ޚަބަރު

ރާއްޖެއިން އިތުރު 796 މީހުން ކޯވިޑް19އަށް ޕޮޒިޓިވްވެއްޖެ


ރާއްޖެއިން އިތުރު 796 މީހުން ކޯވިޑް19އަށް ޕޮޒިޓިވްވެއްޖެއެވެ.

ރާއްޖޭގައި މިދިޔަމަހު ކޯވިޑް ކޭސްތައް އިތުރުވި ނަމަވެސް މިހާރު މިވަނީ، މަޑުމަޑުން އަދަދު ދަށަށް ދާން ފަށާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބު ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކޯވިޑް ބައްޔަށް ޕޮޒިޓިވްވި 796މީހުންގެ ތެރޭގައި ގިނައީ އަތޮޅުތެރެއިން ޕޮޒިޓިވްވީ މީހުންނެވެ. އެގޮތުން އަތޮޅުތެރެއިން 669 މީހުންވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. މާލެއިން ޕޮޒިޓިވްވެފައިވަނީ 73 މީހުންނެވެ. މީގެއިތުރުން ރިސޯޓުތަކުން 22 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި ސަފާރީއަކުން އެކަކު ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 166525 އަށް އަރާފައެވެ.

ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވަމުން ދިއުމާއެކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ދަނީ ދަށްވަމުންނެވެ. މިވަގުތު 15211 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދަނީ، 25 މީހުންނަށެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 573 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 15211 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4171 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 292 މީހަކު ވަނީ ނިޔާވެފައެވެ.

އާ އަހަރާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެގެންދިޔައީ ކޯވިޑްގެ އާ ވޭރިއަންޓާއެކުއެވެ. މުޅި ރާއްޖޭގައިވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތީގައި ހުރުމަށްފަހު މިހާރު އަދަދުތައްދަނީ ތިރިވަމުންނެވެ. މިއާއެކު ބައްޔާއި ގުޅިގެން އަޅާފައިވާ ގިނަ ފިޔަވަޅުތަކަކަށް އެޗްޕީއޭއިން ވަނީ ލުއި ދީފައެވެ.