ޚަބަރު

އޭސީސީގެ އިންވެސްޓިގޭޓަރަށް ކުރާ ދައުވާތައް އާދިއްތަދުވަހު


އެމްއެމްޕީއާރުސީގެ ހިޔާނާތުން ފައިސާ ލިބުނުކަމަށް ތުހުމަތުކުރާ އޭސީސީގެ ކުރީގެ މުވައްޒަފުގެ ޝަރީއަތްތައް ފެށުމަށް ކްރިމިނަލްކޯޓުން ތާވަލުކޮށްފިއެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ޏ.ފުވައްމުލައް، ހޯދަޑު، މައުނާ، ޢަބްދުﷲ އާޡިމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދެ ދައުވާއަކާއި މަނީ ލޯންޑަރިން ކުށުގެ ދެ ދައުވާއެވެ. މި މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު ނުވައެއް ޖަހާއިރުއެވެ.

ޢަބްދުﷲ އާޡިމްގެ މައްޗަށް ތުހުމަތުކުރާ މައްސަލައިގައި ވަނީ އޭސީސީގެ އިންވެސްޓިގޭޝަން އޮފިސަރަކަށް އޭނާ ހުރެ ތަހުގީގުކުރަމުންދިޔަ އެމްޕީއެލްއާއި އެމްއެމްޕީއާރުސީ އާއި ދެމެދު ހިންގި ޑޮލަރު މާރުކުރުމުގެ ކޮރަޕްޝަނާއި ގުޅޭ މައްސަލައިގެ މައުލޫމާތު އެ މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކަށް ދީފައިވާކަމަށެވެ. އެގޮތުން މި މައްސަލަ އޭސީސީން ތަހުޤީގުކުރާ ޓީމުގައި އިސްކޮށް ހުރެ މައްސަލަ ހިގަމުންދާ ގޮތުގައި މައުލޫމާތު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ކުރީގެ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތަށް ދީފައިވާކަމަށެވެ. އަދި އެ މައުލޫމާތު ހިއްސާކުރުމަށާއި ތަހުޤީގު ވަކި ގޮތަކަށް އަނބުރާލުމަށް 100،000 (އެއްލައްކަ) ޑޮލަރުގެ ރިޝްވަތު ހިފާފައިވާކަމަށް މި މައްސަލާގައި ޕީޖީ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.

ރިޝްވަތުގެ ގޮތުގައި ޢަބްދުﷲ އާޡިމަށް ފައިސާދީފައިވަނީ އެސްއޯއެފްގެ ކުންފުނީގެ ޗެކަކުންކަމަށާއި އެ ފައިސާ އަސްލު އޮޅުވާލުމަށް ފައިސާ އާޡިމް ފުރަތަމަ ޖަމާކޮށްފައިވަނީ އޭނާގެ ކޮއްކޮގެ އެކައުންޓަށްކަމަށްވެސް ޕީޖީގެ ބަޔާނުގައިވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން ޢަބްދުﷲ އާޡިމާއި ދެކޮޅަށް އުފުލި ދައުވާގައި އޭނާ ރިޝްވަތުގެ ގޮތުގައި ނަގާފައިވާ އެއްލައްކަ ޑޮލަރު އަނބުރާ ނަގާދިނުމަށްވެސް ވަނީ އެދިފައެވެ.