ޚަބަރު

ކޯވިޑް ޖެހިގެން އިތުރު 2 މީހަކު ނިޔާވެއްޖެ


ކޯވިޑަށް ރާއްޖޭގައި ފަރުވާ ހޯދަމުންދިޔަ 2 މީހަކު ނިޔާވެއްޖެއެވެ.

މި ބަލީގައި ނިޔާވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި އަންހެނަކާއި 78 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވީ، ނިޔާވި 79 އަހަރުގެ އަންހެން މީހާއަކީ ށ. އަތޮޅު ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ މީހެއްކަމަށެވެ. އަދި އޭނާ ނިޔާވީ މިމަހުގެ 22 ވަނަ ދުވަހުގެ 03:22 ހާއިރުގައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މީގެ އިތުރުން މިބަލީގައި ނިޔާވި އުމުރުން 78 އަހަރުގެ އަންހެން މީހާ ނިޔާވެފައިވަނީ އިއްޔެ ހަވީރު 04:55 ހާއިރު ށ. އަތޮޅު ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ. މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 296 އަށް އަރާފައެވެ. އަދި މިއީ މިބަލީގައި މިމަހު ނިޔާވި 19 ވަނަ މީހާވެސްމެއެވެ. ރާއްޖޭގައި މިވަގުތު 15356 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެތެރެއިން 20 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

މުޅި ރާއްޖޭގައިވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތީގައި ހުރުމަށްފަހު މިހާރު އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތަކުންނެވެ.