ޚަބަރު

ބައިނަލްއަޤުވާމީ ކުރެހުމުގެ މުބާރާތުގެ 1، 2، 3 ވަނައިގައި ނޭކުރެންދޫ ދަރިވަރުން


ނަވާރަވަނަ މެންގްރޫވް އަރޓް މުބާރާތުގެ ގިނަ ވަނަތަކެއް ރާއްޖެއިން ހުށައެޅި ކުރެހުންތަކަށް ލިބިއްޖެއެވެ.

މި މުބާރާތުގައި ބައިވެރިވި ފުރަތަމަ ފަހަރު ރާއްޖެއަށް ވަނީ މިމުބާރާތުގެ އެއްވަނަ ދެވަނަ އަދި ތިންވަނަވެސް ލިބިފައެވެ. މިވަނަތައް ހޯދިފައި ވަނީ މުބާރާތުގައި ބައިވެރިވި 34 ޤައުމަކުން ހުށައެޅި ކުރެހުންތަކާއި ވާދަކޮށްގެންނެވެ. ރާއްޖޭގެ ފަރާތުން މުބާރާތުގައި ބައިވެރިވެފައި ވަނީ ހދ.ނޭކުރެންދޫ ސްކޫލުންނެވެ. ޢުމުރުން 6 އަހަރާއި 16 އަހަރާއި ދެމެދުގެ ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ މި މުބާރާތުގައި ނޭކުރެންދޫ ސްކޫލުން 71 ދަރިވަރަކުވަނީ ކުރެހުން ހުށައަޅާފައެވެ. މުބާރާތުގައި ވަނަވަނައަށް ދިޔަ ކުރެހުންތައް މުބާރާތް އިންތިޒާމުކުރާ އެމެރިކާގެ މެންގްރޫވް އެކްޝަން ޕްރޮޖެކްޓްގެ އަންނަ އަހަރުގެ ކަލަންޑަރުގައި ހިމެނުމަށްވަނީ ނިންމާފައެވެ.

މެންގްރޫވް އެކްޝަން ޕްރޮޖެކްޓް(މެޕް)ގެ ފަރާތުން އިންތިޒާމުކުރާ މިމުބާރާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ކަނޑޫފާތަކާއި ޗަސްބިންތަކާއި ބެހޭ ގޮތުން ދަރިވަރުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގެ ޝިޢާރަކީ "މެންގްރޫވްސް ހުންނަ މުޖުތަމަޢުއަކަށާއި އަދި ދުނިޔެއަށް އެތަންތަން މުހިއްމުވަނީ ކީއްވެގެންބާ؟"މިއެވެ.

ރާއްޖޭގެ 11 ސަރަޙައްދެއްގައި ހިމެނޭ ކަނޑޫފާތައް އާދަޔާ ޚިލާފަށް މަރުވެ ނެތިދިޔުމުގެ ބިރު ހީވެފައިވާ މިދަނޑިވަޅުގައި މިފަދަ ތަންތަނުގެ މުހިއްމުކަން ޢާއްމުނަށް ހާމަކޮށްދީ ހޭލުންތެރިކަން އިތުރުކުރުމަށް މެޕްއާއި ގުޅިގެން ރާއްޖޭގެ ޖަމިއްޔާއެއްކަމަށްވާ ސޭވް މޯލްޑިވްސް ކެމްޕޭނުން އަންނަނަކީ އިތުރު ޖަމިއްޔާތަކާއި ގުޅިގެން މަސައްކަތްކުރަމުންނެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުން ހަލާކުވަމުން އަންނަ ކަނޑޫފާތަކުގެ ތެރޭގައި ހދ.ނޭކުރެންދޫގެ ކަނޑޫފާވެސް ހިމެނެއެވެ. މިފަދަ ތަންތަނަށް ދިމާވެފައިވާ މައްސަލަ ދެނެގަތުމަށް މިހާރު ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއެކު މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން އަންނަނީ މަސައްކަތްކުރައްވަމުންނެވެ.