ޚަބަރު

ރޯމާ މެޗު އެއްވަރުވިއިރު ކޯމޯއަށް ހުވަފެނީ ފެށުމެއް


  • ކޯމޯއިން ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކުރީ 4 ލަނޑު އެއް ލަނޑުން

ޔޫރަޕްގެ ކްލަބްތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ޔުއޭފާ ޗެމްޕިއަންސް ލީގުގައި އޭއެސް ރޯމާ ކުޅުނު ފުރަތަމަ މެޗު އެއްވަރުވިއިރު މިމުބާރާތުގައި މުޅިން އަލަށް ވާދަކުރާ ކޯމޯ ފެށީ ކާމިޔާބީއަކާއެކުއެވެ.

މިމުބާރާތުގައި ރޯމާ އާއި ފެނަބާޗޭގެ މެދުގައި ކުުޅުނު މެޗު ނިމުނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ފެނަބާޗޭގެ ދަނޑުގައި ކުޅުނު މިމެޗުގައި ރޯމާއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ފެނަބާޗޭއެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ރޯމާއިންނެވެ. މެޗުގެ 39 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބްރަޔަން ކްރިސްޓަންޓޭއެވެ.

މިމެޗުގައި ފެނަބާޗޭއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިން ވަނަ މިނެޓުގައި އާޗީ ބްރައުން ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިމެޗުގައި ރޯމާއިން އިތުރު ލަނޑެއް ޖެހެތޯ މަސައްކަތް ކުރި ނަމަވެސް ފެނަބާޗޭގެ ޑިފެންސް ދެވަނަ ފަހަރަށް ފޫއަޅުވާލުމުގައި ކާމިޔާބުވާގޮތެއް ނުވިއެވެ. އަދި ފެނަބާޗޭއިން ވަނީ ދޭތެރެ ދޭތެރެއިން ރޯމާގެ ގޯލަށްވެސް ނުރައްކާ ކުރެވޭތޯ މަސައްކަތް ކޮށްފައެވެ. އަދި ފެނަބާޗޭއިން ރޮމެލޫ ލުކާކޫ ދެވަނަ ހާފުގައި ކުޅެން އެރުވުމާއެކު ރޯމާގެ ޑިފެންސަށް އިތުރަށް ބާރުބޮޑުވެގެންދިޔަތަން ފެނިގެންދިޔައެވެ.

މިމުބާރާތުގައި ފެނަބާޗޭ ކުޅޭ ދެވަނަ މެޗުގައި ރަށުން ބޭރުގައި އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ނިކުންނާނީ އެސްޓަން ވިލާ އާއި ދެކޮޅަށެވެ. އަދި ރޯމާ ހަމަ އެރޭ އަމިއްލަ ދަނޑުގައި ނިކުންނާނީ ރެއާލް މެޑްރިޑާއި ދެކޮޅަށެވެ.

ރޯމާގެ ނަސީބު ރަނގަޅު ނުވިނަމަވެސް މިމުބާރާތުގައި މުޅިން އަލަށް ވާދަކުރާ އިޓާލިއަން ސެރީއާގެ ކޯމޯ އާއި އާރްބީ ލެއިޕްޒިގް ބައްދަލުކުރި މެޗު 4 ލަނޑު ލަނޑު އެއް ލަނޑުގެ ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައިވަނީ ކޯމޯއެވެ. ކޯމޯގެ ދަނޑުގައި ކުޅުނު މިމެޗުގައި ކޯމޯގެ ފަރާތުން މުޅިން އަލަށް މިމުބާރާތުގައި ވާދަކުރަމުންދިޔަ ޓީމެއްގެ އެއްވެސް ކަމެއް ނެތެވެ. އޭގެ ބަދަލުގައި އެޓީމު ފަރާތުން ފެނިގެންދިޔައީ ވަރަށް އިތުބާރާއެކު ކުޅެމުންދިޔަ ތަނެވެ.

ދެޓީމުގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ކޯމޯއިން ކުރިއަށް އަރާ ގިނަ ފަހަރު ތަކުގައި ލެއިޕްޒިގްގެ ޑިފެންސަށް އޮންނަނީ ނުރައްކާވެގެން ގޮސްފައެވެ. ކޯމޯއިން ޔޫރަޕްގައި ކުޅުމަށް ދެކެމުން އައި ހުވަފެން ކާމިޔާބުވާން 119 އަހަރު ނެގި ނަމަވެސް މިމުބާރާތުގައި ފުރަތަމަ ލަނޑު ޖެހުމަށް ނެގީ އެންމެ 15 މިނެޓެވެ. މިމެޗުގެ ފުރަތަމަ ލަނޑުގެ އިތުރުން ކޯމޯގެ ތާރީހްގައި ޗެމްޕިއަންސް ލިގުގައި އެޓީމުން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ކޯމޯއަށް ނަގައިދިނީ މާޓިން ބަޓުރީނާއެވެ. އަދި މެޗުގެ 38 ވަނަ މިނެޓުގައި ބަޓުރީނާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކޯމޯގެ ދެވަނަ ލަނޑު ޖަހައިދިނީ ޓަސޯސް ޑޮއުވިކާސްއެވެ.

މިމެޗުގެ ދެވަނަ ހާފުގައި ލެއިޕްޒިގުން އެޓީމުގެ ކުޅުން ރަނގަޅު ކުރި ނަމަވެސް ކޯމޯގެ ހަމަލާތައް މާބޮޑަށް ހުއްޓުވޭގޮތެއް ނުވިއެވެ. މިގޮތުން މެޗުގެ 54 ވަނަ މިނެޓުގައި ކޯމޯގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަސާން ޑިއާއޮއެވެ. މިމެޗުގައި ލެއިޕްޒިގުން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 58 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އަންޑްރިޔާ މަސްކިމޯވިޗްއެވެ. އަދި ކޯމޯގެ ފަހު ލަނޑު މެޗުގެ 90 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މެކްސިމޯ ޕެރޯންއެވެ.

މިމުބާރާތުގައި ކޯމޯ ކުޅޭ ދެވަނަ މެޗުގައި އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު ނިކުންނާނީ ރަށުން ބޭރުގައި ފެޔެނޯޑް އާއި ދެކޮޅަށެވެ. އަދި ލެއިޕްޒިގް ކުޅުމަށް ހަމަޖެހިފައިވަނީ އަމިއްލަ ދަނޑުގައި ޕީއެސްވީ އެއިންދްހޯވެން އާއެވެ.