ޚަބަރު

ހަމަލާ މެދުކަނޑާލުމުގެ އެއްބަސްވުމަށް އަހަރެއް؛ ޣައްޒާގެ ހާލަތަކަށް ބަދަލެއް ނާދޭ


މީގެ އަހަރެއް ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފަލަސްޠީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޢުދުވާން ނިމުމަކަށް އައިސްފައިވާ ކަމަށް އިޢުލާނުކުރައްވައިފައެވެ. އޭގެ ފަހުން 12 މަސް ދުވަސް ފާއިތުވެފައިވާއިރު، ޔަހޫދީން އަދިވެސް ދަނީ ޣައްޒާގެ ރައްޔިތުން ޖެހިލުމެއް ނެތި ޝަހީދުކުރަމުންނެވެ. ޣައްޒާގެ ބޮޑު ބައެއް އަދިވެސް އޮތީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ. ކާނެ އެއްޗެއް ލިބޭތޯ ޣައްޒާގެ ޢާއިލާތަކުން ދަނީ އެތައް ގަޑިއިރެއް ކިޔުތަކުގައި ހޭދަކުރަމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ވީ އެއްބަސްވުމުގެ ދަށުން މިހާތަނަށް ކަން ހިނގާފައިވާ ގޮތަކީ މިއީއެވެ: ޔަހޫދީންނަށް އަސީރުން ހަވާލުކޮށްފި، ޣައްޒާއަށް އަދިވެސް ހަމަޖެހުމެއް ނެތް އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާކަން އިޢުލާނުކުރިތާ ތިން ދުވަސް ފަހުން ޙަމާސްއިން ވަނީ އެ ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ 20 އަސީރުން ޔަހޫދީ
ންނާ ހަވާލުކޮށްފައެވެ. އެއީ އެއްބަސްވުމުގެ އެންމެ މުހިންމު ޝަރުތު ފުރިހަމަ ކުރުމުގެ ގޮތުންނެވެ.

އެއްބަސްވުމަށް ޢަމަލުކުރަން ފެށުނު ފަހުން ފާއިތުވެފައިވާ އެއް އަހަރުގެ ތެރޭގައި ފަލަސްޠީނުގެ ދިފާޢުގައި ޙަމާސްއިން އެއްވެސް ހަަމަލާއެއް ޔަހޫދީންނަށް އަމާޒުކޮށްފައެއް ނުވެއެވެ. ފަލަސްޠީނަށް ޢަމަލުކުރެވެން ހުރި ހުރިހާ މާއްދާއަކާއި ޝަރުތުތަކަށް ދަނީ ޢަމަލުކުރަމުންނެވެ. ނަމަވެސް ޔަހޫދީން ދަނީ އެއްބަސްވުމާ ޚިލާފަށް ތަކުރާރުކޮށް ޣައްޒާއަށް ހަމަލާތައް ދެމުންނެެވެ. އެއްބަސްވުމާ ޚިލާފުވި ނަމަވެސް ޔަހޫދީން އެއްވެސް ފަރާތަކަށް ޖަވާބުދާރީވާކަށް ނުޖެހެއެވެ. އަދި ޔަހޫދީންނަށް އެއްވެސް ފިޔަވަޅަކާ ވެސް ކުރިމަތިލާކަށް ނުޖެހެއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އެއްބަސްވުމާ ގުޅޭ ކަންކަން ގާތުން ބެލުމަށް އެ ޤައުމުގެ ބައިވެރިންނާއެކު ސަރަޙައްދީ ރޮނގުގެ ކައިރީގައި ކޮމާންޑު ޕޯސްޓެއް ޤާއިމްކޮށްފައެވެ. އެއްބަސްވުމަށް އަހަރެެއް ފުރިފައިވާއިރު، އެމެރިކާގެ އަސްކަރިއްޔާއިން ބަލަމުން ދިޔަ ކަންކަމުގެ ސަބަބުން މިހާތަނަށް ވީ ކަމެއް ނެތެވެ. ޔަހޫދީން އަދިވެސް ދަނީ މިނިވަންކަމާއެކު ހަމަލާތައް ދެމުންނެވެ.

ހަމަލާ ބަދަލުކުރުން މެދުކަނޑާލާފައި އޮތް ނަމަވެސް ކޮންމެ ދުވަހަކު އެތައް މަރެއް ޣައްޒާގެ ޞިއްޙީ އިދާރާއިން ބުނީ އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީން ޣައްޒާގައި 1،450 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. އދން ވެސް ވަނީ އެއީ ރަނގަ
ޅު ޢަދަދެއް ކަމަށް ޔަޤީންކޮށްދީފައެވެ. މިއީ ޢުދުވާނެއް ނުހިންގާ ކަމަށް ބުނަމުންދާ ދުވަސްވަރެއްގައި ޝަހީދުކޮށްލާފައިވާހާ މީހުންނެވެ.

ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު، އައިސީސީއިން ވަނީ ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް އަމުރެއް ނެރެފައެވެ. އެއީ ޣައްޒާގައި ހަނގުރާމައިގެ ޖަރީމާ ހިންގުމާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގުމުގެ ކުށުގައެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޢުދުވާން ފެށި ފަހުން ފަލަސްޠީނުގެ 74،000 ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ.

ނަތަންޔާހޫ އަދިވެސް ދަނީ، ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން ހަމާސްއިން ޔަހޫދީ ދައުލަތަށް ދިން ހަމަލާގައި ހިމެނޭ ހުރިހާ އެންމެން ޝަހީދުކޮށްލާނެ ކަމަށް ބުނަމުންނެވެ. ނަމަވެސް ޔަހޫދީން ޣައްޒާގެ ރައްޔިތުން ޝަހީދު ކުރަމުންދަނީ ކުޑަކުއްޖަކަށް އަންހެނަކަށް މުސްކުޅިއަކަށް ބެލުމެއް ނެތިއެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކުން ވެސް ދަނީ ޔަހޫދީން މަސައްކަތް ކުރަމުންދަނީ ފަލަސްޠީނުގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ކަމަށް ބުނަމުންނެވެ.

ޣައްޒާގެ 70 އިންސައްތަ ޔަހޫދީންގެ ބާރުގެ ދަށުގައި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގައި ޔަހޫދީ ފައުޖުތަކަށް ޣައްޒާގެ 53 އިންސައްތައިގެ މައްޗަށް ބާރު ހިންގޭނެއެވެ. ނަމަވެސް އެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން މިހާރު ވެސް ދަނީ ޣައްޒާގެ 70 އިންސައްތަ ކޮންޓްރޯލް ކުރަމުންނެވެ. އޭގެން ވެސް ދޭހަކޮށްދެނީ އިސްތިޢުމާރީ ބާރުތަކުން ޣައްޒާގައި ފަހަތަށް ޖެހިފައި ނުވާ ކަމެވެ. އަދި އެއްބަސްވެފައިވާ އިމަށްވުރެ މާ ދުރަށް ޔަހޫދީން ފެތުރިގަނެފައިވާ ކެމެވެ.

ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާގެ އިމާރާތްތައް ވަނީ އެއްކޮށްހެން ސުންނާފަތިވެފައެވެ. އެ އިމާރަތްތަކުގައި ދިރިއުޅެމުން ދިޔަ ޣައްޒާގެ ރައްޔިތުން އަނބުރާ ދާނެ ގެއެއް މިއަދަކު ނެތެވެ.

ހަތިޔާރު ބެހެއްޓުމުގެ މައްސަލައަކީ އުޒުރެއް ‏ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުޚަލާގައި ޣައްޒާގެ ވެރިކަން ހަމާސްއަތުން އަތުލައި، ފަންނީ ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ އދން ބަލައިގަންނަ ސަރުކާރަކަކަށް މަދަނީ އަދި ސަލާމަތީ ޒިންމާތައް ހަވާލުކުރުމަށް ވަނީ ހުށަހަޅައިފައެވެ. ޙަމާސްއިން ވަނީ އެ ގޮތަށް އަމަލުކޮށް، ހުރިހާ ޒިންމާތަކެއް ހަވާލުކުރުމަށް އެއްބަސްވެފައެވެ. އަދި ހަތިޔާރު ބަހައްޓާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ނަމަވެސް އިންތިޤާލީ ސަރުކާރު ޤާއިމްކޮށް، ބައިނަލްއަޤްވާމީ ސަލާމަތީ ބާރުތަކުން ޣައްޒާގައި ޙަރަކާތްތެރިވާން ފެށުމުގެ ކުރިން ހަތިޔާރު ނުބެހެއްޓޭނެ ކަމަށް ޙަމާސްއިން ދަނީ ބުނަމުންނެވެ. ޔަހޫދީން ދަނީ އައު ސަރުކާރު ޤާއިމްކުރުމަށް ބޭނުންވާ ފަންނީ ތަޖުރިބާކާރުން ޣައްޒާއަށް ވަނުމަށް ހުރަސްއަޅަމުންނެވެ.

ކަން މިހެން އޮތް އިރު، ޔަހޫދީން ބުނަމުންދަނީ ހަތިޔާރު ނުބަހައްޓާހާ ހިނދަކު ޔަހޫދީ ފައުޖުތައް ޣައްޒާއިން ނުފައިބާނެ ކަަމަށެވެ. އައު ސަރުކާރު ޤާއިމް ނުކުރެވި އޮތް އޮތުން ޔަހޫދީން ދަނީ އުޒުރަކަށް ބޭނުންކުރަމުންނެވެ. އަދި އެއް ކޮޅަށް ފައިދާ ބޮޑުވާ ގޮތަށް ޝަރުތުތައް ކުރަމުންނެވެ.

ޣައްޒާ އަލުން އާރާސްތުކުރުން: ގިނަ ވަޢުދުތަކެއް، އެކަމަކު ފައިސާއެއް ނެތް ޓްރަމްޕް ވަނީ ޞުލްޙައިގެ ބޯޑުގެ ނަމުގައި ބޯޑެއް އުފައްދަވައި، އެ ބޯޑުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާނީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާއާއި ބަލްގޭރިއާގެ ނިކޮލޭ ލަޑެނޮވް ކަމަށް ވަނީ ނިންމަވައިފައެެވެ. މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޓްރަމްޕް ވަނީ އެމެރިކާއިން ޞުލްޙައިގެ ބޯޑަށް 10 ބިލިޔަން އެމެރިކާ ޑޮލަރު ދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ގަލްފުގެ ޤައުމުތަކުން ވެސް ވަނީ އެ ބޯޑަށް ފައިސާ ދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފައިސާއެއް ޣައްޒާ އާރާސްތުކުރުމަށް ލިބިފައިވާ ކަމެއް އެނގިފައެއް ނުވެއެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޞުލްޙައިގެ ބޯޑުން ވަނީ ހަ މަސް ދުވަހުގެ މުއްދަތަށް، 2.45 ބިލިޔަން އެމެރިކާ ޑޮލަރުގެ އާރާސްތުކުރުމުގެ ޕްރޮގުރާމެއް ހިންގުމަށް ހުށަހަޅައިފައެވެ. ޣައްޒާގެ 2 މިލިޔަނަށްވުރެ ގިނަ ރައްޔިތުން ސުންނާފަތިވެފައިވާ އިމާރާތްތަކާއި ފޭލިގެތަކުގައި ދިރިއުޅެމުންދާއިރު، މިހާތަނަށް އެ ހުށަހެޅުން ހަޤީޤަތަކަށް ވެފައެއް ނުވެއެވެ.

ޣައްޒާގައި އަދިވެސް ބަނޑުހައިހޫނުކަން އެއްބަސްވުން ޤާއިމްކުރަން ފެށުމުގެ ކުރިން ޣައްޒާއަށް އެހީގެ ސާމާނު ވައްދަމުން ދިޔަ މިންވަރަށް ވުރެ މިހާރު އެހީގެ ސާމާނު ވައްދާ މިންވަރު ވަނީ ކޮންމެވެސް ވަރަކަށް އިތުރުވެފައެވެ. ޣައްޒާގައި އާންމުވެގެންވާ ބަނޑުހައިހޫނުކަމުގެ ޙާލަތެއް އޮތް ކަމަށް އދން ކުރިން ބުނި ނަމަވެސް ޙާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވުމުން އެ ޙާލަތު މިހާރު ނެތް ކަމަށް އެ އިދާރާއިން ވަނީ 2025ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަނޑައަޅައިފައެވެ.

ނަމަވެސް ޣައްޒާގެ ރައްޔިތުން އަދިވެސް ދަނީ ބަނޑުހައިހޫނުކަން ތަޙައްމަލް ކުރަމުންނެވެ. ޣައްޒާގެ 1.4 މިލިޔަން ރައްޔިތުންނަށް ކާބޯތަކެތި ކަށަވަރުނުވާއިރު، 200،000އަށްވުރެ ގިނަ މީހުން ދަނީ ބަނޑަށް ޖެހުމުގެ ޙާލަތަށް ދިޔުމުގެ ނުރައްކަލާ ކުރިމަތިލަމުންނެވެ. ޣައްޒާގައި ކާޑުބަލި އާންމުވެފައިވާއިރު، މާބަނޑު އަންހެނުންނާއި ގާތުން ދޭ މައިންގެ ތެރެއިން 93 އިންސައްތައިގެ ކިބައިން ދަނީ ހަށިގަނޑުން ލޭ މަދުވުމުގެ އަލާމާތްތައް ފެންނަމުންނެވެ. ގިނަ ޢާއިލާތަކުން ކަނީ ދުވާލަކު އެއް އިރެެވެ. އަދި ކާއެއްޗެހި ހޯދުމަށް ބަރޯސާވަނީ އެހީގެ މައްޗަށެވެ.

ހަމައެކަނި ނަމެއްގައި އޮތް އެއްބަސްވުމެއް ‏ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުން ޤާއިމްކޮށްގެން ޔަހޫދީން ޙާޞިލް ކުރަން ބޭނުންވި މަޤްޞަދު ވަނީ ޙާޞިލްވެފައެވެ. އެއީ ޔަހޫދީ އަސީރުން މިނިވަންވުމާއި ސަރަޙައްދީ ރޮނގު ކައިރިއަށް ދެމުންދިޔަ ހަމަލާތައް ހުއްޓުމަކަށް އައުމެވެ. ނަމަވެސް ފަލަސްޠީނުގެ ރައްޔިތުން ކުރިމަތިލާން ޖެހެނީ ހަމަލާތަކުގައި ރައްޔިތުން ޝަހީދުވުމާއި، އަމިއްލަ ބިންތައް ގެއްލުމާއި، ބަނޑުހައިހޫނުކަމާއި، އަގެއްނެތް ވަޢުދުތަކަކާއެވެ. އަހަރެއްވީއިރު، ޔަހޫދީން އަދިވެސް ތިބީ ޣައްޒާގައި ފައި ވިއްދާފައެވެ. އަދި އެއްބަސްވުމާ ޚިލާފުވުމުން ޔަހޫދީންނަށް އެއްވެސް ފިޔަވަޅަކާ ވެސް ކުރިމަތިލާން ނުޖެހެއެވެ.