ފަލަސްޠީނުގެ ޣައްޒާގައި ގެދޮރުނެތް މީހުން ދިރިއުޅެމުންދާ ސަރަޙައްދުތަކުގައި މީދާ ފަދަ ބަލި ފަތުރާ ޖަނަވާރު ގިނަވެ، އެކްޓޯޕެރެސައިޓް ފަދަ ބަލިފަތުރާ ޖަރާސީމު އާލާވުމުގެ ސަބަބުން، ބަލިމަޑުކަމެއް ޢާންމުވުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމުގައި އެކުވެރި ދައުލަތްތަކުގެ (އދ) ތަރުޖަމާނު ފަރްޙާން ޙައްޤު އިންޒާރު ކުރައްވައިފިއެވެ. އޭނާ މި މޭރުމުން އިންޒާރު ކުރައްވާފައި ވަނީ، އިންސާނީ އެހީ ބެހުމުގެ ކަންކަން ވިލަރެސްކުރާ އދގެ އޮފީހުން (އޯސީއެޗްއޭ) ހަދާފައިވާ ދިރާސާއަކާ ޙަވާލާދެއްވައެވެ. ޙައްޤު ވިދާޅުވީ، މީދަލާއި ބަލިފަތުރާ ޖަރާސީމުގެ ނުރައްކާ ބޮޑުވުމާ ގުޅިގެން ޔަހޫދީންގެ ޤަތުލުޢާންމުގައި ގެދޮރު ނެތިކޮށްލާފައިވާ އެތައް ހާސް ބަޔެއްގެ ފުރާނައަށް ނުރައްކާވެފައިވާ ކަމުގައެވެ. މި ގޮތުން، ގެދޮރުނެތް މީހުން ދިރިއުޅޭ ވަގުތީ ހިޔާތަކާއި ފޭލިގެ ކޭންޕުތަކުގެ %83 ގައި މީދާ އާލާވެ، ބަލިފަތުރާ ޖަރާސީމު އުފެދިފައިވާ ކަން އޭނާ ހާމަކުރެއްވިއެވެ.
މީގެ އިތުރުން ޔަހޫދީންގެ ޢުދުވާނީ ހަމަލާތަކުގައި ޣައްޒާގެ ނަރުދަމާ ނިޒާމު ހަލާކުކޮށްލާފައިވުމުގެ ސަބަބުން މަގުތަކުގައި ނަޖިސް ފެތުރެމުންދާ ކަމަށާއި، ޣައްޒާގެ ރައްޔިތުންނަށް ސާފުތާހިރުވެވޭނެ ރައްކާތެރި ގޮތެއް ނެތް ކަން ވެސް ޙައްޤު ފާހަގަކުރެއްވިއެވެ. ޣައްޒާގައި މީދާ ގިނަވުމާ ގުޅިގެން އެ ކަން ކޮންޓުރޯލު ކުރުމަށް އދއާއި އެހީދޭ ޖަމުޢިއްޔާތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ޞިއްޙީ ނުރައްކާތެރިކަން ކުޑަކުރުމަށް ޓަކައި، އިންޖީނު ފަދަ ތަކެއްޗަށް ބޭނުންވާ ސްޕެއާޕާޓްސް އަދި ތެޔޮ ފަދަ ތަކެތި މެދުކެނޑުމެއް ނެތި ލިބޭނެ މަގު ފަހިކޮށްދޭން ޖެހޭ ކަމުގައި ވެސް ޙައްޤު ވިދާޅުވިއެވެ. ނަމަވެސް، ޔަހޫދީ ފައުޖުން ދަނީ އެ ސަހަރަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ އިތުރުން އެހެނިހެން ޒަރޫރީ ސާމާނު އެތެރެކުރުމަށް ހުރަސް އަޅަމުންނެވެ.
ޣައްޒާގެ %65 ސަރަޙައްދަށް މިހާރު ޔަހޫދީ ސިފައިން ވަނީ އަތްގަދަ ކޮށްފައެވެ. އެ ސަހަރުގެ ޢާންމު ރައްޔިތުން ދިރިއުޅެމުންދާ ސަރަޙައްދުތަކުގައި އުފެދޭ ކުނިބުނި، ޔަހޫދީ ސިފައިންގެ ބާރުގެ ދަށުގައި އޮތް ސަރަަޙައްދުތަކުގައި ހުރި ކުނިގޮނޑުތަކަށް ގެންދެވޭ ގޮތެއް ނެތް ކަމުގައި ވެސް ޙައްޤު ވިދާޅުވިއެވެ. މީގެ އިތުރުން، ސާފު ބޯފެން ހޯދުމުގައި ވެސް ޣައްޒާގެ ރައްޔިތުންނަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައެވެ. ޙައްޤު ވިދާޅުވީ، ޣައްޒާގެ އެތައް ސަތޭކަ ކުޑަކުދިންނާއި، އެ ކުދިންގެ ޢާއިލާތަކަށް ސާފު ބޯފެނާއި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އދއާއި އެހީދޭ ޖަމުޢިއްޔާތަކުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމުގައެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް 2023 އޮކްޓޫބަރުގައި ޔަހޫދީން ފެށި ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 73,000 އަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 174,000 އަށް އަރައެވެ. 2025 އޮކްޓޫބަރުގައި ޤަތުލުޢާންމު ހުއްޓައިލާފައިވާ ކަމުގައި ޔަހޫދީ ފައުޖުން ބުނި ނަމަވެސް، އޭގެ ފަހުން ދީފަައިވާ ނިރުބަވެރި ޙަމަލާތަކުގައި މިހާތަނަށް ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 1,207 އަށް އަރައެވެ. އަދި، އިތުރު 3,914 މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.