ޚަބަރު

ރިޔާޟްގެ އެއަރޕޯޓަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި


  • މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއްކަމަށް ވިދާޅުވި

  • ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށްވަނީ ތައުޒިޔާ ފޮނުވާފައި

ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ކިންގް ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓަށް އަމާޒުކޮށް ހޫޘީން ދިން ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ދިން މި ހަމަލާގައި އާންމުންގެ އެތައް ބަޔަކު މަރުވެ، ސަތޭކައަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އާންމު ރައްޔިތުންނާއި މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށެވެ. އަދި މިއީ ސަޢޫދީ ޢަރަބިއްޔާގެ އިތުރުން މުޅި ސަރަޙައްދުގެ އަމަންއަމާންކަމާއި ހަމަޖެހުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.


މި ހިތާމަވެރި ހާދިސާއާ ގުޅިގެން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ސަޢޫދީ ސަރުކާރަށާއި ރައްޔިތުންނަށް، އަދި ވަކިން ޚާއްޞަކޮށް މި ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށްވަނީ ތައުޒިޔާ ފޮނުވާފައެވެ. މީގެ އިތުރުން ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށްވެސް ވަނީ އެދިފައެވެ.

ޚާރީޖީ ވުޒާރާގެ ބަޔާނުގައި ރާއްޖެ އަބަދުވެސް އޮންނާނީ ސަޢޫދީ ޢަރަބިއްޔާއާ އެކު ފުރިހަމަ އެއްބައިވަންތަކަން މަތީގައި ކަމަށް ވިދާޅުވިއެވެ. އަދި ސަޢޫދީގެ ސިޔާދަތާއި، ޤައުމުގެ ސަލާމަތާއި، އެ ޤައުމުގެ ރައްޔިތުންނާއި އެތަނުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ޤައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ޚާލިދު އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިން ހަމަލާގައި 12 މީހުން މަރުވެ، 309 މީހުން ވަނީ ޒަޚަމްވެފައެވެ. އީރާންގެ މަދަދު ލިބޭ ޔަމަނުގެ ޙޫޘީ ހަނގުރާމަވެރިން މި ހަފުތާގައި އެއަރޕޯޓަށް ދިން ތިންވަނަ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސަޢޫދީގެ ހަތަރު ރައްޔިތުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، އުރުދުން، ފަލަސްޠީން، ސޫރިޔާ، ސޫދާން އަދި މިޞްރު ރައްޔިތަކު ހިމެނެއެވެ. ސަޢޫދީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ، ޒަޚަމްވި ބައެއް މީހުންގެ ޙާލު ވަރަށް ސީރިއަސް ކަމަށެވެ.

މި ހަމަލާއާ ގުޅިގެން އޮކްޓޫބަރު 10ގައި ރިޔާޟަށް ދަތުރުކުރާ ހުރިހާ ފްލައިޓެއް ޑައިވަރޓުކޮށް، 8 މިލިޔަން މީހުންނަށް ޚިދުމަތްދޭ އެއަރޕޯޓުގެ އޮޕަރޭޝަންތައް ވަނީ ހުއްޓާލާފައެވެ. ޙޫޘީން ވަނީ ސަޢޫދީގެ ވައިގެ ސަރަޙައްދަކީ އަސްކަރީ ސަރަޙައްދެއް ކަމަށް ކަނޑައަޅައި، އެ ތަނުން ދަތުރުނުކުރުމަށް ބައިނަލްއަޤުވާމީ އެއަރލައިންތަކަށް އިންޒާރު ދީފައެވެ. ރިޔާޟުގައި ހުންނަ އެމެރިކާގެ ސަފާރާއިން ވަނީ އެއަރޕޯޓް ސަރަޙައްދަށް ނުދިއުމަށް އެ ޤައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.