ޚަބަރު

އަޤްޞާއަށް ޔަހޫދީ ވަޒަންވެރިން ވަދެގަނެ، ހުރުމަތް ކަނޑައިފި


ޔަހޫދީ ދައުލަތުގެ އިސްތިއުމާރީ ބާރުތަކުގެ ފުރިހަމަ ޙިމާޔަތާއެކު، ޣައިރުޤާނޫނީ ގޮތުގައި ވަޒަންވެރިވެފައިވާ ހައްދުފަހަނައެޅި ޔަހޫދީންގެ 100 އެއްހާ މީހުން އާދީއްތަ ދުވަހުގެ ހެނދުނު މުސްލިމުންގެ މުޤައްދަސް މަސްޖިދުލްއަޤްޞާގެ ގޯތިތެރެއަށް ގަދަކަމުން ވަދެގެންފިއެވެ.

ޤުދުސް ގަވަރނަރޭޓުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ޔަހޫދީ ދައުލަތުގެ ފުލުހުންގެ ބެލުމުގެ ދަށުން ވަދެގަތް ޔަހޫދީ ވަޒަންވެރިން ވަނީ މިސްކިތުގެ ގޯތިތެރޭގައި ތަލްމޫދީ އަޅުކަންތައްތައް އަދާކޮށް، މުސްލިމުންގެ މި މާތް ބިނާގެ ޙުރުމަތް ކަނޑާލައިފައެވެ.

މި ޖަރީމާ ހިންގާފައިވަނީ، ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ބައެއް ވަޒީރުންގެ އިތުރުން ވަޒަންވެރިންގެ އެތައް ހާސް ބަޔަކު، ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު އިރުމަތީ ޤުދުސްގެ ހުޅަނގު ފާރު ސަރަޙައްދަށް ވަތްތާ އެއްދުވަސް ފަހުންނެވެ.

ޔަހޫދީންގެ ދީނީ މުނާސަބަތުތަކާ ގުޅުވައިގެން އަލްއަޤްޞާ މިސްކިތަށް ވަދެގަންނަ މިންވަރު އިތުރުވަމުންދާއިރު، މިއީ އެ މިސްކިތުގެ އިސްލާމީ ވަންތަކަން ފޮހެލުމަށް ޔަހޫދީ ދައުލަތުން ކުރަމުންދާ މަސައްކަތެއް ކަމަށް ބުނެ ފަލަސްޠީނުން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

މީގެ އިތުރުން، ޣައްޒާގައި ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާ ޔަހޫދީ ދައުލަތުން ކަނޑައެޅިގެން ޚިލާފުވެ، ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދިން ވައިގެ އަދި އެއްގަމު ޙަމަލާތަކުގައި ފަލަސްޠީނުގެ އިތުރު ހަތަރު މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ.

ޝަހީދުވި މީހުންގެ ތެރޭގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. މުނީރު އަލް-ބުރްޝްގެ ދަރިކަލުން، އުމުރުން 28 އަހަރުގެ ބަސީރު އަލް-ބުރްޝް ހިމެނެއެވެ. އޭނާ ޝަހީދުވީ ޣައްޒާގެ އުތުރުގައިވާ ޖަބާލިޔާ ރެފިއުޖީ ކޭމްޕުގެ ހުޅަނގުގައިވާ އަލް-ޒަހްރާ އަވަށަށް ދިން ހަމަލާއެއްގައެވެ.

ހަމައެއާއެކު، ޣައްޒާ ސިޓީގެ އިރުމަތީގެ އަވަށަކަށް ޔަހޫދީން ދިން ޑްރޯން ޙަމަލާއެއްގައި މީހަކު ޝަހީދުވެފައިވާއިރު، މެދުތެރޭ ޣައްޒާގެ ކޭމްޕުގެ އުތުރުގައި ޔަހޫދީ ސިފައިން ދިން ހަމަލާއެއްގައި ކުރިން ޒަޚަމްވި ފަލަސްޠީނު އަންހެން ކުއްޖަކު ވެސް ވަނީ ޝަހީދުވެފައެވެ. އަދި ޣައްޒާ ސިޓީގެ އަލް-ޝެއިޚް ރަޟްވާން އަވަށުގައި ޢާންމުންގެ ކާރަކަށް އަމާޒުކޮށް ދިން ޑްރޯން ޙަމަލާއެއްގައި މީހަކު ޝަހީދުވެ، އިތުރު ހަތް މީހުން ޒަޚަމްވިއެވެ. ސިއްޙީ އިދާރާތަކުގެ މަސްދަރުތަކުން ބުނާ ގޮތުގައި ޒަޚަމްވި މީހުންގެ ތެރޭގައި ދެ އަންހެން ކުޑަކުދިން ހިމެނޭއިރު، އޭގެ ތެރެއިން އެއް ކުއްޖެއްގެ ޙާލު ވަރަށް ސީރިއަސްއެވެ.

މީގެއިތުރުން، ޖަބާލިޔާ ކޭމްޕުގެ އިރުމަތީ ސަރަޙައްދަށް ޔަހޫދީންގެ ޢަސްކަރިއްޔާއިން ބަޑީގެ ޙަމަލާތައް ދީފައިވާއިރު، ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގެ ސަރަޙައްދަށް ޑްރޯން ބޭނުންކޮށްގެން ބޮންއަޅާފައިވެއެވެ. އަދި ޚާން ޔޫނިސްގެ ހުޅަނގުގައިވާ އަލް-މަވާސީ ސަރަޙައްދާއި ރަފަޙާ އިންވެގެންވާ ސަރަޙައްދުތަކަށް ޔަހޫދީންގެ އަސްކަރީ ހެލިކޮޕްޓަރުތަކުން ވަރުގަދަ ބަޑީގެ ޙަމަލާތަކެއް ވަނީ އަމާޒުކޮށްފައެވެ.

އޮކްޓޯބަރު 2023އިން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ނަސްލުހޭދުކުރުމާއި ޤަތުލުޢާންމުގައި މިހާތަނަށް ފަލަސްޠީނުގެ 73,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށް، 174,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްފައެވެ.

މީގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. ނަމަވެސް، މާހިރުން ލަފާކުރާ ގޮތުގައި އިމާރާތްތަކުގެ ދަށުވެ ގެއްލިފައިވާ މީހުންނާއެކު ޙަޤީޤީ ޝަހީދުންގެ ޢަދަދު 200,000 އަށްވުރެ މައްޗަށް އަރާނެއެވެ.

ޔަހޫދީ ދައުލަތުގެ މި އަނިޔާވެރި ޢުދުވާނުގައި މުޅި ޣައްޒާ ސުންނާފަތިކޮށް، މުޅި އާބާދީ ގެދޮރުން ނެރެ މަގުމަތިކޮށްފައިވާއިރު، މިހާރުވެސް ޣައްޒާގެ 60 އިންސައްތަ ސަރަޙައްދު އޮތީ ޔަހޫދީންގެ ފުރިހަމަ ޙިޞާރެއްގެ ދަށުގައެވެ.

ހަމަލާ ހުއްޓައިލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، ޔަހޫދީ ދައުލަތުން ދަނީ ކޮންމެ ދުވަހަކު އެ އެއްބަސްވުމާ ޚިލާފުވަމުންނެވެ. އެގޮތުން އެއްބަސްވުމަށްފަހު ވެސް 1,400 އާ ގާތްކުރާ ޢަދަދަކަށް ޔަހޫދީން ވަނީ ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކޮށް، 4,800 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފައެވެ.