ކޯވިޑް-19

ކޯވިޑް-19 : މޮނިޓަރިންގެ ޙާލަތަށް ލާފައިވާ ރަށްތަކަށް ޖެންޑަރ މިނިސްޓްރީން ކެއަރ ޕެކޭޖް ފޮނުވަނީ


ގއ. އާއި ލ. އަތޮޅުގެ ބައެއް ރަށްތައް މޮނިޓަރިންގގެ ހާލަތަށް ގެނައުމާއި ގުޅިގެން އެރަށްރަށުގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ކެއަރ ޕެކޭޖު ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވިދާޅުވެއްޖެއެވެ.

ޕީ.އެސް،އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޖެންޑަރ މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަންސް އިބްރާހީމް މުޙައްމަދު ވިދާޅުވީ، ގއ. އަތޮޅުގެ ބައެއް ރަށްތަކުންނާއި ލ. އަތޮޅުގެ ބައެއް ރަށްތައް މޮނިޓަރިންގއަށް ލާފައިވުމުން، އެ ރަށްރަށުގައި ދާންމަތިވެފައިވާ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރި ފަރާތްތަކާ ގުޅައި، ބޭނުންވާ އެހީތެރިކަން ދެނެގަތުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާކަމަށެވެ. އަދި އެފަރާތްތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެހީތެރިކަމާއެކު އެ ފަރާތްތަކަށް ކެއަރ ޕެކޭޖް ފޮނުވުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.


މި މަސައްކަތުގެ ދަށުން، މޮނިޓަރިންގެ ޙާލަތަށް ލާފައިވާ ރަށްރަށުގައި ދިރިއުޅެމުންދާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ދާންމަތިވެފައިވާ ފަރާތްތަކަށް 32 ކެއަރ ޕެކޭޖް ފޮނުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. މި ކެއަރ ޕެކޭޖްތަކުގައި ސެނިޓައިޒަރއާއި، ޑިިސްޕޮސިބަލް މާސްކާއި، ޑިޓޯލް ހޭންޑްވޮޝް، އަންގި އަދި އެޑަލްޓް ޑައިޕާސް ހިމެނޭނެކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.

މި ކެއަރ ޕެކޭޖްތައް ފޮނުވުމަށްޓަކައި އެސް.ޓީ.އޯގެ އުޅަނދަކަށް ލޯޑުކޮށްފައިވާކަމަށާއި، ކުރިއަށްއޮތް ދެ ދުވަހެއްގެ ތެރޭގައި މިތަކެތި ދެއްވަދޫއަށް ފޯރާނެކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި އިތުރު ރަށްތަކަށްވެސް އެތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ގއ. ދެއްވަދޫއިން ކޯވިޑް-19ގެ އެކްޓިވް ކޭސްތަކެއް ފެނި، އެ ކޭސްތަކާއި ގުޅުންހުރި އިތުރު ކޭސްތަކެއް އެހެން ރަށްތަކަކުން ފެނުމާއި ގުޅިގެން 4 ރަށެއް މޮނިޓަރިންގެ ޙާލަތަށް އެޗް.ޕީ.އޭއިން ވަނީ ލާފައެވެ. އެއީ ލ. ފޮނަދޫއާއި އެއަތޮޅު ގަމުގެ އިތުރުން، ގއ. ވިލިނގިއްޔާއި، އެއަތޮޅު ދާންދޫއެވެ. ނަމަވެސް އެޗް.ޕީ.އޭއިން މިހާރު ވަނީ ފޮނަދޫ މޮނިޓަރިންގެ ޙާލަތުން ނަގާފައިވާކަން ހާމަކުރައްވާފައެވެ.