ޚަބަރު

ޕީޖީ ޝަމީމަށް ޙަމާލާދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެއްސެއް

  • ޕީޖީ ޝަމީމަށް ޙަމަލާދީފައިވަނީ ޖަނަވަރީ 31 ވަނަ ދުވަހު

  • މި މައްސަލައިގައި މީގެކުރިން 2 މީހަކު ހައްޔަރުކޮށްފައިވޭ

  • ޕީޖީ ޝަމީމުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައި

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި، އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައިކަމަށެވެ.

އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޞިރުކުރުމުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އެ ކޯޓުން މިއަދު އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ޕީޖީ ޝަމީމަށް ޙަމަލާދީފައިވަނީ މިދިޔަ ޖެނުއަރީމަހުގެ 31 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. މި މައްސަލައިގެ ތުހުމަތުގައި މީގެ ކުރިން 2 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ކްރިމިނަލް ކޯޓުން ވަނީ އެ 2 މީހުންވެސް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މި މައްސަލައިގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މީގެ ކުރިން ވިދާޅުވީ ޝަމީމަށް ދިން ހަމަލާގެ މައުލޫމާތު ލިބުމާއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުރިހާ ވަސީލަތެއް ތަޙުޤީޤުގައި ބޭނުންކޮށްފައިވާކަމަށެވެ. މީގެ އިތުރުން މިފަދަ ހަމަލާތައް ކުރިއަށް އޮތްތަނުގައިވެސް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބައްލަވާނެކަމުގެ ޔަޤީންކަންވެސް ކޮމިޝަނަރ ވަނީ ދެއްވާފައެވެ.

ޕީޖީއަށް ދިން ހަމަލާއަކީ ދައުލަތުގެ އެއް ބާރަށް ދިން ހަމަލާއެއްގެ ގޮތުގައި ފުލުހުން ވަނީ ސިފަކުރައްވާފައެވެ. މި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މައްސަލަ ސާބިތުކޮށް އެމީހުންނަށް ދޭންވާ ހައްގު އަދަބު ދޭނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ދިން ހަމަލާއާ ގުޅިގެން އެމްއެންޑީއެފުން ވަނީ އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަކޮށްފައެވެ.