އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލުގެ ޕެކޭޖުތަކުގެ އަގުތައް ލިބިފައިވާ ކަމަށާއި އެއްބަސްވުން އައުކުރުމަށް ތައްޔާރުވެފައިވާ ކަމަށް އާސަންދަ ކުންފުނިން ވިދާޅުވެއްޖެއެވެ.
އަމްރިތާ ހޮސްޕިޓަލަކީ ގިނަ ޢަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ގޮސް އުޅޭ ހޮސްޕިޓަލެކެވެ. އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށް އާސަންދައިގެ ދަށުން އާ ބަލި މީހުން ފޮނުވުން ދާދިފަހުން ވަނީ މެދުކަނޑާލާފައެވެ.
މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވީ، އާސަންދައިގެ ދަށުން ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ބޭރުގެ ހޮސްޕިޓަލު ތަކާއެކު ހަދާފައިވާ އެއްބަސްވުންތައް އައު ކުރުމަށް ދުރާލާ މަސައްކަތް ކުރައްވާ ކަމަށެވެ.
އެގޮތުން މުއްދަތު ހަމަވުމުގެ 3 ނުވަތަ 4 މަސް ދުވަހުގެ ކުރިން ހޮސްޕިޓަލުތަކަށް ޕެކޭޖުތަކުގެ އަގުތައް ދިނުމަށް އަންގާކަމަށް ޒީނިޔާ ވިދާޅުވިއެވެ. ނަމަވެސް އަމްރިތާ ހޮސްޕިޓަލަށް އައު ބަލި މީހުން ފޮނުވުން މެދެކަނޑާލާފައިވަނީ، އެ ހޮސްޕިޓަލުން ޕެކޭޖުތަކުގެ އަގުތައް ނުދީ އޮތުމުން ކަމަށް ޒީނިޔާ ވިދާޅުވިއެވެ. ޒީނިޔާ ވިދާޅުވީ، މިހާރު އެ ހޮސްޕިޓަލުން ޕެކޭޖުތަކުގެ އަގުތައް ހިއްސާކޮށްފައިވާ ކަމަށާއި އަގުތައް މުރާޖަޢާ ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
"އަގުތައް މުރާޖަޢާ ކުރުމަށްފަހު ދެބައި މީހުން އެއްބަސްވާ އަގުތަކެއް ކަނޑައަޅާ އައު އެއްބަސްވުމުގައި ސޮއިކުރާނެ. މިހާރުވެސް އެ ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުންނަށް މެދުކެނޑުމެއްނެތި ޚިދުމަތް ލިބޭނެ. އަމްރިތާ ހޮސްޕިޓަލުގެ އިތުރުން ވަރަށް ގިނަ ދިވެހިން ޚިދުމަތް ހޯދާ ކޮޗިންގެ 4 ހޮސްޕިޓަލް ހުންނާނެ. އެއީ، ދިވެހިން ވަރަށް ބޭނުންވެގެން ދާ ހޮސްޕިޓަލުތަކެއް." އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވިއެވެ.
އާސަންދައަކީ، ހެލްތު އިންޝުއަރެންސްގެ ޤައުމީ ނިޒާމެވެ. މިނިޒާމުގެ ދަށުން ކޮންމެ ދިވެއްސަކަށް ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމުވަނީ ހަމަޖައްސަވާފައެވެ. އާސަންދައިން އަހަރެއްގެ މައްޗަށް 3 ބިލިއަނެއްހާ ރުފިޔާ ބޭސްފަރުވާއަށް ޚަރަދު ކުރެއެވެ. މި ނިޒާމުގެ ދަށުން އިންޑިއާ، ސްރީލަންކާ، ދުބާއީ އަދި ތައިލެންޑުގެ ބައެއް ހޮސްޕިޓަލުތަކަށް އާސަންދައިގެ ދަށުން ބަލި މީހުން ފޮނުވަމުންދެއެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް އާސަންދައިގެ ދަށުން "މެރަނާ" ސްކީމްގެ ދަށުން ލުއި ފަސޭހަގޮތެއްގައި ސިއްޙީ ޚިދުމަތް ދަނީ ދެމުންނެވެ. މި ޚިދުމަތް ދޭ ޤައުމުތަކުގެ ތެރޭގައި އިންޑިޔާއާއި ސްރީލަންކާއާއި މެލޭޝިޔާ ހިމެނެއެވެ.