ޚަބަރު

އިންޑިއާގެ މިނިވަން ދުވަހާއި ގުޅުވައިގެން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް


  • މިކޭމްޕުގައި އިންޑިއާގެ 58 ރައްޔިތުން ލޭ ހަދިޔާކުރި

  • ކުރިމަގުގައިވެސް މިފަދަ ކޭމްޕުތައް ބާއްވައި ލޭ ހަދިޔާކުރާނެ

އިންޑިއާގެ 80 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފިއެވެ.

ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި، އިންޑިއަން ކަލްޗަރަލް ސެންޓަރ އަދި އޯވާސީސް ޓަމިލް ވެލްފެއަރ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ލޭ ހަދިޔާކުރުމުގެ މިކޭމްޕަކީ، މިއަހަރު ފާހަގަކުރާ އިންޑިއާގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ބައެއްގެ ގޮތުގައި ބޭއްވި ކޭމްޕެކެވެ.

މި ކޭމްޕާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އޯވާސީސް ޓަމިލް ވެލްފެއަރ އެސޯސިއޭޝަނުން ވިދާޅުވީ، މި އިޖުތިމާއީ ހަރަކާތުގެ މަޤްޞަދަކީ އަމިއްލައަށް އިސްނަގައިގެން ލޭ ހަދިޔާކުރުމަށް ހިތްވަރު ދިނުމާއި، ލޭ ހަދިޔާކުރުމުގެ މުހިންމުކަމާ މެދު އާންމުން ހޭލުންތެރިކުރުވުމާއި، އިޖުތިމާއީ ޚިދުމަތާއި އެކުވެރިކަމުގެ ރޫޙު އާލާ ކުރުން ކަމަށެވެ.

ހުޅުމާލޭގައި ހުންނަ އޮރެންޖު ހިޔާގައި ކުރިއަށް ގެންދިޔަ މި ކޭމްޕުގައި ޖުމްލަ 58 މީހުންވަނީ ލޭ ހަދިޔާކޮށްފައެވެ. ލޭ ހަދިޔާކޮށްފައިވަނީ، މާލެ ސަރަހައްދުގައި މަސައްކަތް ކުރަމުންދާ އިންޑިއާއަށް ނިސްބަތްވާ ރައްޔިތުންނެވެ.

ޓަމިލް ވެލްފެއަރ އެސޯސިއޭޝަނުން ވިދާޅުވީ، އެކި ބާވަތްތަކުގެ ލޭ ހޯދުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އަދި މިފަދަ ހަރަކާތްތައް މެދުވެރިކޮށް އިންސާނިއްޔަތު ކަމުގެ ރޫޙު އާލާވެ، ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ދިނުމަށް މަގުފަހިވާ ކަމަށެވެ. އެ އެސޯޝިއޭޝަނުން ވަނީ، ކުރިމަގުގައިވެސް މިފަދަ ހަރަކާތްތަކުގެ ޒަރިއްޔާއިންނާއި ފަރުދީ ފެންވަރެއްގައިވެސް އެ ފަރާތްތަކުން ލޭ ހަދިޔާ ކުރުމަށް ތައްޔާރަށް ތިބޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އިންޑިއާ ހައިކޮމިޝަނުން އިސްނަގައިގެން ކޮންމެ އަހަރަކުވެސް ލޭ ހަދިޔާ ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދެއެވެ. މިފަދަ އެކި ހަރަކާތްތަކުގައި ގިނަ އަދަދެއްގެ އިންޑިއާ ރައްޔިތުންގެ އެއްބާރުލުން ލިބި، ގިނަ އަދަދެއްގެ ބަޔަކު ލޭ ހަދިޔާކުރާކަން ހައިކޮމިޝަނުން ފާހަގަކުރެއެވެ.