ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން މިދިޔަ އޮގަސްޓްމަހުގެ ނިޔަލަށް 653 މިލިޔަން ޑޮލަރު ވިއްކާފައިވާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލްއިން ވިދާޅުވީ، ޑޮލަރު ވިއްކައިގެން ރާއްޖެއިން ބޭރުވާ މިންވަރު %33.33 އިތުރުވެ، މަހެއްގެ މައްޗަށް 81.6 މިލިޔަން ޑޮލަރަށް އަރާފައިވާކަމަށެވެ. އަދި ބީއެމްއެލް މެދުވެރިކޮށް ރުފިޔާ އެކައުންޓްތަކުން ކުރާ ބޭރުގެ މުއާމަލާތްތައް މިއަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ބީއެމްއެލްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޮގަސްޓް މަހުގެ ނިޔަލަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 81.6 މިލިޔަން ޑޮލަރު ބޭންކުން ވިއްކާފައިވާއިރު، 2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޖުމްލަ 653 މިލިޔަން ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް %33.33 ނުވަތަ ތިންބައިކުޅަ އެއްބައިގެ އިތުރުވުމެއްކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
މި ނިސްބަތުން ބޭންކުން ޑޮލަރު ވިއްކުން ކުރިއަށްގެންދާނަމަ، މިއަހަރު ނިމެންވާއިރަށް ވިއްކާ ޑޮލަރުގެ އަދަދު ގާތްގަނޑަކަށް 1 ބިލިޔަން ޑޮލަރަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
• ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް: މަހަކު 38 މިލިޔަން ޑޮލަރު
• ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ތަކަށް: މަހަކު 27 މިލިޔަން ޑޮލަރު
• ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް: މަހަކު 9.4 މިލިޔަން ޑޮލަރު
• ޞިއްޙީ އަދި ތަޢުލީމީ ބޭނުންތަކަށް: މަހަކު 7.3 މިލިޔަން ޑޮލަރު
ބީއެމްއެލްއިން ވިދާޅުވީ، ބޭންކަށް މާރުކުރެވޭ ޑޮލަރާ އަޅާބަލާއިރު، މި މިންވަރަށް ރުފިޔާއަށް ޑޮލަރު ވިއްކިގެން ބޭރުވުމަކީ ދެމެހެއްޓެނިވި ކަމެއްނޫންކަމަށާއި ސެޕްޓެންބަރު މަހަކީ އާންމުކޮށްވެސް ޑޮލަރުގެ ތާށިކަން އެންމެ ބޮޑަށް ކުރިމަތިވާ އެއް މަސްކަމަށްވުމުން، މިކަމުގެ ސަބަބުން ބޭންކަށް އޮތް ގޮންޖެހުންތައް އިތުރުވެފައިވާކަމަށެވެ.
ބޭންކުން ބޭރުވާ ޑޮލަރުގެ ނިސްބަތް އިތުރުވެފައިވާތީ، ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) އާއި ބޭންކުތަކުގެ މެދުގައި ކުރެވޭ ޓްރާންސްފަރތައް ހިމެނޭހެން ޑޮލަރުގެ މުއާމަލާތްތައް ފުރިހަމަކުރުމުގައި ލަސްތަކެއް ވަނީ ކުރިމަތިވެފައެވެ. އަދި ބޭންކަށް ޑޮލަރު ލިބޭ މިންވަރާއި ޑޮލަރު ހޭދަވާ މިންވަރު ޒިންމާދާރުކަމާއި ދެމެހެއްޓެނެވި ގޮތެއްގައި މެނޭޖުކުރުމަށްޓަކައި، ބޭންކުން ދާދި ފަހުން ވަނީ އީ-ކޮމާސް މުއާމަލާތްތައް ލިމިޓްކޮށް، ޒަރޫރީ އަދި ކޮންމެހެން ބޭނުންތެރި މުއާމަލާތްތަކަށް އިސްކަންދޭން ފަށާފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ބޭންކުން ބޭރުވާ ޑޮލަރުގެ މިންވަރު، ބޭންކަށް ލިބޭ ޑޮލަރުގެ މިންވަރާ އެއްހަމައެއްގައި ހިފެހެއްޓުމަށް މިހާރު އެހީތެރިވެދީފައިވާކަން އެ ބޭންކުން ފާހަގަކުރައްވައެވެ.
ބީއެމްއެލްއިން ވިދާޅުވީ، މި ފިޔަވަޅުތަކާއެކު ކުރިއަށް އޮތް ހަފުތާ ނިމެންވާއިރަށް ޑޮލަރުގެ މުއާމަލާތްތައް އާންމު ހާލަތަކަށް ރުޖޫޢަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި މިކަމާ ގުޅޭ މައުލޫމާތު ބޭންކުގެ ރަސްމީ މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާނެކަމަށެވެ.
ބޭންކުން އެންމެ ބޮޑު އިސްކަމެއް ދެނީ ދެމެހެއްޓެނެވި ގޮތެއްގައި މުއާމަލާތްތައްކުރެވޭނެ މަގުފަހިކޮށްދިނުމަށާއި، ކޮންމެހެން ބޭނުންތެރި ފައިސާގެ މުއާމަލާތްތަކަށް އިސްކަންދިނުމަށްކަމަށް އެ ބޭންކުން ވިދާޅުވެއެވެ. އަދި ވަކިވަކި ފަރުދުންނާއި، ވިޔަފާރިތަކާއި އަދި ޤައުމަށް އިތުބާރުހުރި މާލީ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމަށް ބީއެމްއެލްއިން އަބަދުވެސް މަސައްކަތްކުރާނެކަމަށެވެ.
މިހާރު ދިމާވެފައިވާ ހާލަތަކީ ޑޮލަރުގެ ޑިމާންޑާއި ސަޕްލައިއާ ދެމެދު އުފެދިފައިވާ ވަގުތީ ނުތަނަވަސްކަމެއްކަމަށާއި މިއީ ބޭންކުގެ އޮޕަރޭޝަންތަކުގެ ނުވަތަ ބެލެންސް ޝީޓުގެ ބަލިކަށިކަމެއް ނޫންކަން ބީއެމްއެލްއިން ފާހަގަކުރައްވައެވެ. އަދި ޑޮލަރުގެ ހާލަތު ވަރަށް ގާތުން ބަލައި، ކަސްޓަމަރުންނާއި ހިއްސާދާރުން އަދި މުޅި އިޤްތިޞާދުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އަޅަމުންދާކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.