ރިޕޯޓް

ޓެކްސީ ދުއްވާ ފަރާތްތަކުން ޤަވާއިދަށް އަހުލުވެރިވާންޖެހޭ


ޓެކްސީގެ ޚިދުމަތް ހޯދާ ކަސްޓަމަރުގެ އިޒުނައާ ނުލައި، މަގުމަތިން އިތުރު ދަތުރުތަކަށް ޓެކްސީއަށް މީހުން އެރުވުމަކީ ޤަވާޢިދާ ޚިލާފު އަމަލަކަށްވާތީ، އެކަން އެގޮތަށް ނުކުރުމަށް ޓެކްސީ ޑްރައިވަރުންނަށް ޓްރާންސްޕޯޓް އޮތޯރިޓީން އިލްތިމާސްކުރައްވައިފިއެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ ޓެކްސީގެ ޚިދުމަތްދޭއިރު، މިފަދަ ޢަމަލުތައް ބައެއް ޓެކްސީ ޑްރައިވަރުންގެ ކިބައިން ފެންނަމުންދާކަމުގެ ޝަކުވާ އެ އޮތޯރިޓީއަށްވެސް ލިބިވަޑައިގަންނަވާކަމަށެވެ.ރާއްޖޭގައި ޓެކްސީގެ ޚިދުމަތް ދިނުން ހަމަޖެއްސުމާއި، ޓެކްސީގައި ކުރެވޭ ދަތުރުތަކަކީ މަގުމަތި ބޭނުންކުރާ އެންމެނަށްވެސް ރައްކާތެރި އަމާން ދަތުރުތަކަކަށް ހެދުމަށްޓަކައި އެކަމަށް ޚާއްޞަ ޤަވާއިދެއް ހައްދަވައި، އެޤަވާޢިދަށް ގެންދަވަނީ ޢަމަލުކުރައްވަމުންނެވެ. މި ޤަވާޢިދުގެ ދަށުން ޓެކްސީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޓެކްސީގެ ޚިދުމަތް ލިބިގަންނަ ފަރާތާއި ޚިދުމަތްދޭ ފަރާތުގެ މަޞްލަޙަތު ރައްކާތެރިކުރުމަށް ބާރުއަޅާފައިވެއެވެ. ޓެކްސީގެ ޚިދުމަތް ބޭނުންކުރާ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، މި ޚިދުމަތް ހޯދަމުންދާ ގިނަ ފަރާތްތަކެއްގެ ޝަކުވާއަކަށް މިހާރުވެފައި މިވަނީ ޓެކްސީއަށް އަރާ މީހާގެ އެއްވެސް ކަހަލަ ހުއްދައަކާއި ނުލާ، މަގުމަތިން އިތުރު ދަތުރުތައް ނަގާކަމުގެ ޝަކުވާއެވެ.މި މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާރމަން ޢަބްދުއްރަޝީދު ނާފިޒް ވިދާޅުވީ، ޓެކްސީގެ ޚިދުމަތަކީ ތަފާތު ޢުމުރުފުރާގެ މީހުން ބޭނުންކުރަމުން އަންނަ ޚިދުމަތަކަށްވާއިރު، މި ޚިދުމަތަކީ ބަހުގެ ޚިދުމަތްދޭ އުޞޫލުން މަގުމަތިން އެކި ތަންތަނުން މީހުން އަރުވައިގެން ދެވޭ ޚިދުމަތަކަށްވާން އެއްވެސް މީހަކު ބޭނުން ނުވާނެކަމަށެވެ. އަދި ޓެކްސީއަށް މަގުމަތިން މީހަކު އަރާ ހިނދުން ފެށިގެން އެ ޓެކްސީގައި ކުރިން އިންނަ މީހާގެ ސަލާމަތާއި ރައްކާތެރިކަމާމެދު ސުވާލު އުފެދިގެންދާކަމަށް ނާފިޒް ވިދާޅުވިއެވެ. "އެއްވެސް މީހަކު އުއްމީދެއް ނުކުރާނެ ގޭގައި ހުރެފައި ޓެކްސީގެ ހޯދާއިގެން ދާންބޭނުންވާ ތަނަށް ދިޔުމުގެ މަގުމަތީގައި ޖެހިގެން ހުރި ގޮޑީގައި ހުސްޖާގަ އޮތީމަ، އެޖާގަ ފުރޭ ވަރަށް މަގުމަތިން އިތުރު ދަތުރުތައް ނެގުން ނުވަތަ ބަސް ދުއްވާ އުސޫލުން ޓެކްސީގެ ޚިދުމަތް ދިނުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން. ދުނިޔޭގެ ކޮން ޤައުމަކުތޯއޭ ޓެކްސީއަކަށް އެރުމަށް ދެން އެ ޓެކްސީއެއްގައި އިންނަ މީހެއްގެ އިޒްނަޔާއި ނުލާ އެ ޓެކްސީއަކަށް އިތުރު މީހުން އަރުވައިގެން ދަނީ. ޓެކްސީއަށް މަގުމަތިން މީހަކު އަރާ ހިނދުން ފެށިގެން އެ ޓެކްސީގައި ކުރިން އިންނަ މީހާ އެވަނީ ނުރައްކަލަ ހުށަހެޅިފައި. އޭނާގެ ރައްކާތެރިކަމާ ދޭތެރޭ ސުވާލު އުފެދޭނެ. އެހެންވީމަ މި ދަންނަވަނީ އެއީ ޤަވާއިދާ ޚިލާފަށް ކުރެވޭ ކަމެކޭ، އެކަންތައް ތަކުރާރުވަމުންދާކަން މީޑިއާއިންނާއި އެ އޮތޯރިޓީއަށް ހުށަހެޅޭ ޝަކުވާތަކުންވެސް އެކަން އެނގޭ" ނާފިޒް ވިދާޅުވިއެވެ. ޢަބްދުއްރަޝީދު ނާފިޒް ވިދާޅުވީ، ޓެކްސީ ކުރުމަކީ ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަލިބިގެން ކުރާ ކަމަކަށްވެފައި، ރެގިއުލޭޓްރީ ބޮޑީއެއްގެ ޙައިސިއްޔަތުން ހެދިފައިވާ ޤާނޫނުތަކާއި، ޤަވާޢިދުތަކަށް ޢަމަލުނުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް އެ އޮތޯރިޓީން ފަސްނުޖެހޭނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެފަދަ ފަރާތްތަކާމެދު ފިޔަވަޅު ނާޅާ މަޑުކުރަނީ، މިއީ ވަރަށް ގިނަ ބައެއްގެ ވަޒީފާތަކާއި ގުޅިފައިވާ ކަމަކަށްވާތީ ކަމަށް ނާފިޒް ވިދާޅުވިއެވެ."އަޅުގަނޑުމެންނަށް އެހާ އުނދަގުލެއް ނުވާނެ ޓެކްސީގެ ހިދުމަތްދީފައި އޮންނަ ފަރާތަކަށް ޓެކްސީގެ ޚިދުމަތް ކަނޑާލުން. ޓެކްސީ ކުރުމަކީ ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަލިބިގެން ކުރާ ކަމަށްކަވާތީ، ތަކުރާރުކޮށް މިފަދަ އަމަލުތައް ކުރާ ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު އަޅާކަށް ފަހެއް ނުޖެހޭނަން" ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން ވިދާޅުވިއެވެ.ޤާނޫނުތަކާއި ޤަވާއިދުތައް ކަނޑައަޅަނީ ޚިދުމަތް ހޯދާ ފަރާތްތަކާއި، އަދި ޚިދުމަތް ދޭ ފަރާތްތަކުގެވެސް ލުއިފަސޭހައަކަށް ކަމަށްވާއިރު، މިފަދަ ޤާނޫނުތަކާއި ޤަވާއިދުތަކަށް އެކަށީގެންވާ ގޮތުގައި ޢަމަލުނުކުރެވޭނަމަ ރައްޔިތުން އެންމެ ބޭނުންވާ ފަދަ ޚިދުމަތެއް ފޯރުކޮށެއް ނުދެވޭނެއެވެ. އެހެންކަމުން ޓެކްސީގެ ޙިދުމަތްދޭ ފަރާތްތަކުންވެސް މިފަދަ ކަންކަމަށް ސަމާލުކަންދީގެން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އިލްތިމާސްކުރައްވާފައެވެ.