ޚަބަރު

ރައްކާތެރިކަމާއެކު ބޯޓުފަހަރަށް ބަނދަރު ކުރެވޭނެގޮތަށް ހިތަދޫ ޕޯޓަށް ބަދަލުގެންނަނީ


ރައްކާތެރިކަމާއެކު ބޯޓުފަހަރަށް ބަނދަރުކުރެވޭނެގޮތަށް ހިތަދޫ ޕޯޓަށް ބަދަލުގެނެސް ޕްލޭނެއް އެކުލަވާލައިފިއެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި ތަރައްޤީކޮށްފައިވާ ސައުތު އިންޓަނޭޝަނަލް ޕޯޓް ނުވަތަ ހިތަދޫ ޕޯޓްގައި މޫސުން ގޯސްވާ ދުވަސްވަރު ބަނދަރުކުރުމުގައި މިހާރު ދަނީ ބޮޑެތި ދަތިތަކަކާއި ކުރިމަތިވަމުންނެވެ.

ހިތަދޫ ޕޯޓަށް ބަނދަރުކުރުމުގައި ދިމާވާ ދަތިތަކުގެ މައްޗަށް އަލިއަޅުވާލާ ވާހަކަފުޅުދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤް ވަނީ މޫސުން ގޯސްވާ ދުވަސްވަރު ލަފާފުރުމަށް ދިމާވާ ދަތިތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މޫސުން ގޯސްވާ ދުވަސްވަރު ބޯޓުފަހަރު ތޮށިގަނޑަށް ކައިރި ކުރުމުގައި ދަތިތަކާއި ކުރިމަތިވާއިރު، ބަނދަރުކޮށްފައި އޮންނަ ބޯޓުތަކުގެ ވާ ކަނޑައިގެންގޮސް ބޯޓުފަހަރަށް ގެއްލުންވާކަން މޭޔަރ ފާހަގަކުރެއްވިއެވެ. ހިތަދޫ ޕޯޓްއަށް ފުރަތަމަފަހަރަށް އިންޑިއާގެ ސޫތުކުޅިން ދަތުރުތައް ފަށާފައިވާއިރު، މި މައްސަލައަށް އަވަސް ހައްލެއް ބޭނުންވާކަން އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤް ފާހަގަކުރެއްވިއެވެ.

"ގަންގަން ކަނޑާއި ވިލިނގިލީ ކަނޑުން އަންނަ ރާޅުތަކުން އަޅުގަނޑުމެންނަށް މި ފެންނަނީ ބަނދަރުކޮށްފައި އޮންނަ ބޯޓުތަކުގެ ވާ ކަނޑައިގެންގޮސް ބޯޓުފަހަރަށް ބޮޑެތި ގެއްލުންތައް ވާތަން. އަޅުގަނޑުމެންމިކަމަށް ވަރަށް އަވަސް ހައްލެއް ބޭނުންވޭ" އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤް ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކުރުމަށް ހިތަދޫ ޕޯޓް ހިންގާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ ރައްކާތެރިކަމާއެކު ބޯޓުފަހަރަށް ބަނދަރުކުރެވޭނެގޮތަށް ހިތަދޫ ޕޯޓަށް ބަދަލުގެނެސް ޕްލޭނެއް އެކުލަވާލާފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން ބަނދަރުގެ އިރުމަތީ ފަރާތުގައި މަގަތު ފާލަމެއް ތަރައްޤީކުރުމަށް ވަނީ ޕްލޭންކޮށްފައެވެ.

މި ފާލަން ރައްކާކުރުމަށްޓަކައި އިތުރު ތޮށްޓެއްލާ ފާލަން ނިވާވާނެ އިންތިޒާމު ހަމަޖައްސާނެކަން ޝާހިދު ވިދާޅުވިއެވެ. މިގޮތަށް ބަނދަރަށް ބަދަލު ގެނައުމުން ރައްކާތެރިކަމާއެކު ކޮންމެ މޫސުމެއްގައިވެސް ބޯޓުފަހަރަށް ބަނދަރުކުރެވޭނެކަމުގެ ޔަޤީންކަން އެމްޕީއެލްގެ ސީއީއޯ ދެއްވިއެވެ.

"މި މައްސަލަ ހައްލުކުރުމަށް ހިތަދޫ ޕޯޓަށް ބަދަލުގެނެސް ޕްލޭނެއް ވަނީ އެކުލަވާލާފައި. ބަނދަރުގެ އިރުމަތީ ފަރާތުގައި މަގަތު ފާލަމެއް ތަރައްްޤީކުރާނަން. ފާލަން ރައްކާކުރުމަށްޓަކައި އިތުރު ތޮށްޓެއްވެސްލާނަން" އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލްއިން ވަނީ ރައްކާތެރިކަމާއެކު ބޯޓުފަހަރަށް ބަނދަރު ކުރެވޭނެގޮތަށް ހިތަދޫ ޕޯޓަށް ބަދަލުގެނެސް އެކުލަވާލި ޕްލޭން ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި ހިއްސާކޮށްފައިވާކަން ހާމަކޮށްފައެވެ. އަދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި މި ޕްލޭންގެ އަމަލީ މަސައްކަތް ފެށޭނެކަމަށްވެސް އެމްޕީއެލްއިން ވިދާޅުވިއެވެ.