާރިޗު މަހުގެ ފަހުކޮޅު ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވެސް ވަނީ ފަޅާއަރާފައެވެ. އެމެރިކާ އަސްކަރިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި މަރުކަޒުތަކަށް ލިބިފައިވަނީ އަލުން އިއާދަކުރަން އުނދަގޫ، ބޮޑެތި ގެއްލުންތަކެކެވެ. އަދި އެތަންތަން ކުރިން ހުރި ހާލަތަށް ގެނައުމަށް އެތައް ދުވަހެއް ނަގާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. ކޮންމެ ދުވަހަކުހެން އީރާނުގެ ޑްރޯންތަކާއި ބެލިސްޓިކް މިސައިލްތައް އެމެރިކާގެ އެކިއެކި މަރުކަޒުތަކަށް ވާސިލުވަމުންދާއިރު، ޕެންޓަގަންއިން މި ކަންކަމުގެ ޙަޤީޤަތް ހާމަނުކޮށް ސިއްރުކުރަމުންދާ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

ޕެންޓަގަންގެ މުވައްޒަފަކު ހާމަކުރި ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އީރާނުގެ ޙަމަލާތަކުގައި އެމެރިކާގެ އެތައް ސަތޭކަ ޢިމާރާތަކާއި ޢުމްރާނީ ވަސީލަތްތަކެއް ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައެވެ. މި ހަނގުރާމައިގެ ޖުމްލަ ޚަރަދު 33 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ރިޕޯޓުގައި އަންދާޒާކުރާރު، އެމެރިކާގެ ކޮންގްރެސްގެ ބަޖެޓް އޮފީހުން ލަފާކުރަނީ މި ޚަރަދު 38 ބިލިއަން ޑޮލަރަށް އުފުލިގެންދާނެ ކަމަށެވެ.

ފެބުރުވަރީ 28 ގައި ހަނގުރާމަ ފެށުނީއްސުރެ އީރާނުން ދެމުންދާ ވަރުގަދަ ރައްދު ޙަމަލާތަކުގައި، އެމެރިކާ އަސްކަރިއްޔާގެ 18 ސިފައިން މަރުވެ، އިތުރު 824 ސިފައިން ވަނީ ޒަޚަމްވެފައެވެ. އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ ހަނގުރާމައިގެ ދެވަނަ ދުވަހު ކުވައިތުގެ "ޝުޢައިބާ ބަނދަރު" އަށް އަމާޒުކޮށް ދިން ޙަމަލާގައެވެ. އެ ޙަމަލާގައި އެމެރިކާގެ 6 ސިފައިން ވަނީ މަރުވެފައެވެ.

އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވީ، ސިފައިންގެ ރައްކާތެރިކަމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ. އެހެންނަމަވެސް، އެމެރިކާގެ ޒަމާނީ ދިފާޢީ ނިޒާމުތައް ފޫއަޅުވާލުމަށްފަހު އީރާނުގެ ބައެއް ހަތިޔާރުތައް މަރުކަޒުތަކަށް ވާސިލުވަމުންދާ ކަމަށް އޭނާ ވަނީ އިޢުތިރާފުވެވަޑައިގެންފައެވެ.