ޚަބަރު

ސިނަމާލެ ފްލެޓްތައް ޢިމާރާތް ކުރާނެގޮތުގެ ޕްލޭނެއް ނުލިބޭ: ޕްލޭނިންގ


މާލޭ ސަރަހައްދުގައި ހުރި ސިނަމާލެ ފްލެޓްތައް ތަޅާލައި، އެތަނުގައި އަލުން ފްލެޓްތައް ޢިމާރާތްކުރުމަށް ބޭނުންވާ ޕްލޭންތައް ހުށައަޅަންޖެހޭނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗައިން ވިދާޅުވެއްޖެއެވެ.

ސިނަމާލެ ފްލެޓްތައް ތަޅާލައި އެތަނުގައި ފްލެޓު އަލުން ޢިމާރާތް ކޮށްދޭނެ އިންވެސްޓަރުން ހޯދަން މާލެ ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.

މިހާރު ހުރި ސިނަމާލެ ފްލެޓުތަކަށް މިހާރު 30 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ފްލެޓުތައް ހުރީ 128 އެޕާޓްމެންޓެވެ. އެޕާޓްމަންޓްތަކަށް ގިނަ ދުވަސްވެ ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން އެ ޢިމާރާތައް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މިއާއެކު އެތަނުގައި ދިރއުޅޭ މީހުން ދަނީ ބޮޑެތި ތަކްލީފްތަކެއް އުފުލަމުންނެވެ. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ސިޓީ ކައުންސިލުން ވަނީ އެ ފްލެޓްތައް ތަޅާލުމަށް ނިންމާ އައު ފްލެޓްތަކެއް އެޅުމަށް ނިންމަވާފައެވެ. އަދި އެ ތަން ތަޅާލާނީ އެ ފްލެޓްތަކުގައި ދިރިއުޅެމުން އަންނަ މީހުންނަށް ދިރިއުޅުމަށް އެހެން ތަނެއް ހަމަޖެއްސުމަށްފަހުކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ރާއްޖޭގައި ޢަމަލުކުރަމުން އަންނަ ޢިމާރާތްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުތައް ބަޔާންކުރާގޮތުގައި، ޢިމާރާތެއް އެޅުމުގެ ކުރިން ޤާނޫނުގައި ބަޔާންކުރާ ލިޔެކިޔުންތަކުގެ އިތުރުން، ޢިމާރާތްކުރުމާބެހޭ އިދާރީ ގަވާއިދުގައިވާ ލިޔެކިޔުންތައް އަދި ޕްލޭނާއި، ޢިމާރާތެއްގެ ކޮންސެޕްޓް ކުރެހުން ކަމާގުޅުންހުރި އިދާރާތަކަށާއި، މިނިސްޓްރީއަށް ހުށައަޅަންޖެހެއެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ ސިނަމާލެ ފްލެޓްތައް ތަޅާލާ އެތަންތަނުގައި އައު ފްލެޓްތައް ސިޓީ ކައުންސިލުން އެޅުމަށް ނިންމިނަމަވެސް އެކަން ކުރިއަށްގެންދާނެ ގޮތުގެ ޕްލޭނެއް އެ މިނިސްޓްރީއަށް ހުށައަޅުއްވަން ޖެހޭނެކަމަށެވެ. އެހެންނަމަވެސް މިހާތަނަށްވެސް އެކަން ކުރިއަށްގެންދާނެ ގޮތުގެ ޕްލޭނެއް ހުށައަޅުއްވާފައި ނުވާކަމަށް އަކްރަމް ވިދާޅުވިއެވެ.

އެހެންނަމަވެސް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސިނަމާލެ ފްލެޓްތައް ތަޅާލައި އެތަނުގައި އައު ފްލެޓްތައް އެޅުމާ ގުޅެގޮތުން އެކަން ސަރުކާރަށް އަންގަމުން އަންނަތާ ދުވަސްތަކެއް ވެއްޖެކަމަށެވެ.

މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ސިނަމާލެ 1،2،3 އަދި މާލޭ ހިޔާ 1 އަދި 2 ގައި މިހާރު އުޅޭ އާއިލާތައް އެއްކޮށް ބަދަލުކުރަން ތަނެއް އެޅުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވިއެވެ. މިހާރު ތަޅައިލަން ނިންމާފައިވާ ފަސް ޢިމާރާތުގައި 128 އާއިލާއެއް ދިރިއުޅެމުންދެއެވެ. އެ ހުރިހާ އާއިލާއަށްވެސް ވަދެވޭ ގޮތަށް 15 ފަންގިފިލާ ނުވަތަ އެއަށްވުރެ ބޮޑު އިމާރާތެއް އެޅުމަށް ނިންމާފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި އަލަށް ޢިމާރާތްކުރާ ފްލެޓުތަކުގެ އެޕާޓްމަންޓްތައް މިހާރު އެ އާއިލާތައް އުޅޭ އެޕާޓްމެންޓަށްވުރެ ޖާގަ ތަނަވަސްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ސިނަމާލެ ރީ-ޑިވެލޮޕްމެންޓް ޕްރޮޖެކްޓް" ޕްލޭންގެ ދަށުން، ދެ މަރުހަލާއަކަށް ބަހާލައިގެން 1،500 އެޕާޓްމެންޓް ޢިމާރާތް ކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ދެ ކޮޓަރީގެ އެޕާޓްމެންޓާއި، ތިން ކޮޓަރީގެ އެޕާޓްމެންޓާއި، ހަތަރު ކޮޓަރީގެ އެޕާޓްމެންޓްތައް އިމާރާތް ކުރަން ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ. އެޕާޓްމެންޓްގެ ސައިޒަކީ 800 އާއި 1،300 އަކަ ފޫޓު ކަމަށްވާއިރު، ކޮންމެ ކޮޓަރިއެއްގައި ފާޚާނާ ހުންނާނެކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.