"މަދިރިން ރައްކާ" ޕްރޮގްރާމުގެ ދަށުން ހުޅުމާލެ ފޮގު ކުރުމާއެކު ސާފުކުރުމުގެ ހަރަކާތެއް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއިން ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، މުޖުތަމައުގެ ހިލޭސާބަހަށް މަސައްކަތް ކުރާ ފަރާތްތަކުގެ އެހީތެރިކަމާއެކުގައެވެ.
އެޗްޑީސީއިން ވިދާޅުވީ މަދިރި މަދު ކުރުމަށާއި، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުގެ ނުރައްކާ ކުޑަކުރުމަށް އާންމުކޮށް ކުރިއަށްގެންދާ މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމުގެ ދަށުން ފޮގު ކުރުމާއެކު ސާފުކުރުމުގެ މަސައްކަތްތައް މިއަދު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި ހަރަކާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރާއި އެ ކުންފުނީގެ އިސްވެރިންނާއި، މުވައްޒަފުންގެ އިތުރުން މޯޕާ އަދި އިތުރު ފަރާތްތައް ހިމެނޭހެން ގާތްގަނޑަކަށް 150 މީހުން ބައިވެރިވިއެވެ.
މި ހަރަކާތުގެ ދަށުން ހުޅުމާލެ 155 ވަނަ ފްލެޓާއި 163 ވަނަ ފްލެޓާ ދެމެދު އޮތް ސަރަހައްދު ވަނީ ސާފުކޮށްފައެވެ. އެޗްޑީސީއިން ވިދާޅުވީ، މުޖުތަމައުގެ ބައިވެރިވުން އިތުރު ކުރުމަށާއި، ތިމާވެށި ރައްކާތެރި ކުރުމުގެ ޒިންމާ އަށަގެންނެވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކޮންމެ ހޮނިހިރު ދުވަހަކު ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ސާފު ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މަދިރި މަދު ކުރުމަށާއި، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުގެ ނުރައްކާ ކުޑަކުރުމަށް އާންމުކޮށް ކުރިއަށްގެންދާ މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމުގެ ދަށުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައިވެސް ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި މަސައްކަތްތައް ބަހާލާފައިވަނީ، މައިގަނޑު ދެ ބަޔަކަށެވެ. އެއީ، ކޮންމެ ހަފުތާއަކު ތާވަލު ކޮށްގެން ކުރިއަށްގެންދާ ފޮގު ކުރުމުގެ މަސައްކަތާއި، އާންމުންގެ ޝަކުވާތަކަށް ބިނާކޮށް ނުވަތަ މަދިރި ގިނަވެގެން ފާހަގަކުރެވޭ ސަރަހައްދުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ފޮގު ކުރުމުގެ މަސައްކަތެވެ.
މި މަސައްކަތްތަކުގެ އިތުރުން މަދިރި އާލާވާ ތަންތަން މަދުކުރުމަށް ތިމާވެއްޓާއި ރައްޓެހި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅާފައެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ބަސް ހުއްޓިތަކުގެ ފުރާޅުތައް ބަލައި ފާސްކޮށް، އެތަންތަނުގައި ޖަމާވެފައި ހުރި ކުނިބުންޏާއި ފެންގަނޑުތައް ވަނީ ސާފުކޮށްފައެވެ. މަދިރި ކޮންޓްރޯލް ކުރުމަށް ހިންގާ މި ހަރަކާތްތަކަކީ، މަދިރި އާލާވާ މިންވަރު އިތުރުވުމުގެ ކުރިން އެފަދަ ތަންތަން ނައްތާލުމަށް އިސްނަގައިގެން ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތްތަކެކެވެ.
މަދިރި ކޮންޓްރޯލް ކުރުމުގެ ޤަވާއިދުގެ ދަށުން ހިންގާ ޕްރޮގްރާމްތަކުގެ ދަށުން، ވޭތުވެދިޔަ ތިން މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެއްފަހަރު ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އެއްކޮށް ވަނީ ފޮގްކޮށްފައެވެ. މީގެ ސަބަބުން މުޅި ހުޅުމާލެއަށް ޤަވާއިދުން މަދިރި ކޮންޓްރޯލް ކުރުމުގެ ޚިދުމަތް ދޭކަން ކަށަވަރު ކުރެވިފައިވާ ކަމަށް އެޗްޑީސީއިން ވިދާޅުވިއެވެ.
އެޗްޑީސީއިން ވިދާޅުވީ، މަދިރި ކޮންޓްރޯލް ކުރުމުގެ ޕްރޮގްރާމުގެ ނަތީޖާ އިތުރަށް ރަނގަޅުކޮށް، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ސިއްހީ ގޮތުން ރައްކާތެރި މާހައުލެއް ބިނާކުރުމަށްޓަކައި ޤަވާއިދުން ފޮގު ކުރުމާއި، މަދިރި އާލާވާ ތަންތަން ނައްތާލުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި މިކަމުގައި އާންމުންގެ ބައިވެރިވުން އިތުރު ކުރުމުގެ އިތުރުން މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ފުރިހަމައަށް ބޭނުންކުރުމަކީވެސް މުހިންމު ކަމެއް ކަމަށްވެސް އެޗްޑީސީއިން ވިދާޅުވިއެވެ.