ޚަބަރު

"އަންހެން ކުދިންގެ ޙައްޤުތައް ކަށަވަރުކުރަން ގުޅިގެން މަސައްކަތްކުރަންޖެހޭ"


  • ތަޢުލީމާއި ވިޔަފާރިއާއި ކުޅިވަރުގެ ރޮނގުން އަންހެން ކުދިން ހޯދާ ކާމިޔާބީ ފާހަގަކުރެއްވި

  • އަންހެން ކުދިިންނަށް ރައްކާތެރި މާހައުލެއް ޤާއިމުކޮށްދިނުމަށް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލެއްވި

އަންހެން ކުދިންގެ ހައްޤުތައް ކަށަވަރުވެފައިވާ އިންސާފުވެރި މުޖުތަމައެއް ބިނާކުރުމަށް ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ އިލްތިމާސްކުރައްވައިފިއެވެ.

ވަޒީރު މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އަންހެން ކުދީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްސަ މެސެޖެއްގައެވެ. މި މެސެޖުގައި ދިވެހި އަންހެން ދަރިންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ވަޒީރު ވަނީ އަރިސްކުރައްވާފައެވެ.

ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ދިރިއުޅުމުގެ އެކި މައިދާންތަކުގައި އަންހެން ކުދިންނަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަމަށެވެ. މި ގޮންޖެހުންތަކާއެކުވެސް ތަޢުލީމީ ރޮނގުންނާއި، ޒަމާނީ ޓެކްނޮލޮޖީއާއި، ކުޅިވަރާއި ވިޔަފާރީގެ ދާއިރާއިން ދިވެހި އަންހެން ކުދިން ހޯދަމުންދާ ކާމިޔާބީތަކަކީ ފަޚުރުވެރިވުން ހައްޤު ކާމިޔާބީތަކެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެކުދިންގެ ކިބައިގައިވާ ވަރުގަދަ އަޒުމާއި ހިތްވަރާއި ސާބިތުކަމުން މުޅި ޤައުމަށްވެސް ހިތްވަރު ލިބިގެންދާކަމަށް ވިދާޅުވިއެވެ.



ވަޒީރު ޤީލާ ޢަލީގެ މެސެޖުގައި، ރާއްޖޭގެ ކޮންމެ އަންހެން ކުއްޖަކީވެސް ރައްކާތެރި، އަޅާލުމާއި ލޯބި ލިބިގެން ބާރުވެރި މާހައުލެއްގައި ބޮޑުވާ ކުއްޖަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. އެގޮތުން "ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި އެފަދަ ކަންކަމަށް އިޖާބަދިނުމުގެ ޤައުމީ އެކްޝަން ޕްލޭން" ފުރިހަމައަށް ތަންފީޒުކުރުމުގައި ސަރުކާރުން ސާބިތުކަމާއެކު މަސައްކަތްކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އަންހެން ކުދިންގެ އުންމީދުތައް ހަޤީޤަތަކަށް ހަދައިދީ، އެކުދިންގެ ޤަބިލުކަމާއި ހުނަރުވެރިކަން އެންމެ މަތީ ދަރަޖައަށް ފާޅުކުރެވޭނޭ ފަދަ އޯގާތެރި، އިންސާފުވެރި މާހައުލެއް ޤާއިމުކުރުމަށްޓަކައި ހުރިހާ ރައްޔިތުންވެސް ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވަނީ ގޮވާލައްވާފައެވެ.