ކުޅިވަރު

އޮޓޯއިން ގަދަ އަށަކަށް އިންޑިޔާ، ޕާކިސްތާން، ބަނގްލަދޭޝް އަދި ލަންކާ


އޭޝިއަން ގޭމްސް ކުޅިވަރު މުބާރާތުގެ ކްރިކެޓްގެ ކުއާޓާ ފައިނަލަށް އިންޑިޔާ އާއި ޕާކިސްތާނާއި ސްރީލަންކާ އާއި ބަނގްލަދޭޝް އަށް ކުއާޓާ ފައިނަލުން އޮޓެމެޓިކް ޖާގަ ދީފި އެވެ.

ޖަޕާނުގައި ބާއްވާ ކުޅިވަރު މުބާރާތުގައި މި ހަތަރު ގައުމަށް ކުއާޓާ ފައިނަލުން ޖާގަ ދީފައިވާއިރު މިއީ ދުނިޔޭގެ ކްރިކެޓްގައި ވެސް ގަދަ ބާރުތަކެވެ. އަދި އޭޝިޔާގެ އެންމެ ގަދަ ހަތަރު ގައުމެވެ. މީގެ ތެރެއިން ބަނގްލްދޭޝް ފިޔަވައި އަނެއް ތިން ގައުމު ވަނީ ކްރިކެޓްގެ ދުނިޔޭގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.

ޖުމުލަ 10 ގައުމު ވާދަ މުބާރާތުގެ މި ހަތަރު ގައުމަށް ކުއާޓާ ފައިނަލުން ޖާގަ ދިނުމުން ސެޕްޓެމްބަރު މަހުގެ 24ގައި ނަގޯޔާގައި ފަށާ މުބާރާތުގައި ބާކީ އޮތް ހަތަރު ޖާގަ އަށް ވާދަ ކުރާނީ އަފްޢާނިސްތާނާއި ހޮންކޮންގް އާއި ޖަޕާނާއި މެލޭޝިޔާ އާއި ނޭޕާލް އާއި އޮމާނެވެ.

މީގެ ތެރެއިން އަފްޢާނިސްތާނާއި ޖަޕާން އަދި ނޭޕާލް ހިމެނެނީ ގްރޫޕް އޭ ގަ އެވެ. ބީ ގްރޫޕުގައި ހިމެނެނީ ހޮންކޮން އާއި މެލޭޝިޔާ އާއި އޮމާން ހިމެނެނީ ގްރޫޕް ބީގަ އެވެ. ކުއާޓާ ފައިނަލަށްދާނީ ލީގު އުސޫލުން ބުރެއް ކުޅެ ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

އޭޝިއަން ގޭމްސްގެ ކްރިކެޓްގެ އަންހެން ބައި ފަށާނީ ކުއާޓާ ފައިނަލުންނެވެ. ސެޕެޓެމްބަރު 17 އިން 22 އަށް ކުޅޭ މުބާރާތުގގައި ވާދަ ކުރަނީ ވެސް އަށް ގައުމެވެ. ދިފާއީ ޗެމްޕިއަން އިންޑިޔާ ވާދަ ކުރާނީ މުބާރާތް ބާއްވާ ގައުމު ޖަޕާނާ އެވެ. ބަނގްލަދޭޝް ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ. ސްރީލަންކާއިން މެލޭޝިޔާއާ ދެކޮޅަށް ނުކުންނައިރު ޕާކިސްތާން ވާދަކުރާނީ ތައިލެންޑާ އެވެ.

މި ހުރިހާ މެޗެއް ވެސް ކުޅޭނީ ޓުވެންޓީ20 ފޯމެޓަށެވެ. އިންޑިޔާ އަކީ އެންމެ ފަހުގެ އޭޝިއަން ގޭމްސްގެ އަންހެން އަދި ފިރިހެން ބައިގެ ވެސް ކްރިކެޓްގެ ޗެމްޕިއަނުންނެވެ. އެ މުބާރާތް ބޭއްވީ 2023ގައި ޗައިނާގަ އެވެ.