ޚަބަރު

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް މީޑިއާތަކާއެކު ޚާއްސަ އޮަޕަރޭޝަނެއް


މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމައްޓަކައި ފުލުހުންނާއި މީޑިއާތައް ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މިއޮޕަރޭޝަންގެ ތެރެއިން ރާއްޖޭގެ 4 މީޑިއާއެއްގެ ހާޒިރުގައި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މަސްތުވާތަކެތި ގިނަ އަދަދަކަށް ބޭނުންކުރާ ހާލިތަކެއް ވަނީ ރެއިޑްކޮށްފައެވެ. މި އޮޕަރޭޝަންގައި ބައިވެރިވެފައިވަނީ ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއާއި، ރާއްޖެ ޓީވީ އާއި، ސަން މީޑިއާ އާއި މިހާރު ނޫހުންނެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ޓުވީޓް

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ މިއޮޕަރޭޝަންގައި މީޑިއާތަކުން 72 ގަޑިއިރެއްހާއިރު ހޭދަކޮށްފައިވެއެވެ. މިކަން ހާމަކޮށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ކުރެއްވި ޓުވީޓްގައި ވަނީ "އިމްޕެކްޓް ޖަރނަލިޒަމް"ގެ ދަށުން މި މަސައްކަތް ފަށާފައިވަނީ ފުލުހުންގެ އޮޕަރޭޝަންތަކުގެ ތަފްސީލު ހާމަކޮށްދީ ޤައުމީ މި މައްސަލަ ހައްލުކުރުމަށްޓަކައި މީޑިއާތަކުގެ ދައުރު އިތުރުކުރުމަށް ކަމަށެވެ. އެގޮތުން މިމަސައްކަތުގެ ދަށުން މަގުމަތީގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާއި ކެފޭ ކޮންސެޕްޓަށް މި ވިޔަފާރި ކުރާ މީހުންގެ ހާލިތަކަށްގޮސް މި މައްސަލައިގެ ބޮޑުމިން ހާމަކޮށްދީ ރާއްޖެއިން މި ވަބާ ފުހެލުމަށް އެންމެންގެ އެއްބާރުލުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވަނީ އެދިވަޑައިގެންފައެވެ. އަދި މީޑިއާތަކާއެކު ކުރާ މިމަސައްކަތް އިތުރަށް ފުޅާކޮށް މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެކަންވެސް ކޮމިޝަނަރ އޮފް ޕޮލިސްވަނީ ހާމަކުރައްވާފައެވެ.

މިމަހުގެ 12 ވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އޮޕަރޭޝަނާއި މީޑިއާތަކުން ގުޅިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެގޮތުން މި އޮޕަރޭޝަންގައި މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާކަމަށް މަޢުލޫމާތު ލިބިގެން މާލޭގެ 19 ގެޔެއްވަނީ ރެއިޑްކޮށްފައެވެ. މިޑިއާތަކާއެކު ކުރިއަށްދިޔަ މި އޮޕަރޭޝަންގައި ކޯޓު އަމުރުގެ ދަށުން ބައެއް ގޭގެޔަށް ވަދެފައިވާއިރު، ގިނަ އަދަދަކަށް މަސްތުވާތަކެތި ބޭނުންކުރަނިކޮށްވެސް ބައެއް ގެތައް ރެއިޑްކޮށްފައިވެއެވެ. މިމަހުގެ 12 ވަނަ ދުވަހު މި އޮޕަރޭޝަން ފަށާފައިވާއިރު، ފުޅާދާއިރާއެއްގައި މަސްތުވާތަކެތީ ބޭނުކުރަމުންދިޔަ ބައެއް ތަންތަން އެތަންތަނުގެ ވެރިންވަނީ ތަޅު އަޅުވާ ބަންދުވެސް ކޮށްފައެވެ.

މި އޮޕަރޭޝަންގެ ދަށުން މީޑިއާތަކުން މަސްތުވާތަކެތީގެ ވަބާ ރާއްޖޭގައި މިހާރު އޮތް ޙާލަތާއި، ނިޒާމުގައި ހުރި މައްސަލަތަކާއި، ހައްލުކުރުމަށް އިތުރަށް އަވަސްކުރަންޖެހޭ ކަންކަމަށް ބާރު އަޅާ އެކި އުފެއްދުންތައް އުފެއްދުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޕީއެސްއެމް ނިއުސްއިންވެސް މިކަމާ ގުޅޭ ޚަބަރާއި ރިޕޯޓާއި ޑޮކިއުމެންޓްރީއެއްވެސް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.