އިންސާނީ ވަގުފާރިއާ ގުޅޭގޮތުން ޤާނޫނީގޮތުން ހުރި ކަންކަން ތަންފީޒުކުރުމަށް ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.
ފައިރޫޝް މިހެން ވިދާޅުވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާއިން މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްސަ މަސައްކަތު ބައްދަލުވުމުގައި ވާހަކަދައްވަމުންނެވެ.
މި މަސައްކަތު ބައްދަލުވުމަކީ މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރުމުގެ ދިގުމުއްދަތުގެ ޤައުމީ އޮނިގަނޑު ކަމުގައިވާ މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓްރެޓީޖިކް ޕްލޭނާ ގުޅޭގޮތުން ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން މަސައްކަތް ކުރުމުގައި ހުރި ކަންކަން ދެނެގަނެ ހައްލުތައް ހޯދުމަށް ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.
މިއަހަރު މީހުން ޓްރެފިކް ކުރުމާ ދެކޮޅަށް މަސައްކަތް ކުރާ ދުވަސް ފާހަގަކުރަނީ "ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް" ނުވަތަ މަކަރާއި ހީލަތުން ގައިދުކޮށްފައި މި ޝިއާރުގެ ދަށުންނެވެ. މިއީ ޓެކްނޮލޮޖީއާއި ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން، އޮންލައިން ސްކޭމް ކޮމްޕައުންޑްތަކަށް މީހުން ޓްރެފިކްކުރާ މިންވަރު އިތުރުވަމުންދާ ދިއުމަށާއި، މި ބަދަލުވަމުންދާ ކުށުގެ ވިއުގަތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާ ޝިއާރެކެވެ.
މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރުމަކީ ދިވެހިރާއްޖެއިން ޤައުމީ ފެންވަރުގައި އެންމެ އިސްކަންދޭ އެއް ކަންތައްކަމުގައި ދާޚިލީ ވުޒާރާއިން ފާހަގަކުރައްވައެވެ. އެގޮތުން، ލޭބަރ މައިގްރޭޝަންގެ މުޅި ނިޒާމު ހަރުދަނާކުރުމަށްޓަކައި، އިމިގްރޭޝަނާއި، ލޭބަރ ގަވަރނަންސްއާއި، އިންސްޕެކްޝަންތަކުގެ އިތުރުން ޤާނޫނު ތަންފީޒުކުރުން އެ ވުޒާރާގެ އޮނިގަނޑުގެ ދަށަށް ގެނެވިފައިވާ ކަމަށާއި ސްޓްރެޓީޖިކް ޕްލޭން ފާސްކޮށް، ކުށްކުރުން ހުއްޓުވުމާއި، ވިކްޓިމްސްއަށް ރައްކާތެރިކަން ދިނުމާއި، ތަޙުޤީޤުކުރުމުގެ ދާއިރާތަކުން އިސްކަންދޭނެ ކަންކަން ކަނޑައެޅިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވީ މިހާރު އެކުލަވާލާފައިވާ ޤައުމީ ސްޓްރެޓިޖިކް ޕްލޭނުގައި ބައިނަލްއަގުވާމީ އިދާރާތަކުން ރާއްޖެ ދަރަޖަކޮށްފައިވާ ގޮތާއި ދީފައިވާ ލަފާތަކަށް ބަލާފައިވާނެ ކަމަށެވެ. އަދި ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވުނު އެކި ކަންކަންވެސް ހިމަނާފައިވާނެ ކަމަށާއި އިންސާނީ ވަގުފާރިއާ ގުޅޭގޮތުން ޤާނޫނީގޮތުން ހުރި ކަންކަން ތަންފީޒުކުރުމުގައި ހޭލުންތެރިކަން ކުޑަކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު އެދެނީ ހަމައެކަނި ހިޔުމަން ޓްރެފިކިން ޤާނޫނު އެއީ ހަމައެކަނި އޮތް އެއްޗެއް ކަމަށް ނުބައްލަވާ މިކަމާ ގުޅޭ އެކި އިދާރާތަކުން، ޚާއްސަކޮށް މަސްއޫލުވެރި އިދާރާތަކުން މަސައްކަތް ކުރައްވާއިރު އެހެންކަންކަންވެސް ބައްލަވައިގެން، ކުރިއަށްގެންދަވަން. އޭގެ އިތުރުން އަޅުގަނޑުމެން ސްޓްރެޓިޖިކް ޕްލޭން ތައްޔާރުކޮށްފައި މިހިރީ އާންމުނޫން ޤާނޫނު ދަންނަ ހަމައަށްވުރެ ކުޑަކޮށް އިތުރުކޮށް،" ފައިރޫޝް ވިދާޅުވިއެވެ.
ފައިރޫޝް ވިދާޅުވީ ސްކޭމްކޮށްގެން ދިވެހިން ޓްރެފިކް ކުރުމުގެ މައްސަލަތައް ފާހަގަނުކުރެވުނު ނަމަވެސް ދުނިޔޭގައި އެފަދަ ކުށްތައް ކުރިއަރައިގެންދާ ގޮތާއި ރާއްޖޭގައި ސްކޭމްގެ މައްސަލަތުގައި ޖެހޭ މީހުންގެ އަދަދަށްބަލާއިރު އެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތައް ގުޅިގެން މިފަދަ ކަންކަމާ ދެކޮޅަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ދާޚިލީ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި މީހުން ޓްރެފިކްކުރުމަކީ ހަމައެކަނި ސަރުކާރުގެ އިދާރާތަކުން ކުރާ މަސައްކަތަކުން ހުއްޓުވޭނެ ކަމަކަށް ނުވާތީ، އެކަމުގައި ވަޒީފާދޭ ފަރާތްތަކާއި، މަދަނީ ޖަމިއްޔާތަކާއި، އަދި އާންމު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުން މުހިންމެވެ. ސަރުކާރުގެ އަމާޒަކީ އެކްސްޕްލޮއިޓޭޝަން ފެށުމުގެ ކުރިން އެކަން ހުއްޓުވާނެ ހަރުދަނާ ނިޒާމުތަކެއް ބިނާކުރުން ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.