ޚަބަރު

ޕީސީއާރް ނުހަދާ ރަށްރަށަށް ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފި


މާދަމާއިން ފެށިގެން މާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުމުގެ ކުރިން ޕީ.ސީ.އާރް ޓެސްޓް ހަދަންނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހަމަޖައްސައިފިއެވެ.

އެޗްޕީއޭއިންވަނީ އޮމިކްރޯން" ވޭރިއަންޓް ރާއްޖެއިން ފެނިފައިވާތީއާއި، މާލެ ސަރަޙައްދުގައި ބަލި ފެތުރުން އިތުރުވެފައިވާތީ "ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު"ގެ ދަށުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިދީފައެވެ.

އެޗްޕީއޭއިން ލުއި ދީފައިވާ ކަންތައްތަކުގެ ތެރޭގައި:

  • މާލޭގައި މީހުން އެއްވެ އުޅުމާއި، ހަފްލާތަކާއި އިވެންޓްތައް ބޭއްވުމަށް އޮތް ލިމިޓް އުވާލުން. މިފަދަ ހަރަކާތްތައް ބާއްވަންވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ކޯވިޑް -19 އިން ރައްކާތެރިވުމުގެ ގައިޑްލައިންތަކާ އެއްގޮތަށް
  • ކުޅިވަރު މުބާރާތްތަކަށް ކުޅިބަލާމީހުންނަށް ނުވަދެވޭގޮތަށް އޮތް އޮތުން އުވާލުން. ކުޅިވަރު މުބާރާތްތައް ބޭއްވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގައިޑްލައިތަކަށް އަމަލުކުރުން
  • މާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުމުގެ ކުރިން ޕީ.ސީ.އާރް ޓެސްޓް ހަދަންޖެހޭގޮތަށް އޮތް އޮތުން އުވާލުން


ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވެ މާލެއިންވެސް ބަލި ފެންނަ މިންވަރު އިތުރުވާން ފެށުމުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާލޭގައި މަގުމައްޗަށް ނިކުންނައިރު މާސްކް އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުމަށް ބަދަލު ގެނެސްފައެއް ނުވެއެވެ.

މިއަހަރު ފެށުނު ފަހުން ރާއްޖޭގައި ކޯވިޑް ފެތުރޭ މިންވަރު އިތުރުވަމުންގޮސް ޖެބުއަރީ މަހުގެ މެދެއްހާ ހިސާބުން ފެށިގެން ދުވާލަކު ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ އެއްހާހުން މަތިވާން ފަށާފައެވެ. އަދި މިއަދަދު 2800 އިން މައްޗަށްވެސް އަރައިގެން ގޮސްފައިވެއެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދަދު މިހާރުވަނީ 1000ން ދަށްވެފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން މިހާތަނަށް 165000އަށް ވުރެ ގިނަ މީހުންނަށް ކޯވިޑް ޖެހި އޭގެ ތެރެއިން 149000އަށްވުރެ ގިނަ މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.