ޚަބަރު

ކޯވިޑްގައި އިތުރު ދިވެއްސަކު ނިޔާވެއްޖެ: ޖުމްލަ އަދަދު 297އަށް


ކޯވިޑްގައި އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދު ހަވީރު 5.40 ހާއިރު ނިޔާވެފައިވަނީ އުމުރުން 87 އަހަރުގެ މީހެކެވެ. މިމީހަކީ ހދ.މަކުނުދޫ ހެލްތު ސެންޓަރަށް ގެންދިޔަ މީހެއްކަމަށް އެޗްޕީއޭއިންވަނީ ހާމަކޮށްފައެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި 297ވަނަ މީހާއެވެ.

ކޯވިޑް ބަލީގައި ފަރުވާ ހޯދަމުންދިޔަ 2 މީހަކު އިއްޔެވެސްވަނީ ނިޔާވެފައެވެ. އިއްޔެ ނިޔާވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނަކާއި 78 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ، ނިޔާވި 79 އަހަރުގެ އަންހެން މީހާއަކީ ށ. އަތޮޅު ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ މީހެއްކަމަށެވެ. ނިޔާވި އުމުރުން 78 އަހަރުގެ އަންހެން މީހާ ނިޔާވެފައިވަނީ
ށ. އަތޮޅު ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.

މުޅި ރާއްޖޭގައިވެސް ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތީގައި ހުރުމަށްފަހު މިހާރުވަނީ އަދަދު ދަށްވާން ފަށާފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާރުވެސް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތަކުންނެވެ.