ޚަބަރު

އީގަލްސްއިން ގައްދޫ ބަލިކޮށްފި


  • ގައްދޫގެ މައްޗަށް އީގަލްސްއިން ކުރިހޯދީ 2-0 އިން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބް އީގަލްސްއިން ދެވަނަ ހާފުގައި ކާމިޔާބުކުރި ލަނޑުތަކުން ގައްދޫ ރެކްރިއޭޝަން ކުލަބް އަތުން މޮޅުވެއްޖެއެވެ.

މިއީ ލީގުގައި އީގަލްސްއިން ހޯދި ދެވަނަ މޮޅެވެ. އީގަލްސްއިން ވަނީ ފުރަތަމަ މެޗުގައި ބިސް ބުރުގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރިހޯދައިފައެވެ. އަދި ގައްދޫގައި އާދީއްތަ ދުވަހު ހަވީރު ކުޅުނު މެޗު އީގަލްސްއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އީގަލްސްއިން ކާމިޔާބުކުރި ދެ ލަނޑު ވެސް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ދެވަނަ ހާފުގައި އީގަލްސްއިން ވަނީ ކުޅުން ރަނގަޅުކޮށް އެ ޓީމުގެ އެޓޭކުތައް ވަރުގަދަކޮށްފައެވެ.

އީގަލްސްއިން ލީޑު ނެގީ މެޗުގެ 68 ވަނަ މިނިޓްގައި ތަޖުރިބާކާރު ކުޅުންތެރިޔާ އިސްމާއިލް އީސަ (މެސީ) ކާމިޔާބުކުރި ގޯލުންނެވެ. މި ލަނޑަށްފަހު ވެސް އީގަލްސްއިން ވަނީ ގައްދޫގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އީގަލްސްގެ ދެވަނަ ގޯލު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ޖަހައިދިނީ މުހައްމަދު ޖައިލަމްއެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އީގަލްސް ވަނީ ލީގުގައި ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ހޯދައިފައެވެ. އަދި އެ ޓީމުން އޮތީ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ވިކްޓްރީ ސްޕޯޓްސް ކުލަބާ އެއްވަރަށް ޕޮއިންޓް ހޯދައިފައެވެ. އީގަލްސްއަށް ދެވަނަ ލިބެނީ ގޯލުގެ ތަފާތުން ވިކްޓްރީ ކުރީގައި އޮތީމައެވެ.

މެޗުން ބަލިވި ގައްދޫ ވަނީ ލީގުގައި ތިން މެޗު ކުޅެފައެވެ. ފުރަތަމަ މެޗުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި ޓީސީ ސްޕޯޓްސް ކުލަބް އަތުން ބަލިވީ 4-2 އިންނެވެ. އަދި އީގަލްސް އަތުން ބަލިވީ 2-0 އިންނެވެ.