ޚަބަރު

އޭއައިއިން ދޭމަޢުލޫމާތަށް، ނުފޫޒު ފޯރުވަން ޔަހޫދީން މިލިޔަނުން ޚަރަދުކުރި


ޔަހޫދީން ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުުރުމަށް ކުރާ ހަނގުރާމައާ ގުޅޭ ގޮތުން ކުރާ ސުވާލުތަކަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނިޒާމުތަކުން ދޭ ޖަވާބުތައް ވަކި ގޮތަކަށް ބައްޓަން ކުރުމަށް ޔަހޫދީން އެތައް ދިހަހާސް ބިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ރިޕޯޓެއްގައި ބުނެފިއެވެ.

ޑްރޮޕް ސައިޓް ނިއުސްގައި ޝާއިޢުކޮށްފައިވާ ރިޕޯޓުގައި ބުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ ކެންޕެއިން މެނޭޖަރު، ބްރެޑް ޕާސްކޭލްއާއި އޭނާގެ ކުންފުނި، ކްލޮކް ޓަވަރ އެކްސްއިން ޔަހޫދީންގެ ނަޒަރިއްޔާތު ފެތުރުމަށް ޔަހޫދީ ސަރުކާރާއެކު 46.5 މިލިޔަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ޔަހޫދީންގެ ނަޒަރިއްޔާތު ފެތުރުމަށް އެތައް ސަތޭކަ ލިޔުންތައް އެކި ވެބްސައިޓްގައި ޝާއިޢުކޮށްފައިވެއެވެ. އެ ލިޔުންތައް ބޭނުންކޮށްގެން ޗެޓްޖީޕީޓީއާއި ކްލޯޑްއާއި ޖެމިނީއާއި ޕަރޕްލެކްސިޓީ ހިމެނޭ ގޮތަށް އޭއައި މަންސަތަކުންދޭ ޖަވާބުތަކަށް ނުފޫޒު ފޯރުވުން ވެސް މި އެއްބަސްވުމުގެ ތެރޭގައި ހިމެނެއެވެ. އެ ގޮތުން ޣައްޒާ ހަނގުރާމައާއި ޔަހޫދީންގެ އަސްކަރީ އޮޕަރޭޝަންތަކާއި އެމެރިކާއާއި ޔަހޫދީންނާ ދެމެދު އޮންނަ ގުޅުމާ ގުޅޭ އެތައް ލިޔުމެއް އެ ކުންފުނިން ޝާއިޢުކޮށްފައިވެއެވެ.

ރިޕޯޓުގައި އިތުރަށް ބުނީ އޭއައި މަންސަތައް ބޭނުންކޮށްގެން އެ މައުޟޫތަކާ ގުޅޭ މަޢުލޫމާތު ހޯދުމުން، ‘އެލްއެލްއެމް ޕޮއިސަނިންގ’ ކިޔާ އުކުޅެއް ބޭނުންކޮށްގެން އޭއައިއިން ދޭ ޖަވާބަކީ ވަކިކޮޅަކަށް ޖެހިފައިވާ ޖަވާބަކަށް ހެދުމަށާއި ނުރަނގަޅު ޖަވާބަކަށް ހެދުމަށް ޔަހޫދީން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ކްލޮކް ޓަވަރ އެކްސްއިން ލިޔުންތައް ޝާއިޢުކޮށްފައިވާ ވެބްސައިޓްތަކުގެ ބޭނުމަކީ މީހުން އެ ވެބްސައިޓްތަކަށް ވަދެ އެ ލިޔުންތައް ކިޔުން ނޫން ކަމަށާއި އޭގެ ބޭނުމަކީ ސާޗް އިންޖީނުތަކުންނާއި އޭއައި ނިޒާމުތަކުން އެ މަޢުލޫމާތު އެ ނިޒާމުތަކުގެ ޑާޓާ ބޭސްގައި ހިމެނުން ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. ބައެއް އޭއައި ނިޒާމުތަކުން މިހާރު ވެސް އެ ވެބްސައިޓްތަކުގައި ޝާއިޢުކޮށްފައިވާ ޞައްޙަ ނޫން މަޢުލޫމާތު ފޯރުކޮށްދޭ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި އޭއައި މޮޑެލްތައް ތަމްރީނު ކުރުމަށް ވެސް އެ ފަދަ މަޢުލޫމާތު ބޭނުންކޮށްފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.