ކޯވިޑް-19

ސީރޯ ޕްރިވެލަންސް ސަރވޭގެ ދެވަނަ ބުރު ފަށަނީ، މިފަހަރު 18 އަހަރުން މަތީގެ މީހުންނަށް


ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ކުރިއަށްގެންދާ އެންޓިބޮޑީސް ޓެސްޓްކުރާ "ސީރޯ ޕްރިވެލަންސް ސަރވޭ"ގެ ދެވަނަ ބުރު ފެށުމަށް ތައްޔާރުވަމުންދާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

މިހާރު ފަށާފައިވާ ސީރޯ ޕްރިވެލަންސް ސަރވޭއަކީ، ރާއްޖޭގައި ކޯވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ ގްރޭޓަރ މާލެ ސަރަހައްދުގެ އާބާދީގެ ތެރެއިން ކުރިން މި ބައްޔަށް ހުށައެޅިފައިވަނީ އާބާދީގެ ކިތަކެއް އިންސައްތަތޯ ދެނެގަނެ، ކޯވިޑް-19 އިތުރަށް ފެތުރިގެންދާ ބާރުމިނާއި، ޕޮލިސީތަކަށް އިތުރަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ކުރިއަށްގެންދާ ސަރވޭއެކެވެ.

އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗް.ޕީ.އޭގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، މި ސަރވޭގެ ފުރަތަމަ ބުރުގައި 18 އަހަރުން ދަށުގެ ކުދިންގެ ގައިން ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި، ދެވަނަ ބުރު ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. އެންޓިބޮޑީސް ޓެސްޓްކުރުމަށް ކުރިއަށްގެންދާ މި ސަރވޭގެ ދެވަނަ ބުރު ޚާއްސަކޮށްފައިވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށްކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. ޑރ. އަފްޒަލް ވިދާޅުވީ، ސަރވޭގެ ދެވަނަ ބުރު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ނަމެއް ނެގުމަށްފަހު އެ ފަރާތަކަށް އެސް.އެމް.އެސް ފޮނުވައިގެންކަމަށެވެ. މިގޮތަށް އެސް.އެމް.އެސް ފޮނުވާ ފަރާތްތަކުން ސަރވޭއަށް އެއްބާރުލުން ދެއްވުމަށް ޑރ. އަފްޒަލް ވަނީ އެދިވަޑައިގެންފައެވެ.

"އެސް.އެމް.އެސް ލިބުމުން އެބޭފުޅަކު ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ތަނަކަށް ވަޑައިގަންނަވާނީ. ވަޑައިގަންނަވަން ޖެހޭނީ ހަވީރު 4 އިން ރޭގަނޑު 7 ޖެހުމާއި ދެމެދު. ސާމްޕަލް ނެގުމަށް މާލޭގައި ނަމަ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އަދި ފެކަލްޓީ އޮފް އެޑިއުކޭޝަނަށް ދެވޭނެ. ހުޅުމާލޭގައި ޖެމްސް ޕްރީސްކޫލަށް އަދި ވިލިމާލޭގައި ނަމަ ވިލިމާލޭ ހޮސްޕިޓަލަށް ދެވޭނެ" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ސީރޯ ޕްރިވެލަންސް ސަރވޭ ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. 4 މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ސަރވޭގެ ފުރަތަމަ ބުރުގައި ސާމްޕަލް ނެގުމުގެ މަސައްކަތް އެޗް.ޕީ.އޭއިން ކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާއެކުއެވެ. މިއީ އެންޓި ބޮޑީ ޓެސްޓަކަށްވުމުން މި ސަރވޭގައި ޓެސްޓް ހަދަނީ އާންމުކޮށް ލޭގެ ޓެސްޓް ހެދުމަށް ބޭނުންކުރާ މިންވަރަށްވުރެ މަދުން ލޭ ނަގައިގެންނެވެ. އަދި ލޭ ނަގާނީ ރެޕިޑް ރެސްޕޮންސް ޓީމުންނެވެ. މި ސަރވޭގެ މަސައްކަތް 4 ހަފްތާގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެކަމަށް އެޗް.އީ.އޯ.ސީން ވަނީ ވިދާޅުވެފައެވެ.