ޚަބަރު

ކޯވިޑްގެ ކޭސްތައް ދަށަށް، އަލަށް ޕޮޒިޓިވްވީ 844 މީހުން


ރާއްޖޭގައި ކޯވިޑް ޖެހޭ މީހުންގެ އަދަދު ދަށްވެ، އަލަށް ބަލިޖެހުނު މީހުންގެ އަދަދު 844އަށް ތިރިވެއްޖެއެވެ.
ކޯވިޑް ކޭސްތައް މިދިޔަ ޖެނުއަރީ މަހުން ފެށިގެންވަނީ އިތުރުވާން ފަށާފައެވެ. އަދި މިޢަދަދުތައް ދެހާހުން މައްޗަށްވެސްވަނީ އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބު ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކޯވިޑް ބައްޔަށް ޕޮޒިޓިވްވި 844 މީހުންނެވެ. ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅުތަކުންނެވެ. އެއީ 670 މީހުންނެވެ. މާލެއިން ޕޮޒިޓިވްވެފައި ވަނީ 104 މީހުންނެވެ. މީގެއިތުރުން ރިސޯޓުތަކުން 38 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ ޢަދަދު ވަނީ 165073 އަށް އަރާފައެވެ.

ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވަމުން ދިއުމާއެކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ދަނީ ދަށްވަމުންނެވެ. މިވަގުތު 15035 މީހަކު ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދަނީ، 24 މީހުންނަށެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 866 މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 149734 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3996 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 291 މީހަކު ވަނީ ނިޔާވެފައެވެ.

އާ އަހަރާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދު މިހާ ބޮޑަށް އިތުރުވެފައި މިވަނީ ކޯވިޑްގެ އާ ވޭރިއަންޓާއެކުއެވެ. މުޅި ރައްޖޭގައިވެސް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަތީގައި ހުރުމަށްފަހު މިހާރު އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވަމުން އަންނަނީ އަތޮޅުތަކުންނެވެ.