ޚަބަރު

ވޮޝިންގޓަން އޯޕަންގައި ޑި-މިނޯއަ ފެށުން ރަނގަޅު ކޮށްފި


  • ދެވަނަ ބުރުގައި ޑި މިނޯއަ ބައްދަލުކުރާނީ ކުރޫޒް ހެވިޓް އާ

އެމެރިކާގެ ވެރިރަށް ވޮޝިންގޓަން ޑީސީގައި މިހާރު ކުރިއަށްދާ ވޮޝިންގޓަން އޯޕަން ޓެނިސް މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާގެ އެލެކްސް ޑި މިނޯއަ އޭނާގެ ފެށުން ރަނގަޅުކޮށްފިއެވެ.

މިމުބާރާތުގެ ފުރަތަމަ ބުރުގައި ޑި މިނޯއަ އޭނާގެ މެޗު ކާމިޔާބު ކޮށްފައިވަނީ މިވަގުތު ރަނގަޅު ފޯމެއްގައި ކުޅެމުންދާ ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް ބަލިކޮށްގެންނެވެ. މިމެޗު ޑި މިނޯއަ ކާމިޔާބު ކޮށްފައިވަނީ ދެ ސެޓު އެއް ސެޓުންނެވެ. އެއީ ހައެއް ހަތަރެއް، ތިނެއް ހައެއް އަދި ހައެއް ތިނަކުންނެވެ.

މި ކާމިޔާބީ އާއެކު މިމުބާރާރުގެ ދެވަނަ ބުރުގައި ޑި މިނޯއަ އާއި ބައްދަލުކުރަން ޖެހޭނީ އޮސްޓްރޭލިއާގެ ޒުވާން ކުޅުންތެރިޔާ ކުރޫޒް ހެވިޓްއާއެވެ. ކުރޫޒް އަކީ އޮސްޓްރޭލިއާގެ ކުރީގެ ތަޖްރިބާކާރު ކުޅުންތެރިޔާ ލޭޓަން ހެވިޓްގެ ދަރިފުޅެވެ. ކްރޫޒް މިމުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދީ އެމެރިކާގެ މާކޯސް ޖިރޯން އާއި ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ ހައެއް ތިނެއް އަދި ހައެއް ހަތަރަކުންނެވެ.

މިމުބާރާތުގެ ދެވަނަ ބުރުގައި ތިންވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޓޭލަރ ފްރިޓްޒް އާއި ޕޯލަންޑްގެ ކަމީލް މައިޗިރިޒަކް ބައްދަލުކުރި މެޗު ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބުކޮށް ފިރިޓްޒްވަނީ މިމުބާރާތުގެ ކްއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މިމެޗުގެ ދެސެޓު ފްރިޓްޒް ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނެއް އަދި ހައެއް ހަތަރަކުންނެވެ. ކްއާޓަރ ފައިނަލްގައި ފްރިޓްޒް ބައްދަލުކުރާނީ އަމިއްލަ ޤައުމުގެ އެލެކްސް މިޝެލްސަން އާއެވެ.

މީގެއިތުރުން މިމުބާރާޓުގައި ހަތަރު ވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ލޮރެންޒޯ މުސޭޓީ އާއި އޮސްޓްރޭލިއާގެ އެލެކްސެންޑަރ ވުކިޗް ބައްދަލުކުރި މެޗު ދެސެޓު އެއް ސެޓުން ކާމިޔާބު ކޮށް މުސޭޓީވެސްވަނީ މިމުބާރާޓުގެ ކްއާޓަރ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައެވެ. މިމެޗު މުސޭޓީ ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނެއް، ފަހެއް ހަތެއް އަދި ހައެއް ތިނަކުންނެވެ. ކުއާޓަރ ފައިނަލްގައި މުސޭޓީ ބައްދަލުކުރާނީ ސްޕެއިންގެ ރަފައެލް ހޮޑާ އާއެވެ.