ޚަބަރު

ކޯވިޑް ބަލީގައި މިއަދުގެ 2 ވަނަ މަރު


ކޯވިޑް ބަލިޖެހިގެން ފަރުވާދެމުންދިޔަ އިތުރު މީހަކު މިއަދު ނިޔާވެއްޖެއެވެ. އަދި މިއީ މިބަލީގައި މިއަދު ނިޔާވި 2 ވަނަ މީހާވެސްމެއެވެ. އެއީ ޢުމުރުން 81 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، ނިޔާވި 81 އަހަރުގެ ދިވެހި ފިރިހެން މީހާއަކީ ގދ އަތޮޅުގައި ހުންނަ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދިޔަ މީހެއްކަމަށާއި އޭނާ ނިޔާވީ މިއަދުގެ އިރުއޮއްސި 06:54 ގައި ކަމަށެވެ.

މީގެ ކުރިން މިބަލީގައި މިއަދު ނިޔާވެފައިވަނީ 97 އަހަރުގެ އަންހެންމީހެކެވެ. އޭނާ ނިޔާވެފައިވަނީ މިއަދު ހަވީރު 05:15ގައި އައްޑޫ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮންނެވެ.

މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު މިވަނީ 294 އަށް އަރާފައެވެ. އަދި މިއީ މިބަލީގައި މިމަހުގެ ނިޔާވި 17 ވަނަ މީހާވެސްމެއެވެ.
ރާއްޖޭގައި މިވަގުތު 15871 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެތެރެއިން 29 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ޖެނުއަރީމަހުގެ މެދުތެރެއިން ފެށިގެން ރާއްޖޭގައި ކޯވިޑްޖެހޭ މީހުންގެ އަދަދުވަނީ އިތުރުވެފައެވެ. އެގޮތުން ދުވާލަކު ފެންނަ ކޭސްތަކުގެ އަދަދު އެވަރެޖްކޮށް އުޅުނީ 2000އިން މަތީގައެވެ. މުޅި ރާއްޖޭގައިވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތީގައި ހުރުމަށްފަހު މިހާރު އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތަކުންނެވެ.