ވިޔަފާރި

ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި


ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.

ކޯވިޑް19 އަށްފަހު ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ މިއަދުއެވެ.

ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ކުރަނީ ލަންޑަންގެ ހީތްރޯ އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. ހަފްތާގެ 3 ދުވަހު އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ބާއްވާނެއެވެ. ލަންޑަންއިން ރާއްޖެއަށް ދަތުރުތައް ކުރާނީ އާދިއްތަ، ބުދަ، އަދި ހުކުރު ދުވަހުއެވެ. ރާއްޖެއިން ލަންޑަންއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

ބްރިޓިޝް އެއާވޭސް އިން ރާއްޖެ އަށް ސީދާ ދަތުރުތައް ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ބައެއް މަންޒިލްތަކަށްވެސް އެ އެއަރލައިނުން ކުރަމުން ދިޔަ ދަތުރުތައް މިމަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖައްސާފައެވެ.

ބްރިޓިޝް އެއަރވޭސްއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ އެއަރލައިނެކެވެ. އެހެންކަމުން މި އެއަރލައިންގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.

ޖުލައިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއިއެކު ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން މިހާރު ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފައެވެ. އަދި ގިނަ އެއަރލައިންތަކަކުން ދަތުރު ފެށުމަށްވެސް އަންނަނީ ތައްޔާރުވަމުންނެވެ.