ޚަބަރު

ބައިނަލްއަޤްވާމީ ޕީސް ކޭބަލް ރާއްޖެއަށް ގުޅާލުމުގެ ޢަމަލީ މަސައްކަތް ފަށައިފި


  • މިއީ ހުޅުމާލޭ ފިޔަވައި އިތުރު ރަށަކަށް އިންޓަރނޭޝަނަލް ސަބަމެރިން ކޭބަލެއް ގުޅާލެވޭ ފުރަތަމަ ފަހަރު

  • މި ކޭބަލާއެކު ސިންގަޕޫރާއި ޔޫރަޕް އަދި އެފްރިކާއާވެސް ރާއްޖެ ގުޅާލެވޭނެ

  • 5ޖީ ގެ ޤާބިލްކަން އިތުރުކޮށް އިޖާދީ ޚިދުމަތްތަކަށް ފުރުޞަތު ހުޅުވޭނެ

އުރީދޫ މޯލްޑިވްސްއިން ބައިނަލްއަޤްވާމީ ޕީސް ކޭބަލް ރާއްޖެއާ ގުޅާލުމަށް ކުރަމުންދާ މަސައްކަތުގައި ޕީސް ކޭބަލް ކުޅުދުއްފުށި ސިޓީއަށް އެއްގަންކޮށް، އެސިޓީގައި ޤާއިމުކޮށްފައިވާ އުރީދޫގެ ލޭންޑިންގް ސައިޓާއި ގުޅާލައިފިއެވެ.

އެކަމަށްޓަކާ ކުޅުދުއްފުށި ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.

މިއީ ހުޅުމާލެ ފިޔަވައި އިތުރު ރަށަކަށް އިންޓަރނޭޝަނަލް ސަބަމެރިން ކޭބަލެއް ގުޅާލެވޭ ފުރަތަމަ ފަހަރެވެ. މިއަހަރުގެ 3 ވަނަ ކުއާޓަރގައި މި ސިސްޓަމް މަސައްކަތް ކުރާނެކަމަށް ލަފާކުރެވޭކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.

މި ބައިނަލްއަޤްވާމީ ސަބްމެރިން ކޭބަލްގެ ސަބަބުން ސިންގަޕޫރާއި ޔޫރަޕް އަދި އެފްރިކާއާއިވެސް ރާއްޖެ ގުޅާލެވޭނެކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ. މި ސަބްމެރިން ކޭބަލަށް އިންވެސްޓް ކުރުމަށް އުރީދޫ މޯލްޑިވްސް އިން ނިންމާފައިވަނީ އިންޓަނެޓްގެ ޚިދުމަތުގެ ލޭޓެންސީ ރަނގަޅުކޮށް، ކެޕޭސިޓީ އިތުރު ކުރުމަށެވެ. މި ކޭބަލާއެކު 5ޖީ ގެ ޤާބިލްކަން އިތުރުކޮށް، އިޖާދީ ޚިދުމަތްތަކަށް ފުރުޞަތު ހުޅުވި ހަޤީޤީ ޑިޖިޓަލް ދިވެހިރާއްޖެއެއް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަމަށް އެކުންފުނިން ބުނެއެވެ.

ޕީސް ކޭބަލް ރާއްޖެއަށް ގުޅާލުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، މި ކޭބަލް ކުޅުދުއްފުށީގައި އެޅުމަކީ އެ ސިޓީއަށާއި މުޅި ރާއްޖެއަށްވެސް ލިބުނު ކުރިއެރުމެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން މުޅި މުޖުތަމަޢުއަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

"މި މަސައްކަތުގެ ސަބަބުން މުޖުތަމައަށް އިތުރު މަންފާ ލިބި އިތުރު ދޮރުތަށް ހުޅުވިގެންދާނެކަން ޔަގީން. އުރީދޫ މޯލްޑިވްސް ވަނީ ވާދަވެރި މާހައުލެއްގައި ރާއްޖެއަށް އިޖާދީ އެތައް ހިދުމަތެއް ތައާރަފުކޮށް ރާއްޖެ ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން. މިކަމަށްޓަކައި އުރީދޫ މޯލްޑިވްސްއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ." ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާރޝަލް އޮފިސަރ ހުސެއިން ނިޔާޒު ވިދާޅުވީ، ކުޅުދުއްފުށްޓަކީ މާލޭ ސަރަޙައްދުން ބޭރުގައި ބައިނަލްއަޤްވާމީ ސަބްމެރީން ކޭބަލްގެ މައި ލޭންޑިންގ ސްޓޭޝަން ބެހެއްޓުނު ފުރަތަމަ ރަށްކަމަށެވެ. އަދި މިކަމުގެ ސަބަބުން އުރީދޫއިން މުޅި ރާއްޖެއަށް ދެމުންދާ ޚިދުމަތްތަކަށްވެސް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށެވެ.

"ކުޅުދުއްފުށި ވެގެން މިދިޔައީ މާލެ ސަރަހައްދުން ބޭރުގައި ސަބްމެރީން ކޭބަލްގެ މައި ލޭންޑިންގް ސްޓޭޝަން ބެހެއްޓުނު ފުރަތަމަ ރަށަށް. މިއާއެކު ކުޅުދުއްފުށްޓަށް އަދި މުޅި ރާއްޖެއަށްވެސް ކުރިއެރުން ލިބި އުރީދޫއިން ދެވޭ ހިދުމަތްތައް އިތުރަށް ރަނގަޅުވެ ގެންދާނެ. އަދި އޭގެ އިތުރުން، ކުޅުދުއްފުށި ސިޓީގެ ނަން ދުނިޔޭގެ ސަބްމެރީން ކޭބަލް މެޕްތަކުގައި ހިމެނިގެން ދާނެ" އުރީދޫ މޯލްޑިވްސް ގެ ޗީފް ކޮމާރޝަލް އޮފިސަރ ހުސެއިން ނިޔާޒު ވިދާޅުވިއެވެ.

އުރީދޫއިން މި ފެށި މަސައްކަތަކާއެކު ކުޅުދުއްފުށި ސިޓީ ޑިޖިޓަލް މައި ހަބަކަށްވެ، އެ ސިޓީއަށާއި ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި މަންފާ ލިބުމަކީ އުއްމީދެއްކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް ވަނީ ވިދާޅުވެފައެވެ.

ޕީސް ކޭބަލްގެ ލޭންޑިންގ ސްޓޭޝަންއަށް ކާމިޔާބުކަމާއެކު ގުޅާލުމާއެކު ރާއްޖޭގައި އުތުރު ވެގެންދާނީ އިރުމައްޗާއި ހުޅަނގަށް ޑިޖިޓަލް ފުރުޞަތުތައް ފަހިކޮށްދޭނެ މަންޒިލަކަށްކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.

އެގޮތުން ހައިޕަސްކޭލަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުޞަތުތަކުގެ އިތުރުން ކުޅުދުއްފުށީގައި ޑޭޓާ ސެންޓަރުގެ ޚިދުމަތް ހޯސްޓްކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެކަމަށް އުރީދޫއިން ބުނެއެވެ. ހަމައެހެންމެ، އުތުރުގެ ރަށްތަކުގައި ޑިޖިޓަލް ވިޔަފާރިތަކާއި ސޮފްޓްވެއާ ޑިވެލޮޕްމަންޓް ފެސިލިޓީތައް ކުރިއަރައިގެންދާނެކަންވެސް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.