ދުނިޔެ

ޖޮންސަން އެންޑް ޖޮންސަންގެ ވެކްސިން ރައްކާތެރި


ޖޮންސަން އެންޑް ޖޮންސަން ކުންފުނިން ތައްޔާރުކޮށްފައިވާ ކޯވިޑް-19 ވެކްސިނަކީ ރައްކާތެރި އަދި ރަނގަޅަށް މަސައްކަތްކުރާ ވެކްސިނެއްކަމުގައި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން ކަނޑައަޅައިފިއެވެ. މި ނިންމުމާއިއެކު ކުއްލި ޙާލަތުގައި އެ ވެކްސިން ބޭނުންކުރުމުގެ ޙުއްދަ ވަރަށް އަވަހަށް ލިބޭނެކަމަށް ވަނީ ބެލެވިފައެވެ.

ވެކްސިނަށް ޙުއްދަ ދިނުމާއި ގުޅޭގޮތުން އެފްޑީއޭގެ މިނިވަން މާހިރުންގެ ޕެނަލަކުން މާދަމާ ގޮތެއް ނިންމުމަށްވަނީ ހަމަޖެހިފައެވެ. އެފްޑީއޭގެ މާހިރުން ވެކްސިން ރައްކާތެރިކަމަށް ބުނިނަމަވެސް އެ ނިންމުންތަކަށް ބަލާ ވެކްސިން ބޭނުންކުރަން ޙުއްދަދޭން ނިންމާކަށް މި ޕެނަލަކަށް މަޖުބޫރެއް ނުވާނެއެވެ. ނަމަވެސް ވެކްސިނަށް ޙުއްދަ ދިނުމުގައި އެފްޑީއޭއިން އާންމުކޮށް އަމަލުކުރަނީ މާހިރުންގެ ލަފަޔާއި އެއްގޮތަށެވެ. މީގެ ކުރިން ޙުއްދަދީފައިވާ ފައިޒާއާއި މޮޑާނާގެ ދެ ވެކްސިނަށްވެސް ޙުއްދަދީފައިވަނީ އެގޮތުގެ މަތިންނެވެ.

ކޯވިޑާއި ދެކޮޅަށް އުފައްދާފައިވާ އެހެން ވެކްސިންތަކާއި ޚިލާފަށް ޖޮންސަން އެންޑް ޖޮންސަންގެ ވެކްސިންގައި ހިމެނެނީ އެންމެ ޑޯޒްއެކެވެ. ޖޮންސަން އެންޑް ޖޮންސަނުން ވެކްސިން ތައްޔާރުކުރުމުގައި އަމާޒުކޮށްފައިވަނީ ކޯވިޑް ޖެހުމުން ބަލި ޙާލަތު ބޮޑުވުމުން ދުރުހެލިކުރުމަށެވެ.

ޖޮންސަން އެންޑް ޖޮންސަން ވެކްސިންވަނީ 44،000 މީހުންގެ މެދުގައި ތަހުލީލުކޮށްފައެވެ. އެގޮތުން އެމެރިކާގައި ކުރިއަށްގެންދިޔަ ތަހުލީލުތަކުގެ ނަތީޖާއިން ދެއްކިގޮތުގައި އެ ވެކްސިން ކާމިޔާބުވެފައިވަނީ 72 އިންސައްތައެވެ. ލެޓިން އެމެރިކާގައި ކުރިއަށް ގެންދިޔަ ތަހުލީލުތަކުގައި ކާމިޔާބީގެ ނިސްބަތް 66 އިންސައްތައިގައި ހުރިއިރު ވައިރަހުގެ ނުރައްކާތެރި އައު ވައްތަރެއް ފެތުރެމުންދާ ދެކުނު އެފުރިކާގައި ވެކްސިންގެ ކާމިޔާބީގެ ނިސްބަތްހުރީ 57 އިންސައްތައިގައެވެ.

ތަހުލީލުތަކުގެ ނަތީޖާއިން ދެއްކި ގޮތުގައި ބަލިޖެހުމުން ޙާލު ދެރަވުން ހުއްޓުވުމާއި ހަސްފަތާލުގައި ފަރުވާދޭން ޖެހުން ހުއްޓުވުމުގައި އެ ވެކްސިނުންވަނީ 85 އިންސައްތައަށް ކާމިޔާބުވެފައެވެ. އެ ނަތީޖާއަކީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި އަދި ވައިރަހުގެ އެކި ވައްތަރުތަކާއި ދެކޮޅަށް ވެކްސިން ތަހުލީލުކޮށްގެން ލިބުނު ނަތީޖާއެވެ. އެ ނަތީޖާ ޙާޞިލްވެފައިވަނީ ވެކްސިން ދިނުމުގެ 28 ދުވަހުގެ ތެރޭގައެވެ. ތަހުލީލުގެ ނަތީޖާ ލިބިފައިވަނީ ބަލީގެ އަލާމާތްތައް ފެނިފައިވާ 468 މީހުންގެ މެދުގައި ދިރާސާކޮށްގެންނެވެ.

ވެކްސިނާއި ގުޅޭ މަޢުލޫމާތުތައް ދިރާސާކުރުމަށްފަހު އެފްޑީއޭއިން ބުނީ ޖޮންސަން އެންޑް ޖޮންސަންގެ ވެކްސިން ދިނުމުގެ 14 ދުވަސް ތެރޭގައި ކޯވިޑް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދިނުމުގައި އެ ވެކްސިން ކާމިޔާބުކަމަށެވެ. ވެކްސިން ޖެހި މީހުންގެ ތެރެއިން ވެކްސިން ޖެހުމަށްފަހު 14 ދުވަސް ފަހުން ކޯވިޑް ޖެހި ޞިއްޙީ ފަރުވާ ދޭންޖެހޭ މިންވަރަށް ޙާލަތު ގޯސްވެފައިވަނީ އެންމެ ދެ މީހުންކަމަށް ތަހުލީލުތަކުންވަނީ ދައްކާފައެވެ.

ވެކްސިން ދިން މީހުންގެ ތެރެއިން ވެކްސިން ދިނުމުގެ 28 ދުވަސްފަހުން ކޯވިޑް ޖެހި ފަރުވާ ދޭންޖެހޭ މިންވަރަށް އެއްވެސް މީހެއްގެ ޙާލު ގޯސްވެފައިނުވާކަމަށް ދިރާސާއިންވަނީ ދައްކާފައެވެ.

ޖޮންސަން އެންޑް ޖޮންސަންގެ ތަހުލީލުގައި ވެކްސިން ދީފައިވާ މީހުންގެ ތެރެއިން 3 މީހަކަށް ވެކްސިން ދިނުމުން ބޮޑެތި ސައިޑު އިފެކްޓުތައްވަނީ ފެނިފައެވެ. ނަމަވެސް އެފްޑީއޭއިން ބުނީ އެ ތިން ހާދިޘާގެ ސަބަބުން ކުއްލި ޙާލަތުގައި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ނުދޭވަރުގެ ކަންބޮޑުވުމެއް އުފެދިފައި ނުވާކަމަށެވެ.

ޖޮންސަން އެންޑް ޖޮންސަންގެ ވެކްސިން ޖަހާފައިވާ މީހުންގެ ތެރެއިން އިންޖެކްޝަން ޖެހިތަނަށް ތަދުވެފައިވަނީ 48.6 އިންސައްތަ މީހުންގެއެވެ. 39 އިންސައްތަ މީހުންގެ ބޮލުގައި ރިއްސާފައިވާއިރު ވަރުބަލިކަން އިހުސާސްވީ 38.2 އިންސައްތަ މީހުންނަށެވެ. ގައިގައި ރިއްސާފައިވަނީ 33.2 އިންސައްތަ މީހުންނެވެ. 9 އިންސައްތަ މީހުން ހުން އައިސްފައިވާއިރު ގަދަ ހުމެއް އައިސްފައިވަނީ 0.2 އިންސައްތަ މީހުންނެވެ.