ތިމާވެށި

އިންޓެގްރޭޓެޑް ވޯޓަރ ރިސޯސަސް މެނޭޖްމަންޓް ޕްރޮޖެކްޓް


"އިންޓިގްރޭޓެޑް ވޯޓަރ ރިސޯސަސް މެނޭޖްމަންޓް ޕްރޮޖެކްޓް" އައި.ޑަބްލިއު.އާރ.އެމް ޕްރޮޖެކްޓާއި ގުޅޭގޮތުން ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކުގައި މެދުގައި މަޝްވަރާކުރުމަށް ބާއްވާ ރީޖަރނަލް ސްޓިއަރިންގ ކޮމިޓީގެ 3 ވަނަ ބައްދަލުވުން މިއަދު ފަށައިފިއެވެ. މިއަދުން ފެށިގެން 3 ދުވަހުގެ މުއްދަތަށް ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށްގެންދާ މިބައްދަލުވުން ފައްޓަވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުލް މަތީން މުހައްމަދެވެ. މި ބައްދަލުވުން ފައްޓަވައިދެއްވާ ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުލް މަތީން މުހައްމަދު ވިދާޅުވީ، ދެމެހެއްޓެނެވި ގޮތެއްގައި ސާފު ފެން އަގުހެޔޮކޮށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ ސަރުކާރުގެ ވަރަށް މުހިއްމު އަމާޒެއްކަމަށެވެ. އެގޮތުން މިކަން ތަންފީޒުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ދަށުން އއ. ތޮއްޑޫގައި ކުރިއަށް ގެންދާ މަޝްރޫޢުގެ މައްޗަށް ސްޓޭޓް މިނިސްޓަރ އަލިއަޅުއްވާލެއްވިއެވެ. މަތީން ވިދާޅުވީ ތޮއްޑޫގައި ފެނުގެ ނިޒާމް ޤާއިމުކުރުމަށް ސަރުކާރުން ހިންގަވާ މަޝްރޫއަކީ އެންމެފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހިންގޭ މަޝްރޫޢުއެއްކަމަށެވެ. އަދި ލޯނު އެހީއާއެކު ޖުމްލަ 30 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން މި ޕްރޮޖެކްޓަށް ހަރަދުކޮށްފައިވާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. "ތޮއްޑޫގައި ޤާއިމުކުރާ މަޝްރޫޢުގައި މި ބޭނުންކުރަނީ މިހާރު ފެނުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭނެ ފަހުގެ ޓެކްނޮލޮޖީތައް. އެގޮތުން ލޮނުފެން މީރު ފެނަށް ހެދުމަށް ބޭނުންކުރާ ޓެކްނޮލޮޖީގެ އިތުރުން، ވާރޭ ފެން ބޭނުންކުރެވޭނެ. އަދި ހަމަ އިންޓިގްރޭޓެޑް ވޯޓަރ ރިސޯސަސް މެނޭޖްމަންޓް ޕްރޮޖެކްޓް، މި މޮޑިއުލްގެ ތެރޭގައި ލޮނުފެން މީރު ފެނަށް ހެދުމަށްޓަކައި އިޔާދަ ކުރަނިވި ހަކަތައިގެ ބޭނުންވެސް ކުރެވޭނެ" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު ޝޯކޯ ނޯޑާ ވިދާޅުވީ ރައްކާތެރިގޮތުގައި ފެން ބޭނުންކުރުމާއި، ފެނުގެ މުހިއްމުކަން އިޚްސާސް ކުރަންވާނީ ހަމައެކަނި ފެން ނުލިބުމުން ނުވަތަ ފެނުގެ ކާރިސާއެއް ދިމާވުމުން ނޫންކަން ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މާލޭ ސިޓީއަށް ދިމާވި ފެނުގެ ކާރިސާއިންވެސް ފިލާވަޅުތަކެއް ހާސިލުކުރަންޖެހޭކަމަށާއި، އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދުރާލާ ތައްޔާރުވެ ތިބުން މުހިއްމުކަމަށްވެސް ޝޯކޯ ނޯޑާ ވިދާޅުވިއެވެ.އިންޓިގްރޭޓެޑް ވޯޓަރ ރިސޯސަސް މެނޭޖްމަންޓް ޕްރޮޖެކްޓް، އައި.ޑަބްލިއު.އާރ.އެމް ޕްރޮޖެކްޓަކީ، ރައްކާތެރިގޮތުގައި ބޯފެން އުފެއްދުމާއި، ފެން ބޭނުންކުރުމުގައި ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އދ. އަދި ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީގެ އެހީގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މި މަޝްރޫޢުގެ މައިގަނޑު އެއް މަޤުސަދަކީ، ކުދި ޖަޒީރާ ޤައުމުތުގައި ފެނުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ގެންގުޅޭ ސިޔާސަތުތަކާއި، ގެންގުޅޭ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމުގެ އިތުރުން، މިދާއިރާއިން މީހުން ބިނާކުރުމުގައި އެހީތެރިވެދިނުމާއި، އަދި ފެނުގައި ވަސީލަތްތައް ރަނގަޅުގޮތުގައި ބޭނުންކުރެވޭނޭ ހަރުދަނާ މޮޑިއުލްތަކެއް ނެރުމެވެ. 3 ދުވަހުގެ މި ބައްދަލުވުމަށްފަހު، މި ބައްދަލުވުމުގެ ބައިވެރިން އއ. ތޮއްޑޫއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތުދެއްވައެވެ. މިފަހަރުގެ މި ބައްދަލުވުމުގައި ރާއްޖެ ހިމެނޭހެން އެލާޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް، އޭއޯސިސްގެ މެމްބަރު 6 ޤައުމަކުން ޖުމްލަ 21 މަންދޫބުން ވަނީ ބައިވެރިވެފައެވެ.