ތިމާވެށި

ހަކަތައިގެ ދާއިރާއާއި ގުޅޭ މަގުޗާޓު އެކުލަވައިލުމުގެ މަސައްކަތް ވަނީ ނިމުމަކާ ގާތްވެފައި : އެންވަޔަރަމަންޓް މިނިސްޓަރ


ރާއްޖޭގެ ހަކަތައިގެ ދާއިރާއާއި ގުޅޭ މަގުޗާޓު އެކުލަވައިލުމުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާކަމަށާއި، އެކަމަށް ބޭނުންވާ ޤަވާއިދުތަކާއި ޕްލޭންތައް ތައްޔާރުކޮށްފައިވާކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، 3 ވަނަ ބައިނަލްއަޤްވާމީ "ރިނިއުވަބަލް އެނަރޖީ އިންވެސްޓާރސް މީޓް އެންޑް އެކްސްޕޯ"ގައި ރާއްޖެއަށް ޚާއްސަކޮށްފައިވާ ސެޝަން ފައްޓަވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި މަހުގެ 26 އިން 28 އަށް ކުރިއަށް ގެންދިޔަ މި ވާރޗުއަލް އެކްސްޕޯގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، ރާއްޖެ އަމާޒު ހިފާފައިވަނީ ތިމާވެއްޓާއި ރައްޓެހި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަށްކަމަށެވެ. އަދި މި އަމާޒަށް ވާސިލުވުމަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ތައްޔާރުކުރަންޖެހޭ ޤަވާއިދުތަކާއި ސްޓްރެޓީޖިކް އެކްޝަން ޕްލޭންތައް ތައްޔާރުކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ސަރުކާރުގެ ސްޓެރެޓީޖިކް އެކްޝަން ޕްލޭންގައި ހަކަތައިގެ ދާއިރާއިން ހާސިލްކުރަން ޖެހޭ މުޙިންމު ލަނޑުދަނޑިތަކެއް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ނެޓް މީޓަރިންގެ ޤަވާއިދަށް ގެނެވުނު އިސްލާހާއި، ހަކަތަ އާއި ޔޫޓިލިޓީ ރެގިއުލޭޓްރީ އޮތޯރިޓީގެ ބިލް މަޖިލީހުން ފާސްކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ހަކަތައިގެ ދާއިރާއާއި ގުޅޭ މަގުޗާޓު އެކުލަވައިލުމުގެ މަސައްކަތް ނިމުމާއި ކައިރިވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫޢުތަކަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި މަހުގެ 24 ވަނަ ދުވަހު، ހުޅުލެ – ހުޅުމާލެ ގުޅޭ ލިންކް ރޯޑުގައި 5 މެގަވޮޓްގެ ސޯލަރ ޕީވީގެ ނިޒާމު ޤާއިމުކުރުމަށް ބޭރުގެ ކުންފުންޏަކާއި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި ޕްރޮޖެކްޓަށް މީގެ ކުރިން ލިބިފައިވާ ޓެރިފް ރޭޓާއި އަޅާބަލާއިރު ހެޔޮ އަގެއް ލިބިފައިވާކަން މިނިސްޓަރ ވިދާޅުވިއެވެ.

ސޯލަރ ޕީވީން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ގަންނަ އަގު 25 ޔޫއެސް ސެންޓުން 10.09 ސެންޓަށް ވަނީ 5 މެގަވޮޓް ސޯލަރ ޕްރޮޖެކްޓާއިއެކު ތިރިވެފައެވެ. އަދި މިހާރު އިއުލާނުކޮށް ޕްރީ ކޮލިފިކޭޝަން މަރުހަލާގައި އޮތް 21 މެގަވޮޓުގެ ސޯލަރ ޕީވީގެ މަޝްރޫޢަށް މިހާރު ލިބިފައިވާ ޓެރިފް ރޭޓަށްވުރެ އަގުހެޔޮ ރޭޓެއް ލިބުމަކީ އުއްމީދެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ސެޝަންގައި މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަންގެ އިތުރުން އިންޑީއާގެ މިނިސްޓަރ އޮފް ނިއު އެންޑް ރިނިއުވަބަލް އެނަރޖީ ރާޖް ކުމާރު ސިންގް އާއި ވޯލްޑް ބެންކްގެ ރީޖަނަލް ޑިރެކްޓަރ ގްއާންޒޭ ޗެންގެ އިތުރުން ވޯލްޑް ބޭންކްގެ ދިވެހިރާއްޖެ، ސްރީލަންކާ އަދި ނޭޕާލްގެ ކަންޓްރީ ޑިރެކްޓަރ ފާރިސް ހަދީދް ޒެރްވޯސް އާއި ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖްވަދު މުސްތަފާގެ އިތުރުން ވޯލްޑްބޭންކާއި އިންޓަނޭޝަނަލް ސޯލާރ އެލަޔަންސް އަދި އިންޓަނޭޝަނަލް ރިނިއުބަލް އެނަރޖީ އޭޖެންސީ (އައިރީނާ) ގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ މިނިސްޓަރ އޮފް ނިއު އެންޑް ރިނިއުވަބަލް އެނަރޖީ އާރް. ކޭ ސިންގް ވިދާޅުވީ ދިވެހިރާއްޖެއިން އިއާދަކުރަނިވި ހަކަތަ ޕްރޮމޯޓްކުރުމަށް ކުރާ މަސައްކަތުގައި އިންޑިއާ ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެކަމަށެވެ. ރިނިއުވަބަލް އެނަރޖީ އިންވެސްޓާރސް މީޓް އެންޑް އެކްސްޕޯގައި ދިވެހިރާއްޖޭގެ ވާރޗުއަލް ސްޓޯލެއްވެސް ވަނީ ޤާއިމްކޮށްފައެވެ.