ޚަބަރު

ސްޓޫޑެންޓް ލޯން: ރެކޯޑް އަދަދެއްގެ ޕައިލެޓް ފުރުޞަތާއެކު ވަގުތީ ލިސްޓް ޢާއްމުކުރައްވައިފި


މިއަހަރުގެ ސްޓޫޑެންޓް ލޯނުގައި ޕައިލެޓް ޓްރޭނިންގަށް ރެކޯޑް އަދަދެއްގެ ފުރުޞަތާއެކު ސްޓޫޑެންޓް ލޯންގެ ވަގުތީ ލިސްޓް ޢާއްމުކުރައްވައިފިއެވެ.

ދަރިވަރުންގެ ޑިމާންޑު އެންމެ ބޮޑަށް އޮތް ދާއިރާތަކަށް ފުރުޞަތު އިތުރުކުރައްވައި، ބައެއް ބަދަލުތަކާއެކު، މިއަހަރުގެ ސްޓޫޑެންޓް ލޯނަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުއްވައިލެއްވީ މިދިޔަ ފެބްރުއަރީމަހުގެ 15 ވަނަ ދުވަހުއެވެ. މިފަހަރު ސްޓޫޑެންޓް ލޯނަށް ހުޅުއްވައިލެއްވި 720 ލޯން ފުރުޞަތަށް 1507 ދަރިވަރުން ވަނީ ކުރިމަތިލައިފައެވެ. މީގެ ތެރެއިން 1225 ދަރިވަރުން ލޯންގެ ޝަރުޠު ފުރިހަމަވެއެވެ.

އެހެން އަހަރުތަކާ ޚިލާފަށް މިފަހަރުގެ ލޯނު ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާ ލެވަލްއަށް ކިޔެވުމަށް ފުރުޞަތު ވަނީ ހުޅުއްވައިިލައްވައިފައެވެ. އަދި ދިވެހި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުން އަންނަ ހުރިހާ ދަރިވަރުންނަށް އެ ދަރިވަރަކު ކިޔަވުންދާ ދާއިރާއިން އެޕްލިކޭޝަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައި، އެ ފަރާތެއްގެ ޓިއުޝަންފީގެ ތެރެއިން ފުރަތަމަ ޑިގްރީ ސްކީމުގެ ދަށުން ހަމަޖެހިފައި ނުވާ އެހެނިހެން ޚަރަދުތައް ހޯދުމުގެ ފުރުޞަތު ވެސް ވަނީ ހުޅުއްވައިލައްވައިފައެވެ.

ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދެއްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާއެކު މިފަހަރު ޕައިލެޓް ޓްރެއިނިންއަށް ހުޅުވާލި 60 ފުރުޞަތަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ 479 ދަރިވަރަކަށްވަނީ މިފުރުޞަތު ލިބިފައެވެ. މިއީ ރެކޯޑް އަދަދެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މިނިންމެވުމުގެ ސަބަބުން އެވިއޭޝަން އިންޑަސްޓްރީއަށް އާދަޔާ ޚިލާފު ބަދަލެއް އަންނާނެއެވެ.

މިއަހަރުގެ ސްޓޫޑެންޓް ލޯންގައި އެމްބީބީއެސް ހެދުމަށް 133 ދަރިވަރަކަށް އަދި ޕޯސްޓް ގްރެޖުއޭޓް މެޑިސިން ހެދުމަށް 51 ދަރިވަރަކަށް ވަނީ ލިބިފައެވެ. އަދި މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނުގައި ތެރެއިން 24 ދަރިވަރަކަށް ޕައިލެޓް ފުރުސަތުވަނީ ލިބިފައެވެ. އަދި ރާއްޖެއަށް ބޭނުންވާ ތަފާތު ދާއިރާތަކުން ޑިޕްލޮމާ 10 ފުރުސަތު ބެޗްލާސް ޑިގްރީއަށް 5 ފުރުޞަތު މާސްޓަރސްއަށް 1 ފުރުޞަތު ވަނީ ލިބިފައެވެ. އަދި ޕީ.އެޗް.ޑީ އަށް 26 ދަރިވަރަކަށް ފުރުޞަތުވަނީ ލިބިފައެވެ.

ރައީސްއޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޫޑެންޓް ލޯންއާ ގުޅޭގޮތުން މައުލޫމާތު ޢާއްމުކުރައްވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން ވިދާޅުވީ މިއަހަރުގެ ލޯނަށް ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން ވަރަށް ގިނަ ދަރިވަރުންނަށާއި ޢާއިލާތަކަށް ހިތް ހަމަޖެހުމާއި އުފާވެރިކަން ލިބިގެން ގޮސްފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މީހުން ބިނާ ކުރުމުގެ ނަތީޖާއަކީ ދުވަހުން ދުވަހަށް ފެންނާނެ ނަތީޖާއެއް ނޫން ކަމަށެެވެ. މީހުން ބިނާކުރުމުގައި ސަރުކާރުގެ ވިސްނުމަކީ މާދަމާގެ މުސްތަޤްބަލް އުޖާލާކުރުން ކަމަށެވެ. ސްޓޫޑެންޓް ލޯނަށް ޝަރުޠު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯން ދިނުމުގެ ސަބަބުން ސަރުކާރަށް މާލީ ބުރައެއް އުފުލަން ނުޖެހޭނެ ކަމަށާއި މިގޮތަށް މިކަން ނިންމަވާފައިވަނީ ފިނޭންސް މިނިސްޓްރީއާ މަޝްވަރާކުރެވިގެން ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ސްޓޫޑެންޓް ލޯނުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހު 1.00އާ ހަމައަށްވަނީ ހުޅުވާލާފައެވެ. ދާއިމީ ނަތީޖާ ލިސްޓް މިމަހުގެ 22 ވަނަ ދުވަހު ހާމަކުރައްވާނެ ކަމަށާއި، ލިސްޓް ފެންނާނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލްއިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.